ރިޕޯޓް / މަސައްކަތްތެރިންގެ ހައްގުތައް

މުހިންމު ބައެއް ކަންކަމަށް އަދިވެސް ހައްލެއް ނެތް

ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އެއާޕޯޓްގައި ޓޫރިސްޓުންނަށް ހަދިޔާއެއް ދެނީ: ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް ހުރި ފުރުސަތުތައް ގިނަ ކުރަން ޖެހޭ -- ފޮޓޯ/މިހާރު

މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކައަށް ނިމުމެއް ނެތެވެ. މަސައްކަތްތެރިންނަށް ގާނޫނުން ކަށަވަރުކޮށްދޭ ހައްގުތައް ނުދީ، ހިފެހެއްޓުމުން ފެށިގެން ދިވެހިންނަށް ވުރެ ބިދޭސީންނަށް ގިނަ ދާއިރާތަކުން އިސްކަން ދިނުމާއި އެ މީހުންގެ ނުފޫޒުގެ ސަބަބުން ދިވެހިން ކުރިމަތިލާން ޖެހޭ ތަފާތު ކުރުންތަކަކީ ގާނޫނުގައި ކިތަންމެ ސާފުކޮށް ލިޔެފައި އޮތަސް ހައްލު ނުގެނެވި، އަބަދުހެން އިވިއިވި ހުންނަ ޝަކުވާތަކެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލަށް ވެސް ބޮޑެތި ބަހުސްތަކާއި ގިނަ ފާޑުކިޔުން އަމާޒުވި އެވެ. އެ ބިލް ސަރުކާރުން މަޖިިލީހަށް ފޮނުވި ހިސާބުން ފެށިގެން އުފެދުނު ބައެއް ފާޑުކިއުންތައް އަމާޒުވީ ވިޔަފާރިވެރިންގެ ނުފޫޒުގައި މަސައްކަތްތެރިންގެ ހައްގުތައް ގެއްލުވާލަން އުޅުމުގެ ކަންބޮޑުވުމެވެ. ބޮޑެތި ބަދަލުތަކާ އެކު އެ ބިލް ފާސްކުރިޔަސް، ގިނަ ކަންބޮޑުވުންތަކަށް އަދިވެސް މުޅިއަކުން ހައްލެއް ނެތެވެ.

ޒަމާނުއްސުރެން ރާއްޖޭގައި އެންމެ ބޮޑީ ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް ފުރުސަތު މަދުވެ، ތަފާތު ކުރުމުގެ ކަންބޮޑުވުމެވެ. ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގައި މަދުވެގެން 45 ޕަސެންޓް ދިިވެހި މުވައްޒަފުން ތިބެން ޖެހޭ ގޮތަށް 2012 ގައި ސަރުކާރުން ކަނޑައެޅިޔަސް، އެކަން ތަންފީޒެއް ނުކުރެ އެވެ. މަޖިލީހަށް ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި މައުލޫމާތު ބުނާ ގޮތުން ރާއްޖޭގެ 42 ޕަސެންޓް ރިސޯޓްތަކުގައި އެ އަދަދަށް ދިވެހި މުވައްޒަފުންނެއް ނެތެވެ. މިކަމަށް އެއްވެސް ފިޔަވަޅެއް އެޅެން ނެތުމުގެ އިތުރަށް، މިހާރު ހުސްކޮޮށް ހުރި ވަޒީފާތައް ދިވެހިންނަށް ދޭން މަޖުބޫރުކުރުމުގެ ވިސްނުމެއް ވެސް ސަރުކާރުގައި ނެތް ކަމަށް މަޖިލީހުގެ އިޖްތިމާއީ ކޮޮމެޓީއަށް ސަރުކާރުން ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން ވެސް އެކަމަށް ހައްލެއް ނުދެއްކި އެވެ. ދިވެހިންނަށް ފުރުސަތު އިތުރުކުރަން ގާނޫނަކުން ލާޒިމްކުރަން ގޮވާލި ގޮވާލުންތަކާ ގުޅިގެން އެ ބިލުން ގެނައީ ރަމްޒީ އިސްލާހެވެ. އެ އިސްލާހު އޮތް ގޮތުން 60 ޕަސެންޓް ދިވެހި މުވައްޒަފުން ބައިތިއްބަން ލާޒިމްވަނީ 50 މީހުންނަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅޭ ތަންތަނުގެ ސީނިއަ މެނޭޖްމަންޓް ވަޒީފާތަކުގައި އެކަންޏެވެ.

މިގޮތަށް ހެދުމުން ކުރިއަށް ވުރެ ބޮޑަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވުމުގެ ފުރުސަތު ބޮޑެވެ. އެއީ ސީނިއަ މެނޭޖްމަންޓް 60 ޕަސެންޓް ދިވެހިންނަށް ދިނަސް، ދަށް މަގާމުތަކުގެ ހުރިހާ ވަޒީފާތަކެއް ވެސް ބިދޭސީންނަށް ދޭން އެއްވެސް ހުރަހެއް ނެތުމުންނެވެ. ނަތީޖާއަކީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައި އޮތް 45 ޕަސެންޓްގެ މިންގަނޑުގެ ބޭނުން ވެސް އެއްކޮށް ކެނޑުމެވެ. މަޖިލީހުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެ މާއްދާ އޮންނަން ޖެހޭނީ ސީނިއަ މެނޭޖްމަންޓް ވެސް ހިމެނޭ ގޮތަށް ޖުމްލަ ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ދޭން ޖެހޭ ގޮތަށެވެ.

ސީނިއަ ވަޒީފާތަކަށް ވުރެ ދިވެހިން ގިނައިން އުޅެނީ ވެސް އެއަށް ވުރެ ދަށް ވަޒީފާތަކުގަ އެވެ. އެހެންކަމުން މިހާރު މި އޮތް ގޮތުން، އެއް ބައެއްގެ ނަޒަރުގައި، މި އިސްލާހު ކުރިއަށް ވުރެ ގޯސްވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އެންމެ ބޮޑު މައްސަލައަކީ އެ މާއްދާއަށް އަމަލު ކުރަން ދީފައި އޮތް ދިގު މުއްދަތެވެ. އެ ބިލް އޮތް ގޮތުން ސީނިއަ މެނޭޖްމަންޓް ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ދޭން ލާޒިމްވާނީ އެ އިސްލާހަށް އަމަލު ކުރަން ފަށާތާ ފަސް އަހަރު ފަހުން 2025 ގަ އެވެ. އެ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުން އެ އިސްލާހު އުވާނުލާނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތެވެ. މި މުއްދަތު ދެ އަހަރަށް ކުރުކުރަން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި އިސްލާހު ފާހެއް ނުވި އެވެ. އަދި ވަކި ފެންވަރެއްގެ ވަޒީފާއަކަށް ބެލުމެއް ނެތި، ރިސޯޓްތަކާއި ސަފާރީތަކުގެ ޖުމްލަ ވަޒީފާތަކުގެ 60 ޕަސެންޓް ވަޒީފާ ދިވެހިންނަށް ދޭން ލާޒިމް ކުރަން އޭނާ ހުށަހެޅުއްވި އިސްލާހަށް ވެސް މަޖިލީހުން ބުނީ ނޫނެކޭ އެވެ.

މާލީ ހާލަތު ދަށްވުމުން ނުވަތަ ވިޔަފާރިއަށް އަންނަ ބަދަލަކުން މުވައްޒަފުން މަދުކުރަން ޖެހުމަކީ ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއް ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ލިޔުނީ އަލަށެވެ. ކުރިން އޮތީ ރިޑަންޑަންސީއާ ބެހޭ ގޮތުން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކެކެވެ. މިއީ އޭގެ ޒާތުގައި ދެކޮޅަށް ބަހުސް ކުރެވެން އޮތް ބޮޑު މައުލޫއުއެކެވެ. މާލީ ހާލަތު ދަށްވީ ކަމަށް ބުނެ ރިޑަންޑަންސީގެ ނަމުގައި ހަމައެއްލަމައެއް ނެތި މީހުން ވަކިކުރާ ކުރުން އެއްކޮޅުގައި އޮތްއިރު ވިޔަފާރިތަކަށް ލިބޭ ގެއްލުމަކީ އަނެއް ކޮޅެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ދަށްވެފައިވާ ދަނޑިވަޅެއްގައި މިފަދަ އިސްލާހެއް ގެނައީ އުސޫލުތަކުން ބޭރުން މުވައްޒަފުން ވަކިކުރަން ގާނޫނީ ހުއްޖަތެއް ބަޔަކަށް ހޯދައިދޭން ކަމަށް އެއް ބަޔަކު ތުހުމަތުކުރެ އެވެ.

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/މަޖިލިސް

ސަލާމުގެ ޗުއްޓީގެ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އަހަރަކު ލިބޭ 30 ދުވަހުގެ ތެރެއިން 15 ދުވަހަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް އެ ބިލުން މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ސަލާމް ބުނާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ބިލުގައި އޮތުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި މަޖިލީހުގެ ކޮމެޓީން އެ ބަދަލު ގެނަޔަސް، ގިނަ ބަޔަކު އަދިވެސް ގަބޫލުކުރަނީ ސަލާމް ބުނުމުގެ ހައްގުގެ ބޭނުން ކުރަން މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ހެދުމަކީ ބޭއިންސާފެއް ކަމަށެވެ.

މުވައްޒަފުން އެދުވަހެއްގެ މަސައްކަތު ގަޑި ނިންމުމަށް ފަހު ރަށަށް ދާން ބޭނުންވާ ނަމަ، "ނައިޓަށް ދިއުމު"ގެ ފުރުސަތު ދޭން ބިލުގައި ހިމަނާފައި އޮތް މާއްދާއަކީ އެންމެ ފާޑުކިޔުން ބޮޑުވި މައްސަލަ އެވެ. ރިސޯޓްތަކުގައި އުޅޭ މުވައްޒަފުންނަށް ޚާއްސަކުރި މި މާއްދާއަކީ ވަޒީފާ ދޭ ފަރާތަށް އެއްވެސް ކަމެއް ލާޒިމްކުރާ މާއްދާއެއް ނޫނެވެ. ބިލުގައި އެ މާއްދާ އޮތީ ޑިއުޓީ ނިމުމުން މުވައްޒަފުން އަމިއްލައަށް ރަށަށް ދިއުމުގެ އިންތިޒާމް ހަމަޖައްސާ ނަމަ، އެކަމަށް ވަޒީފާ ދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. ވަރަށް މަދު ރިސޯޓްތަކަކުން ނޫނީ މިކަމަށް ހުރަހެއް ނާޅަ އެވެ.

މަދު ބައެއް ރިސޯޓްތަކުން އެ މީހުންގެ ޚަރަދުގައި މިހާރު ވެސް މުވައްޒަފުން ކައިރި ރަށްރަށަށް ގެންގޮސް ދިނަސް، ގިނަ ރިސޯޓްތަކުގައި އެ ފުރުސަތެއް ނޯވެ އެވެ. އަދި މިއީ ހުރިހާ ރިސޯޓަކަށް ހަމަޖެއްސޭނެ އިންތިޒާމެއް ވެސް ނޫނެވެ. މިސާލަކަށް ހދ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ އައްޑު އަތޮޅުގެ މުވައްޒަފަކު ކޮންމެ ދުވަހަކު ޑިއުޓީ ނިންމުމަށް ފަހު ރޭކުރަން ރަށަށް ދެވޭނެ ގޮތެއް ނެތެވެ. ރޭކުރަން ރަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭ ނަމަ، ރިސޯޓްތަކާ ކައިރި ރަށްރަށުގެ މީހުންނަށް ވަޒީފާ ނުލިބުމުގެ ފުރުސަތު ވެސް ހުޅުވޭނެ އެވެ.

ރަނގަޅު ކަންތައްތައް ވެސް އެބަ ހުރި

ބިލުގައި ރަނގަޅު ކަންތައްތަކެއް ނެތޭ ބުނެވޭކަށް ނެތެވެ. މިނިމަމް ވޭޖް ކަނޑައެޅުން އަންނަ އަހަރުން ފެށިގެން ލާޒިމް ކުރުމަކީ މި ބިލުން މަސައްކަތްތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ އަލި މަގެއް ނުފެނި، އޭގެ ބަހުސްތަކެއް ހިނގަމުން ދިއުމަށް ފަހު ފާސްކުރި ބިލް އޮޮތް ގޮތުން އެ ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް ބޯޑު އެކުލަވާލައި، ދިވެހިން އެންމެ ގިނައިން މަސައްކަތް ކުރާ ނުވަ ދާއިރާއަކުން މިނިމަމް ވޭޖް ކަނޑައަޅައި އަންނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ތަންފީޒު ކުރަން ފަށަން ލާޒިމްވާނެ އެވެ. އެކަމަކު ބިދޭސީންނަށް މިނިމަމް ވޭޖް ތަންފީޒުވާނީ ދެ އަހަރު ފަހުންނެވެ.

މުވައްޒަފުންނަށް ސާވިސް ޗާޖް ނުދިނުމުގެ ޝަކުވާއަށް އެ ބިލުން ގެނެސްދޭ ހައްލަކީ ކޮންމެ މަހެއްގެ ސާވިސް ޗާޖް ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން ބަހަން ޖެހޭ ގޮތް ހެދުމުގެ އިތުރަށް، ގަވާއިދުން ސާވިސް ޗާޖް ނުދޭ ފަރާތްތައް އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ދިނުމެވެ. މިހާރު ގާނޫނު އޮތް ގޮތުން އެކަމަށް ވަކި ފިޔަވަޅެއް އެޅޭނެ ގޮތަކަށް ނޯވެ އެވެ.

މީގެ އިތުރުން ސާވިސް ޗާޖްގެ ގޮތުގައި ދިން އަދަދު ގަވާއިދުން ބެލެހެއްޓުމާ އެކު ކޮންމެ ދެ އަހަރުން އެއް އަހަރު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޭގެ ތަފްސީލުތައް ފޮނުވަން އެ ބިލުން ލާޒިމް ކުރެ އެވެ.އެ މުއްދަތު ހަމަނުވިޔަސް، އެލްއާރުއޭ އިން އެ މައުލޫމާތު ބޭނުންވާ ކޮންމެ ވަގުތަކު އެ ތަފްސީލުތައް ދިނުން ލާޒިމްކުރުމާއި އެކަމަށް ދެކޮޅު ހަދާ ފަރާތްތައް 50،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވެސް ހިމަނާފައިވެ އެވެ.

އެއް ގައުމެއްގެ އެއް ލައްކައަށް ވުރެ ގިނަ މީހުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެއް ވަގުތަކު ނުގެންގުޅެވޭ ގޮތަށް ހެދުމަކީ ވެސް، ރަނގަޅު ބަދަލަކަށް ވެދާނެ އެވެ.

މުވައްޒަފުން ބައިތިއްބަން ހަމަޖައްސާ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑެއް ކަނޑައެޅުމަކީ ވެސް އެ ބިލުގައި އަންނަ މުހިންމު ބަދަލެކެވެ.

މިކަންކަން ގާނޫނުގައި ކިތަންމެ ސާފުކޮށް ލިޔުނަސް، އޭގެ ހިތްހަމަޖެހުން ނެތީ ތަންފީޒު ކުރުމާ ހަމައިންނެވެ. ވަޒީފާއާ ބެހޭ ގާނޫނަށް 12 އަހަރު ވުރެ ގިނަ ދުވަސް ވީއިރު ވެސް އެ ގާނޫނުގައި މިހާރު ބަޔާންކުރާ ހައްގުތައް މުވައްޒަފުންނަށް ނުލިބި އޮތްކަމަކީ އިއްޔެ ނުވަތަ މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ. އެއްވެސް ސަރުކާރަކަށް އެކަން ރަނގަޅަށް ބެލި، ފިޔަވަޅު އެޅިފައެއް ނުވެ އެވެ. ދެން ވެސް އެކަން ރަނގަޅަށް ބެލޭނެ ކަމުގެ އެއްވެސް އުއްމީދެއް ގިނަ ބަޔަކަށް ނެތެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގައި މިނިމަމް ވޭޖް ފަދަ މުހިންމު ކަންތައްތަކެއް ހިމެނުނަސް، ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފުޅާކޮށް ދޭން ލާޒިމް ކުރުމުގައި މަޖިލިސް ފަހަތު ފަޔަށް އޮތީ ބުރަވެފަ އެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުބ

18 September 2020

ހިޔާލަކީ ތަފާތު އެއްޗެއް ވިސްނަވާ ވަޒީފާ ދިވެހިންްނައް ނުލިބެޔޭ ވިދާޅުވާއިރު މިއަދު ނަހައް ފަރައް ރުކަކައް އަރާނެ ދިވެއްސަކު ނެތޭ ދެންނެވީމަ ދޮގަކައްނުވާނެ އެހާވެސް މީހުންމަދު މިގައުމުގައި ދޭތެރެ ދުރުކުރިކުރީނުން އަޅުގަނޑުމެންގެ ކާބަފައިން ދުވަސްވަރު އެއްވެސް ވަޒީފާއެއްނެއްޒަމާނުގަ ކޮންމެ އާއިލާއެއްގައި 10 12 ކުދަން ތިބޭ މިއަދު އާއިލާއެއްގައި 2 ކުދިން މައިން ބަފައިން ބޭނުންވަނީ 1 ކުއްޖަކު ޑޮކްޓަރަކައް އަނެއް ކުއްޖަކު އިންޖީނިއަރ ކޮންތާކުންތޯ ވަޒފ

The name is already taken The name is available. Register?

ހައްވާޅު ގޯތި

18 September 2020

ގާނޫތައް ތަންފީޒު ކުރަނީ ސަރުކާރުން . ގާނޫނު ތަމްފީޒު ނުކުރާނަމަ ސަރުކާރަށް ވޯޓު ނުދީ ސަރަުކާރު ބަދަލު ކުރުމުގެ އިހްތިޔާރު ރައްޔިތުންނަށް މިހާރު އޮންނާނެ

The name is already taken The name is available. Register?

ކަންނާޑި

18 September 2020

މިސާލަކަށް ހދ. އަތޮޅުގެމީހާ ބަދަލުގައި ބަނގުލަދޭސް މީހާ ރިސޯޓެއްގައި މަސައްކަތް ކުރާ އައްޑު އަތޮޅުގެ މުވައްޒަފާ ބަނގުލަދޭސް މީހާ ކޮންމެ ދުވަހަކު ޑިއުޓީ ނިންމުމަށް ފަހު ރޭކުރަން ރަށަށް ދެވޭނެ ގޮތެއް ނެތްކަމަށް ބުނެ މިސާލެއް ދެކިނަމަ ރަނގަޅުވީސް.... ސަރުކާރުން ރިސޯޓުތައް ފުރަތަމަ ދޫކުރުމުގެ މަގުސަދަކީ އެރިސޯޓު ކައިރީގައި ދިރިއުޅޭ ރައްތަކާ އެ އަތޮޅެއްގެ މީހުނަށް ވަޒީފާ ފުރުސަތު ތަނަވަސް ކޮށްދިނުން... މިކަން ނުވިސްނޭ މީހުން ގައުމުގައި ގިނަވީ..؛!

The name is already taken The name is available. Register?

ކަންނާޑި

18 September 2020

ފަސްދޮޅަސް ޕަސެންޓް ސީނިއަރ މެނޭޖްމަން 50 މުއައްޒަފުންނަށް ވުރެ މަތި ވާނީ ރިސޯޓުކަުގައި ގިނަ ރިސޯޓުތަކުގެ ސީނިޔަރ މެނޭޖް 95 ޕަސެންޓަކީ ބޭރު މީހުން..... ދިވެހިން ތަމްރީނު ކުރުމަށް ގިނަ ރިސޯޓުތަކުން އިސްކަމެއް ނެދޭ ބޭނުންވަނީ ބުނިހާ ކަމެއް ކުރާ އަގުހެޔޮ އަޅު މަސަތްކަތްތެރިން

The name is already taken The name is available. Register?

ގަޓް ބްރޯ

16 September 2020

ރާއްޖޭގަ ކޮރަޕްޝަން އަށަގެންފައޮތްލެއް ބޮޑުކަމުން މިހާރަކު ގާނޫނާ ގަވައިދުތަކުގެ މާބޮޑު ބޭނުމެއްނެތް. ފައިސާފޮއްޗެއް ލިބިއްޖިއްޔާ ހަރާމެެއް ހަލާލެއް ނުބަލާ! މިކަހަލަ ގައުމުތަކަށް ބިދޭސީން އަތްގަދަކުރާގޮތަށް މިގައުމަށްވެސް މިހާރު އަތްގަދަކޮށްގެން ތިބީ އެކި ފަންތީގެ ބިދޭސީން. މިކަން ދެން ދާނީވެސް ގޯހުން ގޯހަށް.

The name is already taken The name is available. Register?

ޙަބީބު.

16 September 2020

ޓޫރިޒަ މްދުވަސް ފާހަގަ ކުރަންޏާ ސަރުކާރުގެ ވެރިން ރާއްޖޭގެ ރިސޯޓު ތަކައްގޮސް ބައްދަލު ކުރަންވީ އެތަންތާގެ އިސްވެރިންނަކާނޫން ކުކުޅުކައިގެން ރޫ މުތަކުގެ ޕޫލައް އެރުނަކަސް އެއީ ޓޫރިޒަ މް ދުވަސް ފާހަގަ ވީކީނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454