25 އޮކްޓޯބަރ 2020 - 07:22
އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޕްރަބާސްގެ "ރާދޭ ޝާމް" ގެ މޯޝަން ޕޯސްޓަރެއް ދައްކާލައިފި އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމުގެ މޯޝަން ޕޯސްޓަރު ދައްކައިލީ ހުކުރު ދުވަހު ފާހަގަކުރި ޕްރަބާސްގެ 41 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. "ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރު މިދިޔަ އަހަރު ކުޅުނު "ސާހޯ" އަށް ފަހު، ގެނެސްދޭ "ރާދޭ ޝާމް" އަކީ 200 ކްރޯޑް ރުޕީސް (27.1 މިލިއަން ޑޮލަރު) ގެ ގެ ބަޖެޓަކުން ހަދާ ރޮމޭންޓިކް ޑްރާމާއެކެވެ.
ރާދާ ކްރިޝްނާ ކުމާރު ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ. "ރާދޭ ޝާމް" ގެ ކާސްޓުންގެ ތެރޭގައި ބަގިޔާޝްރީ އާއި ކުނާލް ރޯއި ކަޕޫރާއި ސަޗިން ޚެދްކަރް އަދި މުރަލި ޝަރުމާ ހިމެނެ އެވެ.
އެކުއެކީގައި ހިންދީ އާއި ތެލެގޫ ބަހުން ޝޫޓްކުރާ ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
ޕްރަބާސް ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯން އާއި އަމީތާބް ބައްޗަނާ އެކު ކުޅޭ އަދި ނަން އިއުލާންނުކުރާ ފިލްމަކާއި ސައިފް އަލީ ޚާނާ އެކު ފެނިގެންދާނެ "އަދިޕުރުޝް" ހިމެނެ އެވެ.
އަންނަ މަހުގެ 13 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ފިލްމު "ޝަލާންގް" ގެ ލަވައެއް ދައްކާލައިފި އެވެ.
ހެންސަލް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ސޯޝަލް ކޮމެޑީގެ ލަވަތަކުގެ ތެރެއިން އާންމުންނަށް ދޫކޮށްލި ފުރަތަމަ ލަވަ އަކީ "ކެއާ ނި ކަރްދާ" އެވެ. މީގެ މިއުޒިކާއި ޅެމުގައި ޔޯ ޔޯ ހަނީ ސިންގް ހިއްސާވެފައިވާ އިރު ލަވަ ކިޔާފައި ވަނީ ޔޯ ޔޯ އާއި ސްވީތާޖް ބްރާރެވެ.
"ޝަލާންގް" އަކީ އަޖޭ ދޭވްގަން އާއި ލަވް ރަންޖަނާއި ބުޝަން ކުމާރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މީގެ ލީޑް ކާސްޓުންނަކީ ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ޒީޝާން އައްޔޫބާއި އިލާ އަރޫން އާއި ސަތިޝް ކޯޝިކް ހިމެނެ އެވެ.
ދާދި ފަހުން ކާސްޓުން ފައިނަލްކުރި ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން އަންނަ މަހު ފަށަން ނިންމައިފި އެވެ.
ޕަވަން ކިރްޕަލާނީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ ހިމާޗަލް ޕްރަދޭޝްއިންނެވެ. އަދި އެތަނުގައި ޝޫޓިން ފަށާ އިރު، ފިލްމުގެ ބޮޑުބައެއްގެ ޝޫޓިން އަންނަ ޖެނުއަރީ މަހަށް ނިންމައިލާނެ އެވެ. "ބޫތު ޕޮލިސް" ގެ ތަރިންނަކީ ސައިފް އަލީ ޚާނާއި ޖެކްލިން ފެނަންޑޭޒާއި އަރުޖުން ކަޕޫރްގެ އިތުރުން ޔާމީ ގޯތަމެވެ.
"ބޫތު ޕޮލިސް" އަކީ އަންނަ އަހަރު ގެނެސްދޭނެ ފިލްމަކަށް ވިޔަސް އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.
އިންޑިއާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ވާހަކަ ކިޔައިދޭ ފިލްމު "ޝޭރްޝާހް" ގެ މަސައްކަތް އެކްޓަރު ސިދާތު މަލްއުތުރާ ނިންމާލައިފި އެވެ.
ވިޝްނޫވަރުދާން ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ސިދާތު ފެނިގެންދާނީ ޑަބަލް ރޯލަކުންނެވެ. އެއީ ވިކްރަމާއި އޭނާއާ އެއްމާބަނޑު ވިޝާލްގެ ރޯލުންނެވެ. ކަރަން ޖޯހަރްގެ ދަރުމާ އިން ޕްރޮޑިއުސްކުރާ "ޝޭރްޝާހް" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. މި ފިލްމުވެގެން ދާނީ އެ ދެ ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.
"ޝޭރްޝާހް" ގެ ކާސްޓްގައި ޖާވިދު ޖެފްރީ އާއި ޝިވް ޕަންޑިތާއި ޕަވަން ޗޯޕްޅާ ވެސް ހިމެނެ އެވެ. ފިލްމު ގެނެސްދޭނެ ތާރީހެއް އަދި އުއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy