16 އޮކްޓޯބަރ 2020 - 13:03
ޝާހިދު ކަޕޫރާ އެކު ނެޓްފްލިކްސް އިން 100 ކްރޯޑްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައި ވަނިކޮށް، އެމެޒޯން ޕްރައިމް ވީޑިއޯއިން އޭނާއާ އެކު އެއްބަސްވުމެއް ހަދައިފި އެވެ.
މިކަމުގެ މައުލޫމާތު އެނގޭ ޝާހިދުގެ ގާތް މީހަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ދެ އަހަރު ދުވަހަށް ޝާހިދާ އެކު އެމެޒޯން އިން އެއްބަސްވުމަކަށް އައީ 55-60 ކްރޯޑް ރުޕީސް (7.6-8.2 މިލިއަން ޑޮލަރު) އަށް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ފަސް އުފެއްދުމެއް ގެނެސްދޭން ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ މަސައްކަތަކީ ވެބް ސީރީޒެއް ކަމަށް ބުންޏެވެ.
ހަންގާމާ އިން ބުނި ގޮތުގައި އެ ވެބް ސީރީޒް ޑައިރެކްޓްކުރާނީ އެމެޒޯން އަށް "ފެމިލީ މޭން" ހަދައިދޭ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ އެވެ. މަނޯޖް ބަޖްޕާއީ ލީޑް ރޯލް ކުޅޭ އެ ސީރީޒްގެ ފުރަތަމަ ސީޒަން މިދިޔަ އަހަރު ގެނެސްދީފައިވާ އިރު ދެވަނަ ސީޒަން އަންނަ ޑިސެމްބަރު މަހު ސްޓްރީމްކުރާނެ އެވެ.
ހަންގާމާ އިން ބުނީ ޝާހިދުގެ ވެބް ސީރިޒްގެ މަސައްކަތް ރާޖް އެންޑް ޑީކޭ ފަށާނީ "ފެމިލީ މޭން 2" އިން އަތްދޫކޮށްލުމަށް ފަހު އެވެ. އެ ދެ މީހުންގެ ފިލްމެއް މީގެ ފަސް އަހަރު ކުރިން ވެސް ޝާހިދަށް ލިބުނެވެ. އެކަމަކު "ފަރްޒީ" ކިޔާ އެ ފިލްމު އިއުލާންކޮށްފައި ފަހުން ވަނީ އޭގެ މަސައްކަތް ހުއްޓާލައިފަ އެވެ.
މިދިޔަ މަހު މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ނެޓްފްލިކްސް އިން ޝާހިދާ އެކު ހެދި ކަމަށް ބުނާ 100 ކްރޯޑް ރުޕީސް (13.7 މިލިއަން ޑޮލަރު) ގެ އެއްބަސްވުމުގެ ދަށުން ގެނެސްދޭން ހަމަޖެހުނު ފިލްމަކީ ރާއްޖޭގެ ބަޔަކު ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން 1988 ގައި ދިން އުދުވާނީ ހަމާލާގައި އިންޑިއާ އިން ރާއްޖެ އަށް އެހީވާން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy