މުނިފޫހިފިލުވުން / އިންޑިއާ

ލަންކާގެ ކްރިކެޓް ތަރި މުތިއާ މުރަލިތަރަންގެ ބައޯޕިކާ އިންޑިއާގެ ތަމަޅައިން ދެކޮޅު

18 އޮކްޓޯބަރ 2020 - 10:13

ސްރީ ލަންކާގެ ކުރީގެ ކްރިކެޓް ތަރި މުތިއާ މުރާލިތަރަންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް އިންޑިއާ އިން ހަދަން ނިންމައި، އެ ފިލްމު ރަސްމީކޮށް އިއުލާންކޮށް މޯޝަން ޕޯސްޓަރު އާންމުކުރުމާ އެކު އިންޑިއާގެ ޓަމިލް ނާޑޫގެ ތަމަޅައިން ފިލްމާ ދެކޮޅަށް ނުކުމެއްޖެ އެވެ.

ތަމަޅަ ބަހުން ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި "800" ގެ ނަން ދީފައިވާ ފިލްމުގައި މުތިއާގެ ރޯލް ކުޅެން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރި ވިޖޭ ސެތުޕަތީ އެއްބަސްވުމަކީ ވެސް ތަމަޅަ އާބާދީ އަށް ހުތުރެކެވެ. އެ މީހުން ބުނާ ގޮތުގައި މުތިއާ ނިސްބަތްވާ ލަންކާ އަކީ ތަމަޅައިންނާ ދެކޮޅަށް އެތައް ޖަރީމާތަކެއް، އެތައް އަހަރެއް ވަންދެން ހިންގައި ތަމަޅައިންގެ އެތައް ހާސް ބަޔަކު މަރާފައިވާ ގައުމެކެވެ.

އެހެންވެ އެފަދަ ގައުމަކަށް ނިސްބަތްވާ މީހަކަށް ހަދާ ފިލްމެއް ވިޖޭ ކަހަލަ، އާންމުން ލޯބިވާ އެކްޓަރަކު ކުޅެން އެއްބަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ ފިލްމުން ވިޖޭ ވަކިވާން ގޮވާލައި ޓްވިޓާގައި ދަނީ ކެމްޕޭން ވެސް ކުރަމުންނެވެ. އެ މީހުން ބުނާ ގޮތުގައި "800" ކުޅެން ނިންމި ނިންމުމާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ވިޖޭ ދާން ޖެހޭނެ އެވެ.

ލަންކާގައި 2009 ގައި ނިމުމަކަށް ގެނައި ދާހިލީ ހަނގުރާމަ އަކީ އެ ގައުމުގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކުރަން ލިބެރޭޝަން ޓައިގާޒް އޮފް ޓަމިލް އީލާމް (އެލްޓީޓީއީ) އިން ކުރަމުން ދިޔަ އަނިޔާވެރި ހަނގުރާމާގައި ސިއްކަ ޖެހުނު އަހަރެވެ. އެއީ އަލުން އަނެއްކާ ވެސް މި އަހަރު ވެރިކަމަށް ވަޑައިގެންނެވި މަހިންދުރަ ރާޖަޕަކްސާގެ ދައުރުގަ އެވެ. އެލްޓީޓީއީ ބަލިކޮށްލައި ލަންކާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އޭނާގެ ވެރިކަމުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ފާހަގަކުރެ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ މުތިއާގެ ބައޮގްރަފިކަލް ޑްރާމާ "800" ގެ މައްސަލަ ހޫނުވާން ފެށޑުމުން އޭނާ ވަނީ ހުކުރު ދުވަހު ބަޔާނެއް ވެސް ނެރަފަ އެވެ. އޭގައި މުތިއާ ބުނީ އޭނާ އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމީ އަމިއްލަ އަށް ނޫން ކަމަށާއި އެކަމަކީ އިންޑިއާ އިން މިދިޔަ އަހަރު ހުށަހެޅުމެއް އައުމުން ކުރިން ވެސް ފަސް ޖެހުނު ނިންމުމެއް ކަމަށެވެ.

ނަމަވެސް ޕްރޮޑިއުސަަރުންތަކެއް އޭނާގެ ވާހަކަ ސްކްރީނަށް ގެނައުމުގެ ޝައުގުވެރިކަން ތަކުރާރުކޮށް ފާޅުކުރަމުން ދިއުމުން އެންމެ ފަހުން އެކަމަށް އެއްބަސްވީ ކަމަށް ބުންޏެވެ.

"އަހަރެން އެކަމަށް އެއްބަސްވި މައިގަނޑު ސަބަބަކީ މިހާރުގެ ޖީލުތަކަށް ރަނގަޅު މެސެޖްތަކެއް ވެސް ލިބޭނެ ކަމަށް ގަބޫލުކޮށްފައި. ސަބަބަކީ އަހަރެން ކާމިޔާބު ކްރިކެޓް ކުޅުންތެރިއަކަށްވީ ކިޔަވައިދިން ޓީޗަރުންނާއި ކޯޗުންނާއި މައިންބަފައިންނާ ޖުމްލަކޮށް މުޅި ލަންކާ އިން ލިބުނު އެހީގައި ކަމަށްވާތީ،" މުތިއާ، 48، ބުންޏެވެ. "އަދި އެ ފިލްމުގެ ސަބަބުން އެ ކަންކަމުގެ އަގު ވެސް ވަޒަންކުރެވޭނެ."

މުތިއާ ބުނީ އޭނާ އަކީ ވެސް ލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު އުފަންވި މީހެއް ކަމަށާއި އެކަމުގެ ހިތްދަތިކަމާއި ވޭނާއި ކެކުޅުން އަމިއްލަ އަށް ވެސް ތަޖުރިބާކުރި ކަމަށެވެ. އެކަމަކު ދުވަހަކު ވެސް ވަކި ޖަމާއަތެއްގެ ބަޔަކާ ދެކޮޅަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެ ކަމަށް ބުންޏެވެ.

"އެ ދުވަސްވަރު އަހަންނާ އެކީގައި ކުޅެން އުޅުނު ބައެއް ރައްޓެހިން ވެސް ވަނީ ވަކިވެން ގޮސްފައި. އެއީ ހިތްދަތި ހަނދާންތަކެއް،" މުތިއާ ބުންޏެވެ.

ބަޔާނުގައި އޭނާ ބުނީ އަމިއްލަ ގައުމުގައި އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ތަމަޅަ ބަހުން ވާހަކަ ދައްކަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި ކަމަށް ބުންޏެވެ. މުތިއާ ބުނި ގޮތުގައި އާންމުން ބަލައިގަތް ކުރިކެޓް ކުޅުންތެރިންއަކަށް ވެވުނީ ވަރަށް ބޮޑެތި ގުރުބާނީ އާއީ ހިތްވަރުންނެވެ.

މުތިއާ ބުނީ އޭނާ ލަންކާ އަށް އުފަންވުމަކީ ތަމަޅައިންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގައި އޭނާގެ ހިއްސާއެއްވާ ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އަހަރެން ލަންކާ އަށް އުފަންވުމަކީ އަހަރެންގެ މައްސަލައެއްތަ؟" މުތިއާގެ ބަޔާނުގައި ސުވާލުކޮށްފައިވެ އެވެ.

އެމްއެސް ތުރިޕަތީ ޑައިރެކްޓްކުރާ "800" ގެ މަންޒަރުތައް ލަންކާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި އިންޑިއާގައި ވެސް ނަގަން ނިންމާފައިވާ އިރު، އެ ފލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454