ކޮންސްޓްރަކްޝަން ސަރަހައްދެއްގައި ބަޔަކު މަސައްކަތް ކުރަނީ-- ފޮޓޯ:ނިޝާން އަލީ/މިހާރު
23 އޮކްޓޯބަރ 2020 - 17:17
އިމާރާތް ކުރުމުގެ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއް ކުރިއަރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.
އެކި ދާއިރާތައް ކުރިއަރަމުން އަންނަ މިންވަރު ބެލުމަށް އެމްއެމްއޭ އިން ކޮންމެ ކުއާޓަރެއްގައި ހަދާ މި ސާވޭއިން ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިންވަނަ ކުއާޓާގައި އިމާރާތް ކުރުމުގެ ދާއިރާ ވަނީ ކުޑަކޮށް ރަނގަޅުވެފަ އެވެ. ނަމަވެސް ގިނަ މަސައްކަތްތައް މަޑުޖެހިފައި އޮތުމުން އެ ދާއިރާ ކުރިއަރަމުން ނުދާކަމަށް ސާވޭގައި ބައިވެރިވި ކުންފުނިތަކުން ވަނީ ބުނެފަ އެވެ.
ތިންވަނަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާ ދަށްވި ނަމަވެސް މި އަހަރުގެ ފަހު ކުއާޓަރުގައި އެ ދާއިރާ ކުރިއަރާނެ ކަމަށް ސާވޭގެ ބައިވެރިން ވަނީ ލަފާކޮށްފަ އެވެ.
ސާވޭ އިން ދައްކާގޮތުން މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ދިން ލުޔާ އެކު މިދިޔަ ކުއާޓާގައި އެންމެ ބޮޑަށް ކުރިއަރާފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އެވެ. ލޮކްޑައުންގެ ސަބަބުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ދާއިރާ އޮތީ އެއްކޮށް ހުއްޓިފަ އެވެ. އެހެންނަމަވެސް މިދިޔަ ކުއާޓާގައި އެ ދާއިރާ ކުރިއަރައިފައިވާއިރު މި ކުއާޓާގައި ވެސް ދާއިރާ ކުރިއަރާނެ ކަމަށް ލަފާ ކުރެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާފައި ވަނީ ވެސް މިދިޔަ ކުއާޓަރުގަ އެވެ. އެހެންކަމުން މިދިޔަ ކުއާޓާގައި އެ ދާއިރާ ވެސް ކުރިއަރައިފައިވާ ކަމަށް ސާވޭގައި ބައިވެރިވި ކުންފުނިތަކުން ވަނީ ބުނެފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ހަތަރުވަނަ ކުއާޓަރަކީ ޓޫރިޒަމަށް އޮންނަ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެގެންދާ "ޕީކް ސީޒަން" އެވެ. އެހެންކަމުން މި ކުއާޓާގައި ވެސް ޓޫރިޒަމް ދާއިރާ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެމްއެމްއޭގެ ސާވޭ ދައްކާ ގޮތުގައި މިދިޔަ ކުއާޓާގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް، (ހާއްސަ ގޮތެއްގައި ޓޫރިޒަމާއި އިމާރާތްކުރުމުގެ ދާއިރާ)އަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ވަނީ އިތުރަށް ދަތިވެފަ އެވެ. އަދި މި ކުއާޓަރުގައި ވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދަން ދަތިވާނެ ކަމަށް ސާވޭގެ ބައިވެރިން ވަނީ ލަފާކޮށްފަ އެވެ.
މި އަހަރުގެ ތިންވަނަ ކުއާޓާގެ ސާވޭގައި ރާއްޖޭގެ އެކި ދާއިރާތަކުގެ 104 ބޮޑެތި ކުންފުނިން ވަނީ ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށނރ5
24 October 2020
ޢެމްއެމްއޭ މީ ކީއްކުރާތަނެއްތަ.އެމް އެމް ޕީ އާރު ސީ ގެ ވައްކަން ކުރީ މިމީހުންގެ ލޯމަތިން. ޢިންޕުލޭޝަން އެހާމަތި. ޜުފިޔާގެ އަގު ނުހިފެހެއްޓޭ. ޥަޒީފާ ނެތް މީހުން އެހާގިނަ. ޟިތަން ދުވަހަކުވެސް އޮޑިޓެއް ކުރިބާ. ކޮބާ އިހުމާލުވި ގަވަރުނަރު. ޢަދިވެސް ސަރުކާރު ހަރުދުގަ ނިއުޔޯކުގަ ބަހައްޓާފަތަ
އޭކު ސަވާލް
24 October 2020
ކުރިއެރުމެއް ނުލިބެއެވެ. އެމއއެމް އޭ އަކީ ރައްޔިތުނއނާއި ވިޔަފާރި ތަކުގެ ޢަދުއްވެކެވެ. ލޮކްޑައުނުން އަރައިގަތުމަށް ތިޔަ އެމްއެމްއޭ އިން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެމްއެމްއޭ އަކީ ނިދާފައި އޮތް މުވައްސަސާއެކެވެ.
ޑައުން ލައިޓް އޮފް ފިއުޗަރް
24 October 2020
ލޮލް ކޮން ކޮން ދައިރާ ތަގެއްގެ ވާހަކަބާ މިދައްކަނީ. ޜާއްޖޭގަ އޮންނަނީ 3 ދާއިރާތަ
ބިރާދް
23 October 2020
ލޮކްޑައުން ކުރުމުން ހުރިހާ ކަމެއް ހުއްޓިފައިވެ އަލުން ފަށައިގަތީނު..ކުރި އެރުމަކީ ލޮކްޑައުންގެ ކުރިންއޮތް ވަރަށްވުރެ މަތިވުން..
ލޭ ބޯ ބޭންކް
23 October 2020
ބޭންކް ތަކުގެ އުދަގޫ ވެސް ބޮޑީ އެވެ. މީހެއްގެ މުޅި ދިރި އުޅުން ތަހުނު ކޮށްފައި ވެސް ލޯނެއް ދެނީ ވަރަށް އުދަގުލުން ނެވެ.ކަމެއް ކުރެވޭ ވަރަކަށް ލޯނެއް ވެސް ނުދޭނެ އެވެ.
ހަމަވިސްނާ
24 October 2020
ބޭންކްތަކުގެ މައްސަލަ އެއް ނޫނެވެ. އެމްއެމްއޭ ގެ ކަންޖޫސްކަމެވެ.