ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ފަށައިފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ސާކިއުލާއެއްގައި ބުނީ "ލޭބާ ފޯސް ސާވޭ 2024" ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށެވެ. އަދި މި ސާވޭއަށް ސާމްޕަލް ނަގާނީ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކަށް ގޮސްގެން ކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ.
"މި ސާވޭއަށް ގޭބިސީތަކުން އެއްބާރުލުން ދެއްވުމަކީ މި ބިއުރޯގެ ވަރަށް ބޮޑު އެދުމެކެވެ،" އެ ބިއުރޯއިން ބުންޏެވެ.
ސާވޭގެ މަގުސަދުތައް
އިގުތިސާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުން.
ލޭބާ ފޯސް ޕާޓިސިޕޭޝަން ރޫޓް ދެނެގަތުމާއި އަލަށް ވަޒީފާ އުފެދޭ ވަރު ދެނެގަތުން.
އެމްޕްލޯއިމަންޓް އަދި އަންއެމްޕްލޯއިމަންޓް ރޭޓް ދެނެގަތުން.
ހިޖުރަކުރުމުގެ ރޭޓް ހޯދުން އަދި އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ ހޯދުން.
ޑީސެންޓް ޖޮބްސް އިންޑިކޭޓާ އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުން.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާ ވަރު ދެނެގަތުން.
ސްޓެޓިސްޓިކް ބިއުރޯއިން ބުނީ މި ސާވޭގެ ބޭނުމަށް އެއްކުރާނީ މީހުންގެ ތައުލީމީ ފެންވަރާއި އާމްދަނީގެ ތަފުސީލާއި ހިޖުރަކުރުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ހޭދަކުރާ ވަގުތާއި މީހުންގެ އާންމު މައުލޫމާތާއި ވަޒީފާ އާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީ އަދި ހިލޭސާބަހަށް މަސައްކަތްކުރާ އާބާދީއާ ގުޅޭ މައުލޫމާތު ކަމަށެވެ.
މިއީ އާންމުންގެ އަގުހުރި ވަގުތާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ސާވޭއަކަށް ވާތީ، މި ސާވޭއަށް އެއްބާރުލުން ދިނުމަށް އާންމުން ހޭދަކުރާ ވަގުތަކީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކުރުމަށް ދެވޭ އަގުހުރި ގައުމީ ހިދުމަތެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ.