ޝިޔާމް، ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި ފަސޭހަ އިން ރެސިޑެންޓް ވިސާ ދިނުމަކީ ގޯހެއް.
10 ނޮވެމްބަރ 2020 - 12:27
ރާއްޖޭގައި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރީ ނުބައި ނިޔަތެއްގައި ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެ ގޮތަކަށް ދޫކުރާނެ އެވެ. އެއް ގޮތަކީ 250،00 ޑޮލަރު ރާއްޖޭގައި އިންވެސްޓްކުރުމެވެ. ދެވަނަ ގޮތަކީ އެ އަދަދުގެ ފައިސާ ރާއްޖޭގެ ބޭންކެއްގައި ފަސް އަހަރު ދުވަހަށް ފިކްސްޑް ޑިޕޮޒިޓް އެކައުންޓެއްގައި ބެހެއްޓުމެވެ.
ޝިޔާމް ވިދާޅުވީ އެހާ ފަސޭހަ އިން ވިސާ ދޭ ގޮތަށް ނިންމުމަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެންމެ 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ވިސާ ދޭން ފެށުން އޭނާ ސިފަކުރެއްވީ "ގައުމަށް ގައްދާރުވުމުގެ ގޮތުގަ" އެވެ.
"..ނުބައި ދުރު އަމާޒެއްގެ މަގްސަދު ހާސިލްކުރުމުގެ ކޮޅުމަތި،" ޝިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ރިޕޯޓުގައިވާ ގޮތުގައި އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުތައް ފާސްކުރާތާ 14 ދުވަހުގެ ތެރޭގައި ކަމާ ބެހޭ ގަވައިދުތައް ދައުލަތުގެ އިދާރާތަކުން ހަދަން ޖެހެ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގައިވާ ގޮތުން ރާއްޖޭން ރެސިޑެންޓް ވިސާ ދޫކުރަނީ މަދުވެގެން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އިންވެސްޓްކުރާ މީހުންނަށެވެ.
އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ކޮމިޓީން ދިރާސާކޮށް ހިމެނި އެހެން ކަންތައްތަކުގެ ތެރޭގައި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް މެރިޖް ވިސާ ދޫކުރުން ވެސް ހިމެނެ އެެވެ. އެއީ ކޮންމެ ފަސް އަހަރަކުން އާކުރާ ގޮތަށް ދޫކުރާ ވިސާއެކެވެ.
ފަސޭހަ އިން ވިސާ ލިބޭ އިސްލާހަށް މަޖިލީހުގެ ކޮމިޓީގައި ބަހުސްކުރިއިރު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އެ ހިޔާލު ތަފާތުވުން އުފެދުނީ، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ވެސް ރެޒިޑެންސް ވިސާ ދޭ ގޮތަށް ބަދަލު ގެނައުމާ މެދު ވިސްނަން ރިޔާސަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުންނެވެ. އެކަމަކު ކޮމިޓީގެ ގިނަ މެމްބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
finches
18 November 2020
ތިވިސާއަށް ދައްކާ ފައިސާގެ %50 ޔާމިންގެ އެކައުންޓަށް ވަންނަ ގޮތަޢް ހަދާލާ އިރަށް ތިކަން ޝިޔާމް މެންނަ އޯކޭ ވާނެ. ޔާމީން ވެރިކަމުގައި އިމިގްރޭޝަން ގައި ކަންތައް ހިގި ގޮތުގެ ވާހަކަ ދައްކައިިފި ނަމަ ބަޔަކު ބޯ ހަލާކުވާނެ.
ކަކުނިބޯ
11 November 2020
ދިވެހިން ދިވެހިންގެ ޤައުމިގައިވނިކަމެތިކުރަނީ ދިވެހިންގެބަޔަކު ވެރިކަމުގައިތިބެ. ސީޝެލްސް ފަދަ ޤައުމިތަކުގައި ރެސިޑެންސް ވިސާލިބޭ، އެކަމަކު މިރައްޖެއަކީ ތަފާތުތަނެެއް. ދުނިޔެގެފެންވަރުގެ އަޑުކިޔާ ޤާނޫނުއޮވެ ތަންފީޒުނުކުރެވޭޤައުމެއް. ބޮލުން ނިގުލަށް ދުވަހަކު ކޭސް އެއް ތަހުޤީޤްކުރީކީނޫން އަދި ޤަވާއިދާހިލާފަށް ވަދެފައވާ ބިދޭސީންނަށް ދިވެހިންނަށް ވުރެ ބޮޑަށް މިނިވަންކަން ލިބޭ ޤައުމެއްމީ ވީމާ މިވިސާލިބޭމީހުން ވިޔަފާރިވެސްކުރާނެ. ޤަ އުމު ވިއްކަނީ
ޒަރީރޫ
10 November 2020
ފަސޭހަ އިން ރެސިޑެންޓް ވިސާ ދޭ ގޮތަށް ހެދީ ނުބައި ނިޔަތެއްގައި: ޝިޔާމް، ތިކަމުގެ ތަޖުރިބާ ޝިޔާމުމެންގެ ހުންނާނެ، އެހެންވީމަ އެހާ ފަސޭހައިން އެހެން އެބުނެލީވެސް.
Ali Gasim
10 November 2020
ދިވެހި ކުދި އަދި މެދުވިޔަފާރިތައް މިހާރުވެސް ހިސޯރުކޮށްގެން ވަގަށް މިގައުމުގައުޅޭމީހުން އެމީހުންބިންވެރިކުރާވާހަކަ އެމްޑީޕީންދައްކާފައޮތީ މިހާރު އެމީހުންނަކީ މިގައުމުގެބައެއްގެގޮތުގައި ބަލައިގަތުމުގެ މަކަރުވެރި މަޅިއެއްމީ މީ އެއްގޮތަކަށްވެސް ދިވެހިންގެ ހައްގުތައް އެނގޭ ސަރުކާރެއްނޫން މަކަރުވެރި ފޮރުވިފަވާ އެޖެންޑާ
އުދުހޭ
10 November 2020
250،000 ޑޮލަރު އިންވެސްޓްކުރީމާ ރެސިޑެންޓް ވިސާ ލިބުމަކީ "ހަގީގީ ސޭލުން" ވިސާ ލިބުން.
ރަނާ
10 November 2020
ނިޔަތް ތިބުނީ ރަގަޅު ވާހަކައެއް އެކަމަކު ކަނޑައަޅާފައިވާ އަދަދު މާކުޑައީ ދެލައްކަ ފަންސާސްހާސް ޑޮލަރ. މިޒަމާނަށް ބަލާއިރު މާކުޑަ އަދަދެއް އެއީ
ގުއިދައިތަ
10 November 2020
ދިގު މުއްދަތެއްގެ ޕްލޭނެއް. މިކަމުން ވާނެ އެއްވެސް ފައިސާއެއް ނުފެނޭ
ކޮރަލް
10 November 2020
ދީނީ މިނިވަން ކަމަށް މަގުފަހިވާނެ ބިލެކެވެ. ބަޔަކަށް ބާރު ތަކެއް ލިބެނީ އެވެ. ދިވެހީންނާ ކައިވެނި ކޮށްގެން އުޅޭ މުސްލިމް ނޫން މީހުން އެމީހުން ރާއްޖެ އައިސް އެމީހުންގެ މިނިވަން ކަމަށް ގޮވާލާނެ އެވެ. ބައިގަނޑު ބޮޑު ކުރަނީ އެވެ. ވިސާ ދިނުމުގައި ތިޔަށް ވުރެ ބޮޑަށް ބަލަން ޖެހެ އެވެ.
ބޭރު
10 November 2020
ކޮބާތޯ "..ނުބައި ދުރު އަމާޒެއްގެ މަގްސަދު ހާސިލްކުރުމުގެ ކޮޅުމަތި،"؟ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރާ ކަމެއް މިއީ ރެސިޑެންޓް ވިސާ ދިނުމަކީ. ވިސާ ދިނުމުގެ މާނައަކީ މިތަނަށް އައިސްގޮސް ވުމަށް އިތުރު ވިސާއެއް ނަގަން ނުޖެހުމެވެ. މިއީ މާ ބޮޑު ކަމެއް ނޫނެވެ.
އިބްރ
10 November 2020
މިއީ 100% މުސްލިމް ގައުމަކަށްވާއިރު ކާފަރުންގެ އާބާދީއަކަށް މަގުހުޅުވިގެންމިދަނީ. އެއީ ދުރު އަމާޒަކުން ގައުމަށްލިބޭނެ އެންމެ ބޮޑު ގެއްލުމަކީ.
މީމަގޭ ހިޔާލު
10 November 2020
ސުވާލަކީ މިގެނައި ބަދަލު މިގެނައީ ކޮންމޮޅެއް މިގައުމަށް ހޯދުމަށް ބާއޭ؟ ގާނޫނެއް ހަދާއިރު އެގާނޫނަކުން ގައުމަށް އަންނާނެ ކުރިއެރުމަކާ ތަރައްގީއެއް އޮންނަންޖެހޭނެ ވަކި ބައެއްގެ މަގުސަދެއް ހާސިލްކުރުމަށް ގައުމެއްގެ ގާނޫނު އަސާސީ ކޮށާ މަށާލެވެންޏާ ގާނޫނު ހަދާމީހުން ހޮވި މީހުންވެސް އެބަޖެޙޭ ވިސްނަން