ޖަމާލުންދީން ސްކޫލް ކައިރިން ނަޖިސް ފެން ބޭރުވަމުންދިޔަ ޖަންކްޝަންގެ ކައިރިން މީހަކު ހިނގާފައި ދަނީ: މި މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވާއިރު، އަދިވެސް ހައްލެއް ނުލިބޭ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
31 އޮކްޓޯބަރ 2016 - 13:44
މާލޭގެ ޖަންކްޝަންތަކުން މަގުމައްޗަށް ނަޖިސް ލީކުވާ މައްސަލަ ހައްލުކުރަން، 75 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަޝްރޫއެއް އަންނަ އަހަރު ކުރީކޮޅު ފަށަން އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ.
ސަރުކާރު ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވީ މިހާރުގެ ނިޒާމު ގާއިމް ކޮށްފައި ވަނީ 70،000 މީހުންގެ އާބާދީއަކަށް ބަލައިގެން ކަމަށެވެ. އެކަމަކު، މާލޭގެ އާބާދީ މިހާރު ގާތްގަނޑަކަށް 170،000 އަށް އަރާފައި ވާއިރު، މިހާރު ހުރި ނަރުދަމާ ނިޒާމުގެ ކެޕޭސިޓީ އެ ވަރަށް ނުލިބޭ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.
އެހެންވެ، 2018 ގައި ނިންމަން އަމާޒު ކުރާ މަޝްރޫއު ބައްޓަން ކޮށްފައި ވަނީ 300،000 މީހުންގެ އާބާދީއަަކަށް ކަމަށް ފަޒުލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިހާރުގެ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރުމުން، ކުރި އަށް އޮތް 50 އަހަރު ދުވަހަށް ބޭނުންވާ ކެޕޭސިޓީ ލިބޭ ވަރު ވާނެ ކަމަށެވެ.
އަލަށް ފަށާ މަޝްރޫއުގެ ދަށުން މައިގަނޑު ހަ ކަމެއް ކުރާނެ އެވެ. އެއީ:
- މިހާރު ހުރި މައި ޖަންކްޝަންތަކުގެ މަތިން އިތުރު "ޝެލޯ ލައިނެއް" ލުން.
- ޖަންކްޝަންތަކުގައި ބޭނުން ކުރާ ޕަމްޕުތަކުގެ ކެޕޭސިޓީ އިތުރު ކުރުން.
- ޕަންޕު ހަރުކުރަން އިތުރު ދެ ލައިން އެޅުން.
- އެންމެ ބާރު ބޮޑުވާ ސަރަހައްދުތަކުގައި އިތުރު ލައިންތަކެއް އެޅުން.
- ތިން ސަރަހައްދެއްގައި ހޮޅި އެޅުން.
- އިމަޖެންސީ ނިޒާމެއް ގާއިމުކުރުން.
ފަޒުލް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން މުޅި މާލޭގައި 1،700 މީޓަރަށް ވުރެ ދިގުމިނުގެ ހޮޅި އަޅާނެ އެވެ. އޭނާ ވިދާޅުވީ ޕަމްޕު ސްޓޭޝަންތަކުގައި ގާއިމުކުރާ، ކުއްލި ހާލަތުގައި ބޭނުން ކުރާ ނިޒާމު ފަރުމާކޮށްފައި ވަނީ ޖަންކްޝަންތައް ފުރުން ފަދަ ހާލަތްތަކުގައި، އެ ނިޒާމާ ގުޅާފައިވާ ލައިންތައް އޮޓަމެޓިކުން އެކްޓިވޭޓްވެ، މާލޭގެ ސިނާއީ އަވަށާއި މަސްވެރިންގެ ޕާކު ސަރަހައްދުން ބޭރު ވާނެ ގޮތަށް ކަމަށެވެ.
މާލޭގެ ނަރުދަމާ ނިޒާމު ގާއިމުކޮށްފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އޭރު އޮތް 70،000 ނުވަތަ 80،000 މީހުންގެ އާބާދީ އަށް ބިނާކޮށެވެ. އެކަމަކު މާލޭގެ އާބާދީ މިހާރު 200،000 އާ ގާތް ކުރާއިރު، މުޅި ނިޒާމަށް ބާރު ބޮޑުވެ، ޖަންކްޝަންތަކުން ނަޖިސް ލީކުވުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ. އެކަމަކު، އެ މައްސަަލަ އަށް ދާއިމީ ހައްލެެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުބެ
01 November 2016
ރަގަޅު ކަމެއް. އެކަމަކުވެސް އަދިވެސް މާލެއަށް އިތުރުކުމުގެ ވިސްނުން ހުރިކަމަށް ފެނޭ. މިއީ ރަގަޅު ވިސްނުމެއް ނޫން. ފިނޭންސް އިމާރާތް ހުޅުމާލެ އަށް ބަދަލް ކުރުމީ ވަރަށް ރަގަޅު ނިންމުމެއް. މާލެއިން މީހުން މަދު ކުރުމީ ކޮންމެހެން ކުރަން ޖެހެ ކަމެއް.
ވާނުވާ
31 October 2016
ތިމަރައިގެ ބޭނުން ނުހިފައި ފިއްޔާ ވެދާނެ
ބުރޯ
31 October 2016
ކޮންމެ މުއައްސަސާއަކުން ބަލަނީ އަނެއް މުައައްސަސާއަށް ވުރެން ގިނައިން ކެވޭތޯ. ރަގަޅު ސްޓަޑީއެއް ނުހަދާ ފަށާ މިފަދަ ބޮޑެތި މަޝްރޫޢުތައް ދަނީ 'ރަސްފަންނު' އަށް ވަމުން. ރައްޔިތުންގެ ފައިސާ އެންމެ އެދެވޭ ގޮތުގައި ޚަރަދުކުރަން ގޮވާލަން.
ވަކަރުގޭ ސޮރު
31 October 2016
މިތަނުގަ ކޮމެންޓް ކުރާ ބައެއްމީހުންނަށް ރަނގަޅު ގޮތެއް ނެހެދޭނެ،
ނަރޭ
31 October 2016
ކީއްތަވާނީ އާ ނަރުދަމާއެއް ގާއިމް ކުރީއާ؟
އަލީ
31 October 2016
މާލޭގައި ނަރުދަމާގެ ނިޒާމް އަލުން ގާއިމް ކުރީއާ މާރަނގަޅު ވާނެ.
ުއުނގުރި
31 October 2016
ތިޔައް ވުރެން ކުދަ ހަރަދަކުން އުނގުރި ޖަހައިގެން ސީ ނުލެވޭ ގޮތް ހެދިދާނެ. އޭރުން ލީކުވާނެ ނަޖިހެއް ނުހުންނާނެ.
ޕިނާ
31 October 2016
ހެޔޮފުޅު ސަރުކާރެއް
ޕުރޭ ތިނަދޫ ކައުންސިލަރަކަށް ވާން ހުރި
31 October 2016
މިސަރުކާރުން ކަންތަށް ކިރާނީ ހެޔޮކޮން
ޝާހުއްކުއްދާ ބިންތި ޕިނާ
31 October 2016
ސާބަހޭ ޔާމީން