ހައި ކޯޓް: އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑި ޚާއްސަކުރި މައްސަލާގެ އަޑުއެހުންތައް ނިމި، ހުކުމާ ހަމައަށް ވަނީ ގޮސްފައި -- ފޮޓޯ/މިހާރު
04 ނޮވެމްބަރ 2020 - 15:30
ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަކޮށް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ.
މީގެކުރިން ދެ އަޑުއެހުމެއް ބޭއްވުމަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި ފަހު ބަސް ބުނުމުގެ ފުރުސަތު ދެ ފަރާތަށް ދިނުމަށް ފަހު ފަސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަދި ހުކުމް އިއްވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބައެއް ސުވާލުތައް އަމާޒުކުރި އެވެ. ގާނޫނު އަސާސީން ލިބިދޭ އިންތިޚާބީ ހައްގެއް ގާނޫނަކުން އެހެން ގައުމެއްގައި ހަނިކޮށްފައި އެބައޮތްތޯ ބެންޗުން ސުވާލެއް ކުރެއްވުމުން ދައުލަތުން ބަންގްލަދޭޝްގައި އެގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުންޏެވެ. އެކަމަކު ދައުލަތުން ބުނީ ނޭޕާލާއި އިންޑިއާގައި އެ ބަދަލު ގެނައީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށެވެ.
އަންހެނުންނަށް ޚާއްސަކުރާ ގޮނޑި ދައުރުވާ ގޮތަށް ހަދާފައިވަނީ ކޮން ކަންކަމަށް ރިއާޔަތްކޮށް ތޯ އާއި އެހެން ގައުމުތަކުގައި އޮންނަނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން ދައުލަތުުން ބުނީ އެގޮތަށް ކަނޑައެޅީ ބޭރުގެ ޖަމާއަތްތަކުން ދީފަައިވާ ލަފައަށް ރިއާޔަތްކޮށް އަދި ސަރުކާރުންނާއި މަޖިލީހުން އެގޮތަށް ބޭނުންވެގެން ކަމަށެވެ. އަދި އަންހެނުންނަށް ގޮނޑި ޚާއްސަކުރާތީ ހަމަހަމަކަން ގާއިމް ކުރުމަށްޓަކައި ކައުންސިލްތަކުގެ ގޮނޑިތަކުގެ އަދަދު އިތުރު ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އަންހެނުންނަށް ގޮނޑި ޚާއްސަކުރީ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ ގޮތަށް ރިއާޔަތްކޮށް ކަމަށާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ގިނަ ގައުމުތަކެއްގައި އެގޮތަށް އަމަލުކުރާ ކަމަށެވެ. އަދި އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތްތަކަށް ރިއާޔަތްކޮށް، އަސާސީ ހައްގެއް ހަނި ކުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނާތީ އެގޮތަށް އަމަލު ކޮށްފައިވާނެ ދައުލަތުން ބުންޏެވެ.
ރައްދުގައި މޫސާ އަންވަރު ވިދާޅުވީ ބަންގްލަދޭޝާއި އިންޑިއާ އާއި ނޭޕާލްގައި ވެސް އަންހެނުންނަށް ގޮނޑި ޚާއްސަކުރީ އެ ގައުމުތަކުގެ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށާއި އެއީ ގާނޫނަކުން ގެނައި ބަދަލެއް ނޫން ކަމަށެވެ. އަދި ޑިމޮކްރެޓިކް ގައުމުތަކުގައި އެ ބަދަލު ގެނެސްފައިވަނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށްވާތީ ރާއްޖޭގައި ވެސް އެ ބަދަލު ގެނެވޭނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އަސާސީ ހައްގެއް ހަނިކުރީ ގާނޫނު އަސާސީއާ އެއްގޮތަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވާއިރު، އެކަން ދައުލަތުން ބަޔާން ކޮށްދީފައިނުވާ ކަމަށެވެ. އެކަމަށް ކޯޓުން ރިއާޔަތް ކުރަން އޭނާ އެދިވަޑައިގަތެވެ. އަދި މައްސަލަ ކުރިއަށް ގެންދަނީ އޭނާއަށް އެކަށީގެންވާ ފުރުސަތު ދިނުމެއް ނެތި ކަމަށް ވިދާޅުވެ، އޭނާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެކަމަކު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެ ފަރާތަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދީފައިވާ ކަމަށެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ނިޔާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސްމަލާ
05 November 2020
ސަޕޯޓްހޯދަން ކުރާނެކަމެއް، ނުކުރާނެ ކަމެއް ނެއިގޭތީ ހީވޭހަޑި. ކުރިންވެސް އަންހެނުންނަށް ތަންމިނަށް ހިފެހެއްޓުމެއް ނެތި ޖާގައޮތް. އެކުއުޅެ މުން ފިރިމީހާގެ ނަމުގަ ގޯތިނަގައި،ޢިމާރާތް ކުރުމަށް ފަހު ވަރިކޮށް ގެއިން ނެރެލައެވެ. އެކަމުއެކަން ޙައްލުކުރަން މޮޅު މަޖިލީހުން ފާސްކޮށްލަން ހަމަހެއިވެރިކަމެއް ނާންނަނީބާ؟
ކުޅުފުށި.
04 November 2020
މީ ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއޭ، ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއޭ.......
މުލޭ
04 November 2020
މިހާރު މި އޮތްގޮތުން ހުރިހާ ގޮނޑިއެއް އަންހެނުންނަށް ލިބުމުގެ ފުރުސަތު އެބައޮތް. ފިރިހެނުންނަށް އެ ފުރުސަތެއް ނެތް. މިވެސް ހަމަހަމަކަން!.
ޖަޒީރާއިންސާފު
04 November 2020
ހައިކޯޓުގެ ބެންޗުގެ ރިޔާސަތުން ވަރަށް ބޮޑަށް ވަކި ފަރާތަކަށް ޖެހި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ޚުދުމުހުތާރު ގޮތަކަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވޭ
މޫލެކެޑެ އޮޑަށްސައު
04 November 2020
އަންހެނުންނަށް ހާއްސަ ކޮށްފައިވާ ދާއިރާތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭ އުސޫލުން އެހެނިހެން ދާއިރާތަކަށް އަންހެނުންނަށް ވެސް ވާދަ ކުރެވިގެން ނުވާނެ. ކިހާބޮޑު ނުހޮރޮއްޕާނެއްތަ....
ކޮމެންޓޭ1
04 November 2020
ތިޔަކު އެހެން ހުކުމެއް ނާންނާނެ ކަން އެނގޭ ހެދިފަ ހުރި ޤާނޫނުތަކާ ގަވައިދުތަކާ ފުށުއެރިއަސް އަންހެނުންނަށް ގޮނޑި ހާއްސަ ކުރާނެކަން އެންގޭ