ޗެނަލް13 ގެ މައްސަލައިގައި ބްރޯޑްކޮމްއާ އެކު ބޭއްވި ބައްދަލުވުމެއް: މައާފަށް އެދެން އެ ޗެނަލަށް އަންގަން އެ ކޮމިޝަނުން ވަނީ ނިންމާފައި -- ފޮޓޯ/ބްރޯޑްކޮމް
10 ސެޕްޓެމްބަރ 2020 - 20:12
ރައީސް އިބްރާހިިމް މުހަައްމަދު ސޯލިހަށް ގެއްލުން ދޭން ޗެނަލް 13ގެ ޕްރޮގްރާމެއްގައި މީހަކު ގޮވާލި މައްސަލާގައި އެ ޗެނަލުން މާފަށް އެދެން އަންގައި އެފަދަ ކަންކަން ތަކުރާރުވާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭންވީ ބުނީ ޗެނަލް 13 އިން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ބައިވެރިވި މީހަކު އެވެ. އެ މީހާ މިހާރު ހައްޔަރުކޮށް، ފުލުހުން ތަހުގީގު ކުރަމުންދާއިރު ޗެނަލް 13 ގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ދިޔައީ ބަލަމުންނެވެ. ނަމަވެސް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެ ޗެނަލް 13 އިން ވަނީ ކޮޮމިޝަނަށް ޖަވާބުދާރީވާން ދެކޮޅު ހަދައިފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު މިއަދު ނިންމާފައިވަނީ ޗެނަލް 13 އިން ގެނެސްދިން ކޮންޓެންޓް ކޯޑް އޮފް ޕްރެކްޓިސްގެ ބައެއް ހަމަތަކާ ޚިލާފް ކޮންޓެންޓެއް ކަމަށާއި އެހެންވެ، މާފަށް އެދި ބަޔާނެއް ނެރުމަށާއި އަދި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހަކު އެ ޗެނަލްގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމް ފެށުމުގެ ކުރިންނާއި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހެއްގެ ރޭގަނޑު 8 އާއި 9 އާ ދެމެދުގެ ވަގުތެއްގައި ވެސް، މާފަށް އެދޭ ބަޔާން އާންމު ކުރަން އެންގުމަށެވެ.
މީގެ އިތުރުން މިއީ ޗެނަލް 13 އިން ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު އަމަލުތައް ތަކުރާރުވަމުންދާތީ އާއި މައްސަލައިގެ ޚައްސާސް ކަމަށް ބަލައި، އެކަން ތަކުރާރުވާ ނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުން ވެސް އެ ކޮމިޝަންގެ ނިންމުމުގައި ހިމެނެ އެވެ.
ވަގުތުން ގެނެސްދޭ ޕްރޮގްރާމްތަކުގައި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ހިމެނުމުގެ ފުރުސަތު ނުދިނުމަށްޓަކައި އޮންއެއާގައި ސަމާލު ވާންވީ ކަންކަން އާންމުންނަށް ކިޔައިދިނުމަށާއި އަދި ސެންސަރު ކުރުމަށްޓަކައި ޑިލޭއެއް ހިމަނައިގެން ބްރޯޑްކާސްޓް ކުރުމުގެ ނިޒާމެއް ގާއިމްކޮށް، މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް އަންގަން ވެސް އެ ނިންމުމުގައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައިވާ ގޮތުން މި މައްސަލާގައި ފުލުހުން ތަހުގީގު ހިންގަމުން ދިޔަ ކަމުގައި ވިޔަސް، އެ މައްސަލަ އެ ކޮމިޝަނުން ބެލީ ފުލުހުން ހިންގަނީ ޖިނާއީ ތަހުގީގެއް ކަމަށް ވެފައި އަދި އެ ކޮމިޝަނުން ބަލަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ޚިލާފްވުމުގެ މަދަނީ މައްސަލައެއް ކަމަށްވާތީ އެވެ.
ރައީސަށް ގެއްލުންދޭން ގޮވާލި މީހާ ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަންބީގެ ރެކިމަނިކާ
11 September 2020
މާފައް އެދޭކައް ނުޖެހޭނެ
ޢަބުދުލް ޤާދިރު
11 September 2020
ދާދި ފަހުން ލައިވް ޕްރޮގްރާމެއްގައި ރ ޓީވީ އިން ރޮޒޭނާ ކަނޑައެޅިގެން ފިތުނަފަސާދަ އުފެއްދުމަށްޓަކައި ދެއްކި ބުހުތާން ދޮގުވާހަކައަށް ފިޔަވަޅެއް އަޅަން ކެރޭނެބާ؟
ރަދުން999
11 September 2020
ވަކިބަޔަކަ ނުބެހި ޓީވީ ތައް ބަލައިގެން ރަނަގަޅު ކަމެއް ކޮށްބަލަ. ޑަސްޓްބިން އިން ކާތަކެތި ނަގައިގެން އޭއީ އެންމެ ރަނގަޅު ކާނާ ކަމަށް ހަދައިގެން އިސްތިހާރު ޖެހީމާ އެކަން ނުހުއްޓުވުނު. ކިތައް ފަހަރު އެ އިސްތިހާރު ދެއްކީ.؟؟؟ ލަކީ ޑްރޯއަކަށް އެހެންކަމަކަށްވިޔަސް ޑަސްބިން ހާވާ އެއްޗެހި ނަގާ އިސްތިހާރު ދައްކައިގެން ނުވާނެ. ކުޑަކުދިންވެސް އެ އިސްތިހާރު ބަލާނެ.
ގިނިރާހި 321
11 September 2020
މިއީ އަދި ކަންކަން ކުރުމުގެ އެއްވެސް ވައްޓަފާޅިއެއް ނެތްބަޔެއްގެ ވާހަކަތައް ހުންނާނެގޮތް ބޮޑު މުސާރަނަގައިގެން ފާޑު ފާޑު ކޮމިޝަންތަކުގެ މަޤާމްތަކުގައި ތިބުމުގެ މާނައެއް ނެތް....ކަންކަމުގައި މަޢާފައް އެދެން ބުނުމަކީ އެކަމެއް ކުރިބަޔަކަށް އެއްވެސް އަދަބެއްނޫން...ރާއްޖޭގެ މީޑިއާގައި މީހުންނަށް ގެއްލުންދޭން ގޮވުމަކީ މައާފްއަކުން ނިންމާލެވޭ ކަމެއްނަމަ...ތި ކޮށައިދެނީ ނުބައިމަގެއް ....
ބޮކިއަލި
11 September 2020
ހާދަމޮޅަކަށް މިހާރުކަންކަން މިދަނީ. މީހަކު ޖެހިޖެހީނުްން ރޯނާގަންނަވާލާފަވެސް ހަމަ ސޮރީއަކުން ފުދޭނެ. މައްސަލަބަލާ ހަރުދަނާ އުސޫލުތަކުގެމަތިން ކަންކަން ކުރަން ނުކުރޭނެމަ ކޮމްކޮމްތަކާއި ހަވާލުނުވަމާ.
މާދަމާ
11 September 2020
މާފަށް މާކުރިން އޮތީ އެދިފައެއް ނޫންތަ؟ އެނޫނަސް ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން. ފިޔަވަޅުއެޅޭނީ ތަހުގީގު ނިމުނީމަތާ. ދެން ތި ކޮމިޝަނަށް ބަލާލީމަވެސް އަންނަނީ ޒާތެއްގެ ހިންޏެއް.
ރަންނަ
11 September 2020
ގާނޫނާ ޚިލާފު ކޮންމެ ކަމެއް ކޮށްފަ ސޮރީ އޭ ބުނީމަ ހަމަޖެހޭނެ.
ސަޖޯ
11 September 2020
ރާއްޖެ ޓީވީ ވެސް ޖޫރިމަނާކުރި އެތައްފަހަރަކު ޗެނަލް 13 ހިންގާނެ ފައިސާހުންނާނެ ސަރުކާރުގަ ތިބިއިރު އޮގޮތްމިގޮތުން ހޯދާފަ ވަގުތު ލިބުނީމާ އެލާރިގަޑު އަތުލަންވީ މިކަހަލަ ފުރުސަތެއް މަދުންނޫނީ ނުލިބޭނެ
ފަހުދު
11 September 2020
ޓިސްދަތި ކޮމިޝަން ހާދަ މަސައްކަތެއް ކޮއްފިއޭ.
ހުސްނާމުހުސިން
11 September 2020
އާދޭސް ކޮއްލަ ކޮއްލާ ތިބޭ. ތި ޗެނަލްއިން، ތިއެދޭ މާފައެ ނުލިބޭނެ.