ލައިފްސްޓައިލް

އެކުވެރިންގެ ދުމުން ތިމާ ހުލިވާން ދޫކޮށްނުލާތި!

ދުންފަތުގެ ދުމުން އެ ބޭނުން ނުކުރާ މީހުންގެ ސިއްހަތަށް ވެސް ގެއްލުން ލިބޭ

ދުންފަތުގެ ވަބާއަކީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސިއްހީ ނުރައްކަލެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އަހަރަކު ހަ މިލިއަނަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން މަރުވެ އެވެ. މީގެ ތެރެއިން ފަސް މިލިއަން މަރަކީ ސީދާ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ވިޔަސް މީގެ ތެރެއިން މަދުވެގެން މިލިއަނެއްހާ މަރަކީ އެމީހުންގެ ކައިރީގައި ދިރިއުޅޭ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގައި މަރުވި މީހުން ކަމަށް ގްލޯބަލް ބާޑްން އޮފް ޑިޒީޒް (ޖީބީޑީ) އިން އެއްކޮށްފައިވާ މައުލޫމާތުތަކުން ހާމަވެފައިވެ އެވެ.

ސެކެންޑް ހޭންޑް ސްމޯކިން ނުވަތަ ޕެސިވް ސްމޯކިން އަކީ އެހާ ނުރައްކާ ބޮޑު އެއްޗެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ބޭރުކުރާ ދުމަކީ އެމީހާގެ ވަށައިގެން އުޅޭ އެހެން މީހުންގެ ސިއްހަތަށް ވެސް އިންތިހާއަށް ގެއްލުންދޭ އެއްޗެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެކަމުގެ ސަބަބުން ނުރައްކާތެރި އެތައް ވައްތަރެއްގެ ކެންސަރުޖެހޭ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ކެންސަރުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު، ކަރުގެ އަޑު ނުކުންނަ ހިސާބު ނުވަތަ ވޮއިސް ބޮކްސް އަށް ޖެހޭ ކެންސަރު، އަނގަ، ކަރުތެރެ، ބްލެޑާ، ކިޑްނީ، ލިވާ، ބަނޑު އަދި ޕެންކްރިއަސް އަށް ޖެހޭ ކެންސަރު ހިމެނެ އެވެ.

އެހެން މީހުން ބޭރުކުރާ ދުމުގެ އަސަރުކިުރާ މީހުންނަށް ގެއްލުންވަނީ ކީއްވެ؟

އެކުގައި އުޅޭ އެކުވެރިން ސިނގިރޭޓެއް ބޯލަން ބޭރަށް ނުކުމެލާއިރު އެމީހަކާ އެކު ގޮސް އޭނާ ސިނގިރޭޓު ބޯ ތަނުގައި ވާހަކަ ދައްކާލަން މަޑުކޮށްލަން ހެއްޔެވެ؟ މިފަދަ މީހުން ސަމާލުވާށެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްގެ ކައިރީގައި ކުޑަކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލުމަކީ ވެސް ތިމާއަށް މަރުގެ ހަމަލައެއް އަތުވެދާނެ ފަދަ ކަމެކެވެ.

ޓައިމްސް އޮފް އިންޑިޔާގައިވާ ރިޕޯޓަކަށް އެ ގައުމުގެ މެކްސް ބާލާޖީ ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލުގެ އެސޯސިއޭޓް ޑައިރެކްޓަރު އެންޑް ހެޑް – ކާޑިއެކް ކެތު ލެބް ޑރ. މަނޯޖް ކުމާރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާ އެކު އުޅޭ ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ގިނައިން ތިބޭ ތަންތަނަށް ގޮސް އުޅޭ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އޮންނަ ވަރުގެ ނުރައްކަލެއް އެބައޮތެވެ.

ހޮޓާ ރެސްޓޯރެންޓްތަކުގެ ބޭރުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ވެސް އެކަން ނުކުރާ މީހުންގެ ސިއްހަތަށް ވެސް ބޮޑެތި ގެއްލުންތައް ލިބޭ

އިންސާނާގެ ހަށިގަނޑަށް ދުންފަތުގެ ދުމުން ކުރާ އަސަރު ބިނާ ވާނީ އޭނާއަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ މައްޗަށެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހެއްގެ ހަށިގަނޑަށް އެންމެ ފަސް މިނިޓްވަންދެން ދުމުގެ އަސަރު ކޮށްގެންވެސް އޭނާގެ އައޯޓާ (ނުވަތަ ހިތަށް ލޭފޮނުވުމަށް ބޭނުންވާ އެންމެ ބޮޑު ފަލަ ލޭ ހޮޅި) ހަރުވުމަށް މެދުވެރިވާނެ އެވެ. އަދި އެފަދަ މީހެއްގެ ހަށިގަނޑު ވިއްސަކަށް މިނިޓް ވަންދެން ދުންފަތުގެ ދުމަށް ހުށަހެޅިއްޖެ ނަމަ ލޭ ގަނޑުވުމުގެ މައްސަލަ ދިމާވެ އެކަމާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތަކުގައި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެހެންކަމުން ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުން، ދުންފަތުގެ އިސްތިއުމާލުކުރާ ވަގުތު އެފަދަ މީހުންނާ ވީހާވެސް ދުރުގައި ތިބުމާއި މީހުން ގިނައިން އެއްވާ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ އެފަދަ ތަންތަނާ ގާތް ނުވުމަށް އަދި ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން މަނާކުރަން ޖެހޭކަމަށް ޑޮކްޓަރު ވިދަޅުވި އެވެ.

ހަށިގަނޑަށް އިންތިހާއަށް ގެއްލުން ލިބޭ އެތައް ހާސް ވިހައަކާއި ކެމިކަލެއް ދުންފަތުގައި އެކުލެވެ އެވެ. ދުންފަތުގައި އެކުލެވޭ ނިކޮޓީންގެ ސަބަބުން ހަށިގަނޑުން އެޑްރިނަލިން އުފައްދަން ފަށަ އެވެ. ނަތީޖާއަކަށް ވަނީ ސިނގިރޭޓެއް ބޯލާ ވަގުތު ލޭގެ ޕްރެޝަރު ކުޑަކޮށް މަތިވެލާ ހިތުގެ ހިނގުން ވެސް މަތިވުމެވެ. އަދި ނިކޮޓީންގެ ސަބަބުން، ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމާއެކު މީހުން އެޔަށް ދެވިހިފާ ގޮތް މެދުވެރިވެ އެވެ.

އިންޑިއާގެ ނޮއިޑާގެ ކެއިލާޝް ހޮސްޕިޓަލް އެންޑް ހާޓް އިންސްޓިޓިއުޓްގެ ސީނިއަ އިންޓަވެންޝަނަލް ކާޑިސޮލޮޖިސްޓް ޑރ. ސަންތޯޝް ކުމާރު އަގަރްވާލް ވިދާޅުވެފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަނގައިން ނުކުންނަ ދުންތަކުގެ ކިތަންމެ ކުޑަ މިންވަރަކުން ވެސް އެ އަމަލު ނުކުރާ މީހުންނަށް ގެއްލުން ލިބޭނެ އެވެ. އޭގެ މަދު މިންވަރެއް ގިނަ މިންވަރެއް ނޯވެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރަން ޚާއްސަ ޒޯންތަކެއް ހަދާފައި ހުރުމަކީ ވެސް އެކަން ނުކުރާ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމެއް ނޫނެވެ. ގިނަ ބަޔަކު މިފަދަ ކަންތައްތަކަށް އެހާ ހޭލުންތެރި ނޫންކަމަށް ފާހަގަކުރައްވަމުން ޑރ. ސަންތޯޝް ވިދާޅުވީ މިކަމަށް އޮތް ހަމައެކަނި ހައްލަކީ ދުން އެއްގޮތަކަށް ވެސް ނެތް "100 ޕަސެންޓް ސްމޯކް ފްރީ" މާހައުލެއް ގާއިމުކުރުން ކަމަށެވެ.

ނަމަވެސް މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ނުކުރާ ނަމަ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ގެއްލުން ނުލިބޭނެ އެއްގޮތެއްވެސް ނޯންނާނެ ކަމަށް ތަޖުރިބާކާރުން ވެސް އެއްބަސްވެ އެވެ. ސަބަބަކީ ޕޭވްމަންޓް މަތިން ހިނގަން އޮންނަ ކުޑަކުޑަ ތަންކޮޅުގައި ކުރިމަތިން ދާ މީހުން ސިނގިރޭޓް ބޮމުން އޭގެ ދުންތައް ބުރުވަމުންދާ ނަމަ ފަހަތުން އަންނަ މީހުންނަށް އެއިން ސަލާމަތްވާން ކުރެވޭނެ މާބޮޑު ކަމެއް ނޯންނާތީ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންތަ؟

ސިނގިރޭޓް ބޯ މީހަކު ކުއްލިއަކަށް އެކަން ހުއްޓާލުމުން ހަށިގަނޑަށް ވަނީ ކިހިނެއް ހެއްޔެވެ؟ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާތާ 12 ގަޑިއިރުގެ ތެރޭގައި، ލޭގައިވާ ކާބަން-މޮނޮކްސައިޑްގެ ލެވެލް އާދައިގައި ހުންނަން ޖެހޭ މިންވަރަށް ވެއްޓެ އެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި، ލޭ ދައުރުވުމާއި ފުއްޕާމޭގެ ފަންކްޝަން ރަނގަޅުވާން ފަށަ އެވެ. ނުވަ މަސް ދުވަސް ވާއިރު ނޭވާލާން ފަސޭހަވެއްޖެ ކަމާއި ކުރިން އެ ކެއްސާ ކެއްސުން ނެތްކަން ފާހަގަ ކުރެވޭނެ އެވެ.

އަހަރެއްވާއިރު، ހަށިގަނޑަށް އޮތް ހިތުގެ ބަލިތަކުގެ ނުރައްކާ ދެބައިކުޅަ އެއްބަޔަށް ދަށްވާނެ އެވެ. އަދި ފަސް އަހަރުގެ ތެރޭގައި ކެންސަރުގެ ނުރައްކާވެސް ކުޑަވާން ފަށާނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުން ހަނދާންކުރުން: ފަހަރެއްގައި މިއީ މިފަދަ މީހުން ބޭނުންކުރާ އެންމެ އާއްމު ގޮތަށް ވެސް ވެދާނެ އެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އަބަދުވެސް އެކަން ހުއްޓާލަން މަސައްކަތް ކުރަނީ އަދި އެކަން ކުރާހިތް ކަނޑުވާލަން ބޭނުންވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ގަބޫލުކުރަން މަސައްކަތް ކުރާނެ އެވެ. އެގޮތުން އަމިއްލަ ނަފްސަށް އެމީހުން ވިސްނައިދޭން މަސައްކަތް ކުރާނީ އެކަން ހުއްޓާލަން ބޭނުންވަނީ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދައިދިނުމަށް، ސިއްހަތު ރަނގަޅު ކުރުމަށް، ތިމާ އެންމެ ލޯބިވާ މީހުން ތިމާ ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭނެ ގެއްލުމުން ސަލާމަތްކުރުމަށް ނުވަތަ ބޭކާރު ގޮތުގައި ހޭދަވާ ފައިސާ ސަލާމަތް ކުރުމަށް ފަދަ ކަންތައް ތަކެވެ.

ކޮންމެ ގޮތަކަށް ދުންފަތުގެ އާދަ ކަނޑުވާލަން މަސައްކަތް ކުރިޔަސް އެންމެ މުހިއްމު ކަމަކީ އެމީހެއްގެ ހިތްވަރާއި އަޒުމެވެ. ގަދަފަދަ އަޒުމެއް ކަނޑައަޅައިގެން ހިތްވަރު ކޮށްލައިފި ނަމަ އެއްވެސް ކަމެއް ނުކޮށް ވެސް އެ އާދަ ކަނޑުވާލެވިދާނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަން ހުއްޓާލަން މަސައްކަތްކުރަން ޖެހެނީ ހަމައެކަނި ތިމާއަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަކަށްޓަކައެއް ނޫނެވެ. އަނބިދަރިންނާއި އާއިލާގެ ސަލާމަތަށެވެ. އެކުވެރިންނާއި ރަހުމަތްތެރިންގެ ރައްކާތެރި ކަމަށެވެ. އަދި އަވަށްޓެރިންނާއި އެނޫންވެސް ދިރިއުޅޭ އެހެން މީހުންގެ ސަލާމަތަށެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޅު މުހައްމަދު

03 June 2016

އަހަރެންގެ ވަރަށް ލޯބިވާ ރަހުމަތްތެރި އެއް ތިކަމުގަ އުޅޭ. ނުބޯށޭ ބުނެފިއްޔާ ހިތައް އެރި އެއްޗެއް ގޮވާނެ. މަގޭ އަތުން އެތައް ފައިސާވެސް ދެމި. ރުފިޔާ ނުދީގެން ވާހަކަ ނުދައްކާ އިމޯޝަނަލީ ބުލެކްމެއިލް ކުރާނެ. ނުބޯނަމޭ ކިޔާ ދޮގު ހަދާނެ. ސިގިރޭޓު ނުބޯނީ ރަނޑުންނޭ ބުނާނެ. މަށަށް ބޯން ދޭންވެސް އުޅުން ވަރަށް ކުރިން. މަގޭ ގައިގަ ސިގިރޭޓު ވަސް ދުވައިގެން މަންމަމެން މަށަށް ޝައްކު ކުރި އިރެއްވެސް ދިޔަ. ބައްޕަ ކަބަޑުން ރފ ވެސް ނަގާނެ ނުނަގާށެ ބުނެބުނެ އޮއްވަ. އެކަމާ ބައްޕަ މަ ދެކެ ރުޅިވެސް އައީ. މީ މުޅިންވެސް ހިތި ތަޖުރިބާ. ލަދާއި ވޭން. ވަރައް ފޫހިވެ އެނަ ދެކެ. ލޯބިވާތީ އަތިވެސް ގުޅުން އޮޢްނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454