ގިނަ އަދަދެއްގެ ފައިސާ: ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި -- ފޮޓޯ/މިހާރު
09 ސެޕްޓެމްބަރ 2020 - 09:01
ފާޅުގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކުން ދައުލަތަށް ލިބޭ ގެއްލުންތައް އެތައް ބިލިއަން ރުފިޔާއަކަށް އަރާނެ އެވެ. އެއްވެސް ސަރުކާރަކަށް އެކަން ހުއްޓިފައެއް ވެސް ނެތެވެ. ދައުލަތުގެ ވަޒީފާތައް އަދާކުރެއްވި ނުވަތަ އަދާކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކުއްލި މުއްސަނދިކަމާއި ތަނަވަސް ކަމަކީ އޭގެ އަނެއް ކޮޅެވެ. މުޅި އުމުރުގެ އާމްދަނީއާ ނުބައްދަލު މިލިއަން ޑޮލަރުގެ މުއްސަނދި ކަން ކުރު މުއްދަތެއްގެ ތެރޭގައި ބައެއް ބޭފުޅުންނަށް ލިބިވަޑައިގެންނެވި ގޮތަކާ މެދު އާންމުންގެ މެދުގައި ކިތަންމެ ސުވާލެއް އުފެދުނަސް ގާނޫނުގެ އަތް އެ ބޭފުޅުންނާ ހަމައަށް ފޯރާނެ ގޮތެއް ނެތެވެ.
ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ އޭގެ ފުރަތަމަ ފިޔަވަޅު ކަމަށް ވެދާނެ އެވެ. ޖަވާބުދާރީ ނުވެވޭ ގޮތުގައި ހޯދާ މުއްސަނދިކަން (އިލިސިޓް އެންރިޗްމަންޓް) ކުށަކަށް ހެދުމަކީ ސިޔާސީ ގިނަ ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި އެ ބޭފުޅުން ގޮތެއް ނިންމަން ޖެހޭ ވަރުގަދަ އިމްތިހާނެކެވެ.
އެ ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ މީހަކު އޭނާއަށް ލިބުނު އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވާ ނަމަ އަދި އެއީ ގާނޫނު ހުއްދަ ކުރާ ގޮތެއްގެ މަތިން ލިބުނު އެއްޗެއް ކަން ސާބިތުކޮށް ނުދެވޭ ނަމަ ނުހައްގު މުއްސަނދިކަން ހޯދުމުގެ ކުށުން އެ މީހަކު ކުށްވެރިވާނެ އެވެ. އަދި އާމްދަނީއާ ނުބައްދަލު މުދަލެއް ހުރީ ދައުލަތުގެ މުވައްޒަފެއްގެ އާއިލީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި ކަމަށް ވިޔަސް، އެ މުދަލަކީ ދައުލަތުގެ މުވައްޒަފުގެ ބާރު ހިނގާ ގޮތަށް ކަމަށް ވާ ނަމަ އޭނާ ކުށްވެރިވާނެ އެވެ.
އެ ބިލު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކު ނުހައްގު މުއްސަނދި ކަމެއް ހޯއްދަވައިފި ނަމަ އެއީ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. އެ ނޫން ދައުލަތުގެ މުވައްޒަފުންނަށް ބިލް އޮތް ގޮތުން އަންނާނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމްތަކެވެ. އަދި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ގާނޫނުލް އުގޫބާތު ބަލަމުން އަންނަ މިންގަނޑު ވެސް އިތުރަށް ފުޅާކުރަން އެ ބިލުގައި ހިމަނާފައިވެ އެވެ.
ދައުލަތުގެ މުވައްޒަފުން ކަމަށް ގާނޫނުލް އުގޫބާތު މިހާރު ގަބޫލުކުރަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުވައްޒަފުން އެކަންޏެވެ. އެކަމަކު އަލަށް ހުށަހެޅި ބިލުގައި ހިމަނާފައިވަނީ ސަރުކާރާއި މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ދައުލަތުން މުސާރަ އާއި އިނާޔަތްތައް ދޭ ކޮޮންމެ މީހަކީ ދައުލަތުގެ މުވައްޒަފުން ކަމަށް ބެލުމަށެވެ. އެއީ އިންތިޚާބު ކުރާ މަގާމުތަކާއި އައްޔަންކުރާ މަގާމުތަކާއި ދާއިމީ ނުވަތަ ވަގުތީ ވަޒީފާތަކާއި ކޮޮންޓްރެކްޓް އުސޫލުން އަދާކުރާ ވަޒީފާތައް ވެސް ހިމެނޭ ގޮތުންނެވެ. ނަމަވެސް އާމްދަނީއާ ނުބައްދަލު ގޮތަކަށް ހޯދި މުދާ ނުވަތަ ފައިސާއާ މެދު އަމަލު ކުރާނެ ގޮތެއް މި ބިލްގައި ނެތުމަކީ ވަރަށް ބޮޑު އުނި ކަމެކެވެ.
ކޮރަޕްޝަން މިހާތަނަށް ނުހުއްޓުވި އޮތް ސަބަބަކީ ކޮބައިތޯ އަހައިފި ނަމަ ސިޔާސީ މީހުންގެ ނުފޫޒާއި ބާރުގެ ވާހަކަ ނޫން ޖަވާބެއް ނުލިބޭނެ އެވެ. އެއީ އެކަން ހިނގާ ގޮތް ނަމަވެސް، އަސްލު ބޮޑު މަންޒަރަކީ އެއީ ކަމަށް ބުނެވޭކަށް ނެތެވެ. ގާނޫނީ ގޮތުން ހުރި ހުރަސްތަކުގެ ސަބަބުން، ކޮރަޕްޝަން ހުއްޓުވުމުގެ ޒިންމާ އޮތް މުއައްސަސާތަކުގެ ހަތަރެސްފައި ބަނދެވިފައި އޮތުމަކީ އެންމެ ބޮޑު މައްސަލަ އެވެ. ޖަވާބުދާރީ ނުވޭ މުއްސަނދިކަމާއި ތަނަވަސްކަން ނުހުއްޓޭ ސަބަބަކީ އެއީ އެވެ.
މަޖިލީހުގެ ޖަލްސާއެއް: ބިލް ފާސްކުރުމުގެ ބާރު އޮތީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާ އެމްޑީޕީގެ އަތުގައި -- ފޮޓޯ/މަޖިލިސް
މިސާލެއްގެ ގޮތުން ރިޝްވަތުގެ ކުށް ބަލަމާ ހިނގާށެވެ. ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ރިޝްވަތު ހިފުމާއި ގަބޫލުކުރުމަކީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ކުށެކެވެ. ނަމަވެސް ދައުލަތުގެ މަގާމެއްގައި ހުރި މީހަކަށް ރިޝްވަތު ހިފުމުގެ ތުހުމަތު ކުރެވުނަސް، ގާނޫނުލް އުގޫބާތު އޮތް ގޮތުން އެކަން ކުށަކަށް ވަނީ އޭނާ ރިޝްވަތު ހިފީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކަމަށްވާ ނަމަ އެވެ. މުދަލެއް ނުވަތަ ފައިސާއެއް ލިބުމަކީ އޭގެ ޒާތުގައި ކުށަކަށް ނުވެ އެވެ.
އެހެންކަމުން ރިޝްވަތުގެ ކުށެއް ސާބިތުވުމުގައި، ވަކި މުދަލަކީ ނުވަތަ ފައިސާއަކީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަށް ނުވަތަ ވަކި ގޮތަކަށް އެކަން ކުރުމުގެ މުގާބިލުގައި އޭނާއަށް ލިބުނު އެއްޗެއް ކަން ސާބިތުވާން ޖެހެ އެވެ. ދައުވާކުރާ ފަރާތުގެ ހައިސިއްޔަތުން މިކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނަނީ ދައުލަތަށެވެ. ދައުލަތުން މި ބުރަ އުފުލަން ޖެހެނީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރު (ބިއޯންޑް އަ ރީޒަނަބްލް ޑައުޓް) ގެ މިންގަނޑުންނެވެ.
އެކަމަކު މިހާ ބަރު މިންގަނޑަކުން އެފަދަ ކުށެއް ސާބިތު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް، ކޮރަޕްޝަން ފަދަ ފޮރުވިގެން އަދި ސިއްރުވެރި ގޮތަކަށް ހިންގާ ކުށުގެ އަމަލުތަކުގައި އާންމު ގޮތެއްގައި ހެކިވެރިންގެ ގޮތުގައި ތިބޭނީ ކުށުގެ އަމަލުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވާތީ އެފަދަ ބައެއްގެ ހެކިބަހަށް ބިނާކޮށް ކުރިން މިދެންނެވި މިންގަނޑުން އެފަދަ ކުށެއް ސާބިތުވުމަކީ ނާދިރު ކަމެކެވެ.
އެއާ ތަފާތުކޮށް، ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމުން އެ ބުރަ ފުރޮޅިގެން ދާނީ ތުހުމަތުކުރެވޭ މީހާއަށެވެ. ދައުލަތުގެ މުވައްޒަފަށް ލިބިފައިވާ ވަކި މުދަލަކީ ނުވަތަ މުއްސަނދި ކަމަކީ ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން އަދި ކިހިނެއް، ކޮން ގޮތަކަށް ލިބުނު އެއްޗެއް ކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަން ޖެހޭނީ އެ މީހެކެވެ. ދައުލަތުގެ މައްޗަށް އޮންނާނެ ހަމައެކަނި ބުރައަކީ އޭނާއަށް އާމްދަނީއާ ނުބައްދަލު މުދަލެއް ނުވަތަ މުއްސަނދި ކަމެއް ލިބިފައިވާ ކަން ސާބިތުކޮށް ދިނުމެވެ.
ރާއްޖޭގައި މިފަދަ ނިޒާމެއް މިހާތަނަށް ބޭނުން ކުރަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 155 ވަނަ މާއްދާ ބުނާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި ޝައްކުކުރެވޭ މުދަލާއި ފައިސާއަކީ ކިހިނެއް އަދި ކޮން ގޮތަކަށް ލިބުނު އެއްޗެއްކަން އޭގެ ވެރިފަރާތަށް ސާބިތުކޮށް ނުދެވިއްޖެ ނަމަ އެ މުދަލެއް އަދި ފައިސާއެއް ދައުލަތަށް ނެގިދާނެ އެވެ. މިއީ ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމާ އެއްގޮތް ސިފަތަކެއް އެކުލެވޭ ކަމަކަށް ވިޔަސް، މަސްތުވާތަކެތި ނޫން މައްސަލަތަކަށް އެ އުސޫލެއް ނުހިނގަ އެވެ.
ނުހައްގުު މުއްސަނދިކަން ކުށަކަށް ހަދަން ސަރުކާރުން ހުށަހެޅި ބިލް ގާނޫނަކަށް ވިޔަސް، މިހާރު އޮތް ގޮތުން މާ ބޮޑު ނަތީޖާއެއް ފެންނާނެ ކަމަކަށެއް ނުބެލެވެ އެވެ. ސަބަބަކީ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ލިބުނުކަން ދެނެގަނެވެނީ މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާން ގަވާއިދުން ހުށަހެޅި، އޭގެ ތެދު ދޮގު ކަށަވަރު ވެގެން ކަމަށް ވާއިރު އެފަދަ ނިޒާމެއް އަދި ނެތުމެވެ. ވެރިން މާލީ ބަޔާންތައް އަދިވެސް އޮތީ ދައުލަތުގެ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. އަދިި ސުވާލު އުފެދޭ އެތައް މާލީ ބަޔާނެއް އެބަ ހުއްޓެވެ.
މާލީ ބަޔާން ހުށަނޭޅުމުން ފިޔަވަޅު އެޅެނީ މަޖިލިސް މެމްބަރުންނަށް އެކަންޏެވެ. ސަރުކާރުގެ އިސް މަގާމުތަކާއި ފަނޑިޔާރުންނާއި ދައުލަތުގެ އެހެން އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެ އުސޫލެއް ނުހިނގަ އެވެ. މާލީ ބަޔާނުގެ ތެދުދޮގު ބެލުމުގައި އޮޑިޓަ ޖެނެރަލްގެ ބާރު ހިނގަނީ ވެސް ބައެއް މަގާމުތަކަށެވެ. މިކަމަށް ހައްލު ގެންނަން މި ބިލުގައި އެއްވެސް އުސޫލުތަކެއް ހިމަނާފައެއް ނެތެވެ. މާނައަކީ މި ބިލް ގާނޫނަކަށް ވުމަކީ ރަމްޒީ ބަދަލަކަށް ނޫނީ ނުވާނެ އެވެ.
ދައުލަތުގެ މުވައްޒަފުންނަށް ޖަވާބުދާރީ ނުވެވޭ ގޮތުގައި ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދި ކަން ކުށަކަށް ހެދުމަކީ ރާއްޖެ ބައިވެރިވެފައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން" އިން ބާރުއަޅާ ކަމެކެވެ. މި ނިޒާމު ބަލައިގަތް ގައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވެ އެވެ. ފްރާންސާއި ގްރީސް އާއި ޕާކިސްތާން ފަދަ ގައުމުތައް އޭގެ ހެއްކަކަށް ފުދެ އެވެ.
އެ މުއާހަދާގައި ރާއްޖެ ބައިވެރިވިތާ 12 އަހަރު ވީއިރު އެކަން ކުށެއްގެ ގޮތުގައި ކަނޑަނޭޅި އޮތް އޮތުމުގެ ޒިންމާ ނަގަން ޖެހެނީ ސަރުކާރުތަކާއި ސިޔާސީ ބޭފުޅުންނެވެ. މިކަން ކުށަކަށް ހަދަން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހަށް ދެ ފަހަރެއްގެ މަތިން ހުށަހެޅި ބިލްތައް ފާސް ނުވެ އޮވެ، މަޖިލިހުގެ ދައުރު ވެސް ހަމަވީ އެވެ. އެތައް އަހަރެއްގެ ދިރާސާތަކަށް ފަހު ގާނޫނުލް އުގޫބާތު ވެސް ފާސްކުރީ އެ ކުށް ނުހިމަނަ އެވެ. މިފަހަރު ސަރުކާރަށާއި އެމްޑީޕީއަށް ސުޕަ މެޖޯރިޓީއެއް މަޖިލީހުގައި އޮތުމުން މި ބިލް ފާސް ނުކުރަން ދެއްކޭނެ ބަހަނާއެއް ނެތެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ދެކެވަޑައިގަންނަވާ ގޮތުން ގާނޫނުލް އުގޫބާތަށް އެކަނި ގެންނަ އިސްލާހަކުން ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުން މަގްސަދު ހާސިލް ނުކުރެވިދާނެ އެވެ. އެއީ ގާނޫނުލް އުގޫބާތަކީ ހަމައެކަނި ކުށާއި އަދަބު ބަޔާންކުރާ ގާނޫނަކަށް ވެފައި، އިޖްރާއަތާ ގުޅޭ އެއްވެސް ކަމެއް އެ ގާނޫނުގައި ހިމެނުމުގެ ފުރުސަތު ނޯންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް އެފަދަ ކުށްތައް ތަހުގީގު ހިންގުމާއި މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުން ފަދަ އިޖްރާއާތުތައް ނުހިމެނިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މީގައި ޕްރޮސީީޖާތައް ތަންކޮޅެއް ކޮމްޕްލިކޭޓް ވާތީ އެހެން ގައުމުތަކުގައި އިޖްރާއާތުތަކަށް ވަކި ގާނޫނުތަކެއް އޮވޭ. މިވަގުތު މިކަން އެންމެ ފަސޭހައިން ކުރެވޭނީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނެސްގެން ކަމަށް ވެދާނެ. އެކަމަކު އިޖްރާއާތަށް ވަކި ގާނޫނެއް އޮތުން މުހިންމު. އެކަމަށް މަޖިލިސް ތެރެއިން ހައްލު ގެނެވިދާނެ އެހެން ގާނޫނުތަކަށް ވެސް އިސްލާހު ގެނެސްގެން،" އޭނާ ވިދާޅުވި އެވެ.
މުއައްވިޒް ވިދާޅުވި ގޮތުގައި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން އޭސީސީން ކުރިން މަސައްކަތްކުރީ ކޮރަޕްޝަން ހުއްޓުވުމުގެ ޚާއްސަ ގާނޫނެއްގެ ތެރެއިން އެކަން ކުރުމަށެވެ. އެކަމަށް އެކުލަވާލި ބިލެއްގައި ނުހައްގު މުއްސަނދިކަން ދެނެގަތުމާއި ތަހުގީގު ހިިންގުން އަދި މުދާ ދައުލަތަށް ނެގުން ފަދަ އިޖްރާއާތުތައް ތަފްސީލުކޮށް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ބިލް މަޖިލީހާ ހަމައަކަށް ނުފޮނުވަ އެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަށް ވެގެންދާނެ ކަމަށެވެ. އެއާ އެކު މިހާރު އަމަލު ކުރަމުން އަންނަ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަކީ ނަތީޖާ ނެރެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލީ ބަޔާންތައް ހުށަހެޅުމުގައި ހުރި ހަމަނުޖެހޭ އުސޫލުތައް ވަރުގަދަކޮށް، ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މިއީ މީގެ ފުރަތަމަ ފިޔަވަޅެއް ކަމަށް ވެދާނެ. މިވަގުތު ހުރި ލޫޕް ހޯލްސްތަކަށް ހައްލު ގެނެވޭނެ މި އިސްލާހު ފާސްވެގެން. އެކަމަކު އެސެޓް ޑިކްލަރޭޝަން ހަރުދަނާކޮށް އޮޑިޓަ ޖެނެރަލްގެ ގާނޫނަށް ވެސް އިސްލާހުތަކެއް އެބަ އައިސްގެން ނޫނީ މީގެ މަގްސަދު އެއްކޮށް ހާސިލެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި ނުހައްގު މުއްސަނދި ކަމުން ހޯދާ މުދަލާއި ފައިސާއާ މެދު އަމަލު ކުރާނެ ގޮތްތަކެއް ބިލުގައި ނެތަސް، މަޖިލީހުން ބިލް ފާސްވެގެން ދާން ޖެހޭނީ އެފަދަ މުދަލާ މެދު އަމަލު ކުރާނެ ގޮތްތަކެއް ވެސް ކަނޑައެޅިގެންނެވެ.
ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅޭ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށް ބެލިދާނެ އެވެ. ނަމަވެސް އެކަން ކުށަކަށް ހެދުން ފުރިހަމަކުރަން ދެން ކުރަން ހުރި ކަންކަން ވެސް އެބަ ހުއްޓެވެ. މިއީ ނަމެއްގައި ގެންނަ ބަދަލެއް ނޫންކަން ރައްޔިތުންނަށް ދައްކައިދީ، ނަތީޖާއާ ހަަމައަށް ވާސިލްކޮށް ދިނުމުގެ އިހްލާސްތެރިކަން ދެނެގަންނަ އިމްތިހާން މި އޮތީ އައިސް ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއަދުރޭ
10 September 2020
ހެންވޭރު ކޮޅުގަ އެހަދާ 25 ބުރީގެ އިމާރާތަކީ ކޮންތާކުން ހޯދި ފައިސާއެއްބާ؟!!
ކޮތަރު
10 September 2020
މައުމޫނު ދައުރު މިނިސްޓަރުންނާއި އަރިސް ބޭފުޅުންގެ ގެތަރަށް ބުރިބުރިއަށް އެރީ ކޮންތާކުން ހޯދިފައިސާއަކުންތޯ!؟
ކަނބިލި
09 September 2020
ރާއްޖެހާ ގާނޫނުތައް ގިނަ ގައު މެއް މަދުވާނެ. ކޮން މެ ކަ މަކަށް ހައްލު ހޯދަން ގާނޫނުތައް އެބަހުރި. މައްސަލައަކީ ގާނޫނުތައް ތަންފީޒުކުރު މުގެ ކެރި ފޯރުންތެރިކަން އެެއްވެސް ސިޔާސީ ލީޑަރޝިޕެއްގައި ނެތުން. ސިޔާސީ މަގުސަދުތަކަށް ގާނޫނުތައް ބޭނުންކުރުން. ވަކި ބަޔަކު ފަހާ ދުވުން. ސިޔާސީ ހަތިޔާރަކަށް ގާނޫނުތައް ހެދުން. ގާނޫނު ވަކި ބައެއްގެ މައްޗަށް ހިނގުން
ބައުކަލޯ
09 September 2020
އަނެއްކާ އަނެއް ޑުރާމާ! 'ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުން ފުރިހަމަކުރަން ދެން ކުރަންހުރިކަންކަން' ކުޅެން ފަށާނީ ދެން އަންނަ އެޕިސޯޑުގަ! ސީރީޒް ނިމޭއިރު ތިޔަބިލް "އެންފޯސް" ކުރުމަށް 'ގަދަދުވަހެއްގައި ހުވަދޫ ކަނޑުހުރަސް' ކުރުމަށްވުރެން ތިޔަކަން އުނދަގުވާނެ. އޭރު އަޅުގަނޑު ދުނިޔޭގަ ހުރިއްޔާ ކާފަކުދިން ގޮވައިގެން ސުކޫލަށް ދާހާވާނެ. ދިވެހީންގެ އަމިއްލަވަޒަނުގައި ދިވެހީންގެގޮތުގައި އުޅުނަދޭން މަސަކަތްކުރިއްޔާ ރަނގަޅުވާނެކަމަށްފެނޭ! ވަރަށް ސަލާމް
ތިލަދުން
09 September 2020
މީގައިވެސް ނިމޭއިރު ނިކަމެތި ވާނީ ނިކަމެތި މީހާ..
ޖަނަވަރީ
09 September 2020
ތިއަ މުވައްވިޒު މިހާރު ހުރީ ވަހީދު ފަހަތުގަ
އަލިފުޅު2
09 September 2020
18-19 ގެ ކުދިންގެ ބޭންކް އެކައުންޓް ހުރިވަރާ ލާރި ހުރިވަރާ ޓްރާންސެކްޝަން ހިންގާވަރާ އާމްދަނީ ހޯދާގޮތް ބަލާލީމަ މިޤައުމުގެ ޙާލަތު އެގޭނެ. މިކަންކަންނޭގޭ ބަޔަކުބާ މި ޤައުމު ހިންގަންށޭ ކިޔައިގެން އެތިބަ މީހުނަކީ! ނޫން. ޑްރާމާކުޅެނީ. އިޙްލާސްތެރިކަން ނެތީ.
އަލިފުޅު2
09 September 2020
މުޙައްގު މުއްސއދިކަން ސަރުކާރާއި ދައުލްތުގެ މުވައްޒަފުން ހިސާބުން ނިންމާލީމަ މިޤައުމުގައި ކުދި ޅަދަރީން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ އެވިޔަފާރިން ފޮލެޓްގަނެ ބުރިބުރިއަށް ޢިމާރާތްކޮށް އޮޑިދޯނިފަހަރާ ބެންޒް ކާރުގަ އުފާއުފަލުން އުޅޭ މަދުބަޔަކު ނުހުއްޓުވެނަމަ ތިޔަ ޤާނުނުގެ، ބިލުގެ މަގްސަދު ޙާސިލް ނުކުރެވޭ! ތިޔަޢީ އަމާބުނީތީ ފަރައްދިއުން!
ފިލިގާ
09 September 2020
މާލީ ބަޔާންތައް ހުސް ފޭކް. އެއްވެސް އިހްލާސްތެރިކަމެއް ނެތް ބައެއް. ގާނޫނުތައް ހަދަނީ ނަމަކަށް. ނިކަން އިިމިޑިއެޓް ފެމިލީގެ އެކަންޓުތައްވެސް ފެންނަންޖެހޭގޮތަށް ގާނޫނު ހަދާބަލަ. އޭރުން ތި މަގާމުތަކަށް އަންނާނީ ވައްކަންކުރުމުގެ ނިޔަތްވެސް ނެތް މީހުން. މިހާރު ތީގެ އެއްވެސް ބޭނުމެއް ނެތް. މޮޅު ވާހަކަތައް ދައްކަނީ ހުސް އެކްޓިންގކަން މިހާރު އެނގޭ ވަރަށް ރަނގަޅަށް. ފޭކުސްތާނުން އެދުރުވެފަ ތިބި މީހުން.
ޖާބެ
09 September 2020
މީހުން ކޮރަޕްޓްވަނީ ކީއްވެ؟ މިއީ ވަރައް ބޮޑުސުވާލެއް؟ ރައްޔިތުންނައް ފުރުސަތު ހަނިވާ ގަވައިދުތައް ޤާނޫންތައް ހުރުމުގެ ސަބަބު އަދި ރާއްޖެގެ އިޤްތިސާދީ ފުއްދުންތެރިކަމުގެ މާހައުލުގައި ފުރުސަތުތައް ހަނިކޮށްފަހުރުން އަދުލު އިންސާފު ގަނެ ވިއްކުން ވަކިބަޔަކައް ވިޔަފާރިކުރުމުގެ މަގުފަހިވަގޮތައް މޮނޮއްޕޮލީ އެއް އޮތުން. ފައިނޭންސަލް އިންސްޓިޓިޔުޝަންތައް ރާއްޖޭގެ އިޤްތިޝާދައް މޮޑަލްކުރެވިފާ ނެތުން. ވަކިމުއްސަދިންތަކެއް މުޅިގައުމު ކޮންޓްރޯލްކުރުން، "ދާޙިލީ ހަންގުރާމަ"