ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގެ އެރައިވަލް ހޯލުން އިއްޔެ ނުކުންނަނީ: މިދިޔަ ސެޕްޓެމްބަރު މަހު އައި އަދަދު ވަނީ އިތުރުވެފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
01 ނޮވެމްބަރ 2016 - 17:26
މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އައި ޗައިނާގެ ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް ޖުމްލަކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަތް ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު، މިދިޔަ މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ ސެޕްޓެމްބަރު މަހު ރާއްޖެ އައިސްފައި ވަނީ 101،909 ޓޫރިސްޓުން ކަމަށެވެ. އެކަމަކު އެއީ މިދިޔަ އޯގަސްޓް މަހަށް ވުރެ ނުވަ ޕަސެންޓް ދަށް އަދަދެއް ކަމަށް ރިވިއުގައި ބުނެފައިވެ އެވެ.
ޓޫރިސްޓުންގެ ތަފާސްހިސާބުތައް ޓޫރިޒަމް މިނިސްޓްރީން އާއްމު ނުކުރާތީ މިދިޔަ ސެޕްޓެމްބަރު މަހު ބައެއް ތަފުސީލްތައް ލިބޭ ގޮތެއް ނުވި އެވެ.
އެމްއެމްއޭގެ ރިވިއުގައިވާ ގޮތުން އަހަރުން އަހަރަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު އައި ޓޫރިސްޓުންގެ އަދަދު ޖުމްލަކޮށް އިތުރުވެފައި ވަނީ ޔޫރަޕާއި މެދުއިރުމަތިންނެވެ. ނަމަވެސް އެއީ ކިހާ މިންވަރެއް ކަމެއް ރިވިއުގައި ނެތެވެ.
ރިވިއުގައިވާ ގޮތުން ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި މުއްދަތު ސެޕްޓެމްބަރު މަހު ވަނީ 5.3 ދުވަހަށް ދަށްވެފަ އެވެ. އެކަމަކު އެ މުއްދަތުގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ދެ ޕަސެންޓް އިތުރުވެ، ޖުމްލަ އޮކިއުޕަންސީ 64 ޕަސެންޓަށް މައްޗަށް ޖެހިފައިވާ ކަމަށް ރިވިއުގައިވެ އެވެ.
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ ތަފާސްހިސާބުތައް ޓޫރިޒަމް މިނިސްޓްރީން އާއްމުނުކުރާތީ އެ މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ ކޮން ގައުމަކުން ކަމެއް އަދި ޓޫރިޒަމް މާކެޓަށް އައި ބަދަލުތަކުގެ ތަފުސީލެއް އެނގޭ ގޮތެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރު އެންޑް ޒުބޭރް
01 November 2016
މިވަރަށް ފަތުރުވެރިން އަންނައިރު ކީއްވެހޭ ޑޮލަރަށް ސަލާންޖަހަން ޖެހެނީ.