ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ވަކި ގާނޫނެއް އޮންނަން ޖެހޭ: ނަޝީދު

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ތާއީދު ކުރައްވާ ކަމަށާއި އެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނުމަށް ވުރެ ރަނގަޅު ގޮތަކީ އެކަމާ ބެހޭ ވަކި ގާނޫނެއް އޮތުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ގައުމުތަކުގައި ނުހައްގު މުއްސަނދިކަމެއްގެ ގޮތުގައި، ބަލަނީ ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކަށެވެ. މަޖިލިހުން ގާނޫނުލްއުގޫބާތު ކުރިން ފާސް ކުރިއިރު، ނުހައްގު މުއްސަނދިކަން ކުށެއް ގޮތުގައި ކަނޑައަޅައިފައެއް ނުވެ އެވެ.

ނަމަވެސް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ތާއީދު ކުރައްވައިފަ އެވެ. އެކަމަކު، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، މިހާރު ބިލް އޮތް ގޮތުން އެ ކުށް އެހާ ތަފްސީލްކޮށް ލިޔެފައެއް ނެތެވެ. އެހެންވެ، ބިލް ބަލައިގަތުމަށް ފަހު ކޮމިޓީ މަރުހަލާގައި ދިރާސާ ކުރާ އިރު، ބިލް އިތުރަށް ފުރިހަމަ ކުރަން މެމްބަރުން އެދިވަޑައިގެންނެވި އެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ނުހައްގު މުއްސަނދިކަން ކުށަކަށް ހަދައި ތަފްސީލް ބިލެއް މީގެ އަހަރުތަކެއް ކުރިން މަޖިލިހަށް ހުށަހަޅުއްވާފައި ވިޔަސް، އެކިއެކި ސަބަބުތަކާ ހުރެ އެ ބިލް ފާސްވެފައި ނުވާ ކަމަށެވެ. ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ނުހައްގު މުއްސަނދިކަމަކީ ބައިނަލްއަގުވާމީ ކޮރަޕްޝަނާ ބެހޭ މުއާހަދާ ބުނާ ގޮތުން ކުށެކެވެ. އަދި އެންޓި ކޮރަޕްޝަން ކޮންވެންޝަންގައި ހުރި އުސޫލުތައް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއަށް އަންނަން ވާނީ ވަކި ގާނޫނެއްގެ ތެރެއިން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގާނޫނުލްއުގޫބާތުގެ ތެރެއަށް ނުހައްގު މުއްސަނދިކަން ހޯދުމުގެ ކުށް ލުމުން ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ނުލިބިދާނެ ކަމަށެވެ. އަދި ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަ ނަމަ، ގިނަ ސުވާލުތަކަކަށް ޖަވާބު ލިބެން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިސާލަކަށް މިކަމަކީ ސިއްރިޔާތުގައި ހިނގާ ކަމެއް. މިކަމަކީ މަގާމުގައި ހުންނަ މީހެއްގެ ބާރުގައި ހުރެގެން އެމީހާ ކުރާ ކަމެއް. މިކަމަކީ އާއިލާ ވެސް ބޭނުންކޮށްގެން ކުރާ ކަމެއް، މިކަމަކީ ރުފިޔާ މުދަލަށް ބަދަލުކޮށްގެން ކުރާ ކަމެއް. މި ކަމަކީ ބޭރަށް މުދާ ގެންދެވޭ ގޮތަށް ކުރާކަމެއް. މިކަމަކީ ހެއްކަށާއި ހެކިންނަށް ނުފޫޒު ފޯރުވުމަށް ނުވަތަ ހުރި ލިޔުންތައް ބަދަލު ކުރުމަށް މަގުފަހި ކުރެވޭ ގޮތަށް ކުރާ ކަމެއް. މި ހުރިހާ ސަބަބު ތަކަކާހެދި ތަހުގީގެއް ކުރަން ކުށެއް ކުރިކަން ހޯދަން ވަރަށް އުނދަގޫ،" ނަޝިދު ވިދާޅުވި އެވެ.

ކޮރަޕްޝަން ކޮންވެންޝަން ބުނާ ގޮތުން ޖާއިޒް ގޮތުގައި ތިމާއަށް ލިބޭ އާމްދަނީން އުފެދޭ މުއްސަނދިކަމުގެ ތެރެއަށް ބަޔާން ކޮށްނުދެވޭ ފަދަ ކުއްލި މުއްސަނދިކަމެއް އައިސް، އެއީ ކިހިނެއް ލިބުނު މުއްސަނދިކަމެއްކަން ބަޔާންކޮށް ނުދެވޭ ކަމަށް ވަނީ ނަމަ އެއީ ކޮރަޕްޝަންގެ ކުށެއް ކަމަށް ބަލާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާނުގެ ވާހަކަ އާއި މަގާމުގައި ހުރެގެން މާލީ ބަޔާން ހުށަހަޅަމުން ދިއުމާއި މަގާމުން ވަކިވުމަށް ފަހު މާލީ ބަޔާން ހުށަހެޅުމަކީ ކޮރަޕްޝަން ކޮންވެންޝަނުން ލާޒިމް ކުރާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ގާނޫނޫލްއުގޫބާތަށް ހުށަހެޅި އިސްލާހުގައި މިފަދަ ވާހަކަތައް ބަޔާންކޮށްފައި ނުވާ ކަން ވެސް ނަޝީދުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

"ދަންނަވާލަން ބޭނުން ވަނީ ހަމައެކަނި ކުށަކަށް ހަދާލުމަކުން ނުކުންނަ މައްސަލަތައް ގިނަވާނެ އޭގެން ލިބޭ ހައްލުތަކަށް ވުރެ ބޮޑަށް. ނަމަވެސް، އެއާއެކުގައި ތިމާގެ ހުރިހާ ކަމާކާ އެއްކޮށް، އޭގެ ޒާތުގައި އޮންނަ ވަކި ގާނޫނެއް އައުމޭ އެންމެ ބުއްދިވެރި ގޮތަކަށް ވާނީ،" ނަޝީދު ވިދާޅުވި އެވެ.

ބިލްގައިވާ ގޮތުން ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ނިންމީ ރާއްޖޭގެ ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ގޮތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާ ބަލާއިރު، އެ މީހުންނަށް ނުހޯދޭނެ ނުވަތަ ހޯދަން އެކަށީގެން ނުވާ ނުވަތަ ހޯދުނު ގޮތް ބަޔާންކޮށް ނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށް ހުރެ، ލިބޭ ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިިއިރު ލިބުނު އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށް ދެމެހެއްޓުމަކީ ކުށެކެވެ.