އެމްޑީޕީގެ ރަސްމިއްޔާތެއްގައި ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/އެމްޑީޕީ
13 ސެޕްޓެމްބަރ 2020 - 13:40
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހަފުތާ އިން ފެށިގެން ކުރައްވާ މަޝްވަރާތަކުގައި މައިގަނޑު އެއް ކަންބޮޑުވުމަކީ 65 ގޮނޑިއާ އެކު މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އޮވެ ސަރުކާރުން ބޭނުންވާ ބައެއް ކަންކަމުގައި މަޖިލީހުގެ އެއްބާރުލުން ނުލިބުން ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
މަޖިލީހުގެ މެމްބަރުންނާ މުލީއާގޭގައި ރައީސް ބައްދަލުކުރައްވަމުން ގެންދަވަނީ، ކެބިނެޓުގައި އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވާ އަދި އެންމެ ނުފޫޒު ގަދަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ފައްޓަވާފައި ވަނިކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި ކުޑައިރުގެ ރަހުމަތްތެރިޔާ ނަޝީދު ގެންދަވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް މެމްބަރުންގެ ސޮއި ހޯއްދެވުމުގެ އިތުރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރުހުން ވެސް އެ މަސައްކަތުގައި ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ރައީސް ފާޅުގައި ވިދާޅުވެފައި ވަނިކޮށް، ނަޝީދު ވަނީ ފައްޔާޒު މަގާމުން އެކެހެރިވެވަޑައިގަތުމަށް ދަންނަވައިފަ އެވެ. އެކަމަށް އިންކާރު ކުރައްވައި ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅު ނުވާ ކަމެއްގައި އެ މަނިކުފާނު ދޫދެއްވަން ތައްޔާރެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި މި "ފައިޓް" ބޮޑުވަމުން ދަނިކޮށް ރައީސް ގެންދަވަނީ، އެ މަނިކުފާނުގެ ވިސްނުންފުޅާއި ބައެއް ކަންކަމުގައި އުފުއްލަވަން ޖެހިވަޑައިގަންނަވާ އުނދަގޫތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރައްވަމުންނެވެ. މެމްބަރުންނާ ބައްދަލުކުރައްވަނީ ސީދާ ފައްޔާޒުގެ ވޯޓާ ގުޅިގެން ކަަމަށް ވިދާޅު ނުވިޔަސް ފަހަރަކު ހަތެއް ނުވަތަ 10 މެމްބަރުން މުލީއާގެ އަށް ގެންދަވައި، އެ މަނިކުފާނުގެ ވިސްނުންފުޅު ސާފުކޮށް ވިދާޅުވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ވެސް މިފަދަ ބައްދަލުވުމެއް ރައީސް ވަކިވަކިން ބޭއްވެވި އެވެ.
އެމްޑީޕީގެ ކޮންފަރެންސެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެއް މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކުރައްވައި "މިހާރު"އަށް ވިދާޅުވީ 2008 ގައި އިންތިޚާބުވި އެމްޑީޕީގެ ވެރިކަމުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވިއިރު ހުރިހާ ކަމެއްގައި ވެސް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ތިން އަހަރުން 2012 ގައި ނިމުނު އެ ވެރިކަމުގައި ރައީސަކީ ނަޝީދެވެ.
ރިޔާސީ އިންތިޚާބުގައި ވެވަޑައިގަތް ވައުދު ފުއްދެވުމަށް ރައްޔިތުން އެމްޑީޕީ އަށް 65 ގޮނޑިއާ އެކު ދިން ސުޕަ މެޖޯރިޓީން އެ މަނިކުފާނަށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވައިގެން ހުންނެވިޔަސް އުނދަގޫ ހާލަތްތައް މެދުވެރިވާ ކަމަށް ރައީސް މެމްބަރުންނަށް ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވާ ބައެއް ކަންކަމަށް މަޖިލީހުން ހުރަސްތަކެއް ނުވަތަ އެ ހުށަހަޅާ ގޮތާ ޚިލާފަށް ނިމިގެންދާ ކަން ރައީސް އެ ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ކަމެއް ކުރިއަށް ގެންދަވަން ވޯޓު ދެއްވާނެ ކަމަށް އެއްބަސްވެވަޑައިގަންނަވާ ބައެއް މެމްބަރުން ވޯޓުގައި ތަފާތު ވިސްނުމެއް ގެންގުޅުއްވާތީ ވެސް ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެމްބަރުންނާ އެކު ވެސް އޭރު ސަރުކާރުން ކުރަން ޖެހުނު ކަންކަމުގައި އެއްބާރުލުން ދެއްވި ކަމަށް [ރައީސް] ވިދާޅުވި. ބައެއް ކަންކަމުގައި ސަރުކާރާ ނުޖައްސައި އިދިކޮޅާ ވާހަކަ ދައްކަވައިގެން ރުހުން ހޯދައި ވެސް ކަންތައްތައް ކޮށްދެއްވި ކަމަށް ވިދާޅުވި. އެކަމަކު، އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލިހުން މި ސަރުކާރުން ބޭނުންވާ ބައެއް ކަންކަމުގައި އެއްބާރުލުން ނުލިބޭ ކަމުގެ ކަންބޮޑުވުން ރައީސްގެ އޮތް،" މެމްބަރު ވިދާޅުވި އެވެ.
"އެއް ކަމަކަށް ފާހަގަކުރެއްވީ މި އަހަރުގެ ބަޖެޓް. ކަމެއް ފާސްކޮށްދޭނަމޭ ބައެއް މެމްބަރުން ވިދާޅުވެފައި އެއާ ދެކޮޅަށް ވޯޓު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި. އެހެންވިޔަސް އެއްވެސް ދާއިރާއެއް ތަފާތެއް ނުކުރައްވާނަމޭ ވިދާޅުވި. ޕީޕީއެމްގެ މެމްބަރަކު ހުންވާ ދާއިރާއަކަަސް އެ ދާއިރާގެ ރައްޔިތުންނާ މެދު ތަފާތެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި."
މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލަ އަށް އިޝާރާތް ކުރައްވައި "ޕާޓީ ބައިބައިވުމަކީ މޮޅެއް ނޫނޭ ރައީސް ވިދާޅުވި" ކަމަށް މެމްބަރު ވިދާޅުވި އެވެ. އެމްޑީޕީގައި ބައިބައިވުން އޮތުމަކީ ޕާޓީ އަށް ގެއްލުން ލިބުމުގެ އިތުރުން އިދިކޮޅު ހަރަކާތްތަކުގައި ލިބޭ ހިތްވަރެއް ކަމުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެތެރެ ބައިބައިވާ ނަމަ އޭގެ ފައިދާ އިދިކޮޅުން ނަގާނެ ކަމުގެ ކަންބޮޑުވުން ރައީސްގެ އޮތް. އެ އަށް ޖާގަ ނުދޭން އެދިވަޑައިގެންނެވި،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ބައެއް ކަންކަމާ ގުޅުވައި މީގެ ކުރިން ވެސް ރައީސް މެމްބަރުންނާ ބައްދަލުކުރައްވަ އެވެ. އެކަމަކު، މިގޮތަށް މިހާ ގިނަ މެމްބަރުންނާ ރައީސް ބައްދަލު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ކަނޑައަޅާނެ ބޭފުޅަކާ ދޭތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އެވެ. މަޖިލީހުގެ ރައީސަކަށް ގެންނަވަން ރައީސް ބޭނުންފުޅުވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެކަމަކު ރައީސަކަށް ނަޝީދުގެ ބޭނުންފުޅުވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި އޮތް ހިޔާލުތަފާތުވުން ނުނިމި ފަހު ވަގުތު އެއްބަސްވެވުނީ މަޖިލީހުގެ ރައީސަކަށް ނަޝީދު ހަމަޖެއްސުވުމަށެވެ.
މި ވޯޓަށް ފަހު، ރައީސާއި މަޖިލީހުގެ ރައީސް ނަޝީދުގެ ހިޔާލުތަފާތުވުން އެންމެ ބޮޑަށް މި ފެންނަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގަ އެވެ. މިކަމުގައި، ކުރި ހޯއްދަވަން މަޖިލީސް މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެޖޯރިޓީ ވެސް ދެ ބޭފުޅުންނަށް މުހިއްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށ.އަތޮޅު މީހާ
15 September 2020
މަވެސް ރައީސާއެކު.
Mizan
14 September 2020
ފައްޔާޒު ހިފަހަށްޓަން އުޅުމުގެ އެއްވެސް ބޭނުމެއްނެތް، ހަރުކަށިކޮށް ރައްޔިތުންގެ ވިންދާ މުޅިން ޚިލާފަށް ކަންކުރއްވާ ފަރާތެއް އެއީ. އައި އެމް އެސް، ބުނެވުނު އެއްޗެއްގެ ދިފާޢުގައި އުޅުއްވާކަށް ނުޖެހޭ.
ހޮޓްކިންގ
14 September 2020
ރައްޔިތުން ހާލުގައިޖެހި ސަލާންޖަހާ ހިސާބަށް ދިޔައިރު ސަރުކާރަށް ކަމެއް ކޮށް ނުދެވި އަމިއްލަ ޕާޓީމީހުންނާ ދެބަސްވާން ތިބުމަށްވުރެން ވެރިކަން ދޫކޮށް އެއްފަރާތަށް ޖެހި ދެން ޒުވާބު ކުރަން ތިބުން ރަނގަޅުވާނީ. ތި ކަންތައްގަނޑު ބަލަން ރައްޔިތުންގެ ހިތްވަރެއް ނެތް. އެއަށްވުރެން ރައްޔިތުން މިއަދުވަނީ މާބޮޑަށް ބިކަވެފައި. ސަރުކާރުން ރައްޔިތުންގެ ހާލު ގާތުން ބަލާލުން ކީއްތޯވާނީ؟
އަންތަރީސް77
14 September 2020
މިފަހަރު ތޮޅެފަ ދެން ވޯޓު ހޯދަން ނާންނާތި. އަހަރެމެން ފަކީރުން މަރުވެެގެން ވެރިކަން ހޯދައިދިނީ ތިހެން ހަދަންތަ؟ ޔާމީނު ހޮވިޖިއްޔަ ދެން އަހަރެމެން ނިކަމެތި ރައްޔިތުން ކޮޅު ކާލާނެ. ނިކަން ވިސްނިބަލަ ބޭފުޅުންނޭ!
ތުއްތޮންބެ
14 September 2020
ހުރިހާ މެޖޯރިޓީއެއްވެސް އަންބޮޑިއައްލައިގެން މިހާރުދެއަހަރުވަނީ އެކަމަކު ރަތްއިތަކައްވީކަމެއް ހަމަހަރާމުންހަރާން.
ސަހަރޯ...
14 September 2020
މެޖޯރިޓީއަކުން ކުރާނޭ ކަމެއްނެތް. މިޤައުމުގައި ތިބި މަހުޖަނުން ރުއްސުވަން ދައުލަތުގެ ޚަޒާނާ އެދަނީ ފުނޑަމުން. އެ މަހުޖަނުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން އެބަޖެހޭ. އެމީހުން ބޭނުންވާ އެއްކަމެއްވެސް ނުކޮށްދީފިއްޔާ ފޫކަހާފައި ނުކުމެ ދެތިން އެއްޗެއް ބުނެލާއިރަށް އެކަމެއް އެބަކޮށްލަދޭ. ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްވުރެ މަހުޖަނުންގެ ބޭނުންތައް ފުއްދައިދެމުންދާ މަންޒަރު މިފެންނަނީ
ޭމުޖީބު
14 September 2020
މިކަމަށް އޮތް ގައްކަކީ މަޖްލިސްގެ ރައީސްކަން ނުކިއްސަރު ގޮތަކަށް ދަމައިގަތް ނަޝިދު އެ މަޤާމުން ބޭރުކުރުން. މަޖްލިސްތެރޭގައި ރާއްޖޭގެ ބޮޑުވަޒީރަކަށް ވެގަނެގެން އުޅުމަށް ހުއްޓުވުން ގެނައުން
ލުޖީބު
14 September 2020
ނަޝީދެއް ނުހުއްޓުވޭނެ ކިތަންމެ ރުޅިއަޔަސް. މެމްބަރުން އޭނައަށް ވަރަށް ވަފާތެރިވާނެ. އިބޫކޮޅަކަށް އެމީހުން ނުދާނެ ކިތަންމެ ރަގަޅުކަމެއް އިބޫ ކުރަން އުޅުނަސް. އަންނިގެ ބާރު ހިނގާނީ.
ދަރަނި ދަންތުރަ
14 September 2020
ދިވެހިންނަން ހަމަޖެހުމެއްލިބޭނީ ކެނެރީގޭ ނަސީދުގެ ކިބައިން މިންޖުވެގެން މަޖިލީހުން ނަސީދުގެ އިތުބާރުނެއްކަމުގެ ވޯޓެއްނަގާ ބޭރުކުރަންވީ އަދި އޭނަދިވެހިރައްވެހިކަން ވެސްނަގާ އިގެރޭސިވިލާތަށް ލައިލާ ކައިއަށް ފޮނުވާލާ މިބަލާޔާ މުސީބާތުން ދިވެހިން މިންޖުވާންވީ
ބަރަނިދަންތުރަ
14 September 2020
ނަޝީދު ކިބައިން މިންޖެއްނުވާނެ ދެނެއް ކިތަންމެ ބޭނުމަސް. އޭނައާ ދެކޮޅަށް ނިކުންނާނެ އެކަކުވެސް ނުވާނެ. ތިހެން ކިޔާލަ ކިޔާލަ ތިބޭހާވާނީ.
ޝޮކްތެރަޕީ
13 September 2020
އެމްޑީޕީޔާ ގުޅިގެން ލިބޭނެ މޮޅެއްނެއް. ޤައުމީޔަތު ނެއްބަޔަކާ ގުޅިގެން ލިބޭނީ ގެއްލުން ރައްޖެއަ.
ށީށަ
13 September 2020
ގަދައައް ވިސްނާފަ އޭސީސީ ރައީސް ސައިޑަށް ގެނައިނަމަ މިހާރު އޭސީސީ އޮތީ ނަސީދުގެ ކޮޅުގަ އެއީ އޭސީސީން މިހާރު ކުރާ ކަމަކީ ރައިސާ ދެކޮޅަށް ނަސީދައް ސަނާކިއުން