ލައިފްސްޓައިލް

ކަންޔޭ ވެސްޓްގެ ރިއާސީ ކެމްޕޭނަށް 6.8 މިލިއަން ޑޮލަރުގެ ބަޖެޓެއް

ކަންޔޭގެ ކެމްޕޭން ލޯންޗްކުރަން ޖުލައި މަހު ބޭއްވި ރެލީގެ ތެރެއިން.

އެމެރިކާގެ ރިއާސީ އިންތިހާބަށް ވާދަކުރާ މަޝްހޫރު މިއުޒިޝަން ކަންޔޭ ވެސްޓްގެ ކެމްޕޭނަށް 6.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް 5.87 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އޭނާގެ ކެމްޕޭން ހަރަދުތަކާ ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ފިރިމީހާ، ނޮވެމްބަރު 3 ގައި ބާއްވާ އިންތިހާބަށް ވާދަކުރަން ނިންމިކަން ޖުލައި މަހު އިއުލާންކުރި ނަމަވެސް، ކެމްޕޭނުގައި އެއްވެސް ފޯރިއެއް ޖޯޝެއް މިހާތަނަކަށް ނެތެވެ. އެހެންވެ ބައެއް މީހުން ދަނީ ހަމަ ހަގީގަތުގައި ވެސް ކަންޔޭ ރައީސް ކަމަށް ވާދަކުރަނީކަމާ ދޭތެރޭ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް މީހުން ވަނީ މިއީ ރެޕާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ފަންނާނު އަމިއްލަ އަށް ޖައްސާ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އަނެއްކޮޅުން އަންހެނުން ކިމް ވަނީ ރިއާސީ އިންތިހާބުގައި ވާދަކުރަން ކަންޔޭ ނިންމި ނިންމުމަކީ އޭނާ ވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކައިފަ އެވެ. މިކަމާ ގުޅިގެން ދެ މީހުން ވަރިފަށަށް ނާރައި ސަލާމަތް ވެސް ވީ ކިރިޔާ އެވެ.

ކިމް ބުނެފައިވާ ގޮތުގައި އޭނާގެ ހަތަރު ކުދިންގެ ބައްޕަ އަކީ ނަފުސާނީ މައްސަލަތަކެއް ހުރި މީހެކެވެ. އެހެންވެ އޭނާ ކުރާ ކަންކަން ސީރިއަސްކޮށް ނުނެގުމަށް ވެސް ކިމް އެދިފައިވެ އެވެ.

ކަންޔޭގެ ކެމްޕޭނު ހަރަދާ ބެހޭ ރިޕޯޓްގައިވާ ގޮތުން "ބެލޮޓް އެކްސެސް ސާވިސެސް" ގެ ގޮތުގައި ކަންޔޭ ވަނީ އެޓްލަސް ސްޓްރެޓެޖީ ގްރޫޕަށް 1.28 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެ ގްރޫޕަކީ އެމެރިކަން ކޮންޒަވޭޓިވް ޔުނިއަންގެ ކުރީގެ އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި މިޒޫރީގައި ރިޕަބްލިކަން ޕާޓީ ޕްރޮމޯޓްކުރަން ކުރިން ވަރަށް އިސް ރޯލެއް އަދާކުރި ގްރެގް ކެލާގެ ކުންފުންޏެކެވެ.

ކަންޔޭގެ ކެމްޕޭނަށް ކަނޑައެޅި 6.8 މިލިއަން ޑޮލަރުގެ ބަޖެޓްގެ ތެރެއިން 5.87 މިލިއަން މިހާތަނަށް ހޭދަކޮށްފައިވާ އިރު އޭގެ ތެރެއިން 2.7 މިލިއަން ހޭދަކުރީ ބެލޮޓް އެކްސެސްގެ ގޮތުގައި ނިއު ޔޯކްގެ ލޯންގް އައިލޭންޑްގެ މިލީނިއަލް ސްޓްރެޓެޖީސްއަށެވެ. އަދި 1.5 މިލިއަން ޑޮލަރު އަރިޒޯނާގެ ޓެމްޕީގެ ފޯޓިފައިޑް ކޮލްސަންޓިން އަށް ހޭދަކޮށްފައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ކަންޔޭގެ ކެމްޕޭނަށް އެކި ފަރާތްތަކުން ދީފައިވާ އެހީގެ އަދަދު 11,472 ޑޮލަރަށް އަރަ އެވެ. އޭގެ ތެރެއިން 3،850 ޑޮލަރަކީ އެކި ފަރުދުން ހަދިޔާކުރި ފައިސާ އެވެ. ފަރުދީ ގޮތުން ކަންޔޭގެ ކެމްޕޭނަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ އެޕަލް ކުންފުނީގެ ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ސެން ފްރަންސިސްކޯގެ މެކް ޓޭލާ އާއި ކަންޔޭގެ ކްލޯތިން ލައިން "ޔީޒީ ގެޕް" ގެ ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރާ ލޯރެންސް ޝެންޑްލާ އެވެ. އެއިން ކޮންމެ މީހަކު 1،000 ޑޮލަރު ހަދިޔާކުރި އެވެ.

އުމުރުން 43 އަހަރުގެ ކަންޔޭ އަކީ ބިލިއަނަރެކެވެ. އޭނާގެ މިލްކިއްޔާތު 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ.

ނޮވެމްބަރު މަހުގެ 3 ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނަކީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަބޫލެއްނުކުރެވޭ

07 September 2020

ޡތިއީ ކަޅުމީހުންގެ ވޯޓް ބައިބައި ކުރަން ޓްރަމްޕް ނެރެފައިހުރި ޕަޕެޓެއް

The name is already taken The name is available. Register?

އިބްރާހިމްކަލޭފާނު

08 September 2020

މަ ވެސް ހީކުރިގޮތަށް ތިބުނީ...ސަޅި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454