ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ ބަޖެޓްގައި ޖަހާފައިވާ ކަންތައްތައް ކުރެވޭނެ ކަަމަށް އެކަކުވެސް ގަބޫލުނުކުރާނެ ކަމަށް. ފޮޓޯ:މަޖްލިސް
16 ނޮވެމްބަރ 2020 - 13:45
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ "ޅޮސް ލަކުޑި" ނުވަތަ އެއްވެސް ބާރެއް ނެތް ލަކުޑިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ބަޖެޓް ބަހުސްގައި މެމްބަރުން ދައްކަވާ ވާހަކަ ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން އެކިފަހަރު މަތިން ދެއްކެވި ވާހަކަފުޅުގައި ބަޖެޓާ އެއްކޮޅަށް ވާހަކަދައްކަވާ ބޭފުޅުން "ޅޮހޭ ރަނގަޅީ" ވިދާޅުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ" މިއީ ބޮޑުފެންވަޅުގޭ ސީދީގެ ޅެމެއްގެ ތަންކޮޅެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވާ ކަންތައްތަކަށް ފައިސާ ލިބޭނެ ކަމަށް ރާއްޖޭގެ އެކަކު ވެސް ގަބޫލުނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވައިލަން އޮތީ ރާއްޖޭގައި ނެތް މޮޔައެއް އެކަކު ވެސް. މި ބަޖެޓްގައި ޖަހާފައި ހުރި ކަންކަމަށް ބޭނުންވާ ފައިސާ ހޯދިގެން އައިސް އެކަންކަން ކުރެވިދާނެ ކަމަކަށް މި ދިވެހިރާއްޖޭގެ މީހުނެއް ގަބޫލެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.
ބަޖެޓް ބަހުސް ފެށުމުގެ ކުރިން އެމަނިކުފާނު އެދިވަޑައިގަތީ ބަޖެޓާ ބެހޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެެރަލް ހަސަން ޒިޔަތު މަޖިލީހަށް ދެއްވާފައިވާ ލަފާ ބަޖެޓް ކޮމިޓީގެ މެމްބަރުން ރަނގަޅަށް ވިދާޅުވުމަށެވެ.
"ބަޖެޓާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލަފާ ބަޖެޓް ކޮމިޓީ އަށް މިހާރު ވަނީ ފޮނުއްވާފައި އަޅުގަނޑަށް ޔަގީން ކަށަވަރު. ބަޖެޓް ކޮމިޓީގެ ހުރިހާ އިއްޒަތްތެރި މެމްބަރުން މި ލަފާ ހަގީގަތުގައި ކިއުއްވާނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެމްބަރުން ވަގުތު ހޯއްދަަވައިގެން ފަންސޫރެއް އަތަށް ނަންގަވައިގެން މި [ލަފާ ކިއުއްވަން]،" ނަޝީދު ވިދާޅުވި އެވެ.
ބަޖެޓު ބަހުސްގައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާގެ ވާހަކަ ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ބަޖެޓްގެ ބޮޑުބައި އޮތީ ދަރަނި އަދާކުރަން ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އޮތް ބަޖެޓް ރަނގަޅު ކަމަށް މެމްބަރުން ވިދާޅުވާތީ އެމަނިކުފާނު ފާޑުވިދާޅުވި އެވެ.
މެމްބަރުންނަށް ފާހަގަކޮށްދޭން އެދިވަޑައިގަންނަވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަގީގަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓްގައި އޮތީ އެންމެ 3.1 ބިލިޔަަން ރުފިޔާ ކަމެވެ. އެއާ އެކުގައ ހިންގުމުގެ ހަރަދު 21 ޕަސެންޓުން ދަށްކޮށްފައިވާ ކަމަށާއި ބަޖެޓް ގޯސްވެ މިދަނީ ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު އިންތިހާ އަށް ބޮޑުވެފައި ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ދަރަންޏަކީ 2013 ވަނަ އަހަރާއި 2018 ވަނަ އަަހަރާ ދޭތެރޭގައި ނަގާފައިވާ ދަރަނި. އެ ދަރަނި އަނބުރާ ދައްކަން މިއަހަރު މި ޖެހެނީ އޭގެ ގްރޭސް ޕީރިއަޑް ހަމަވެގެން. އެހެންވީމާ މި ބަޖެޓްގެ ހަގީގީ މައްސަލައަކީ މި ބޮޑު ދަރަނި އަނބުރާ ދެއްކުން ކަަމަށް މި ބަޖެޓް ފޮތުން އަޅުގަނޑަށް ހަމަ ގައިމުވެސް އެބަ ސާފުވޭ. ދެން އެހެން ނަމަވެސް ބަޖެޓާ ބެހޭ ގޮތުން ތިޔަ އިއްޒަތްތެރިން ދައްކަވާ ވާހަކައެއް ކަމަށް އަޅުގަނޑު ފާހަގަ މިކުރަނީ ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ،" ނަޝީދު ވިދާޅުވި އެވެ.
ބަޖެޓަށް ބަހުސް ކުރެއްވުމަށް ފުރުސަތަށްް އެދިވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން އެކަމާ ވެސް އެމަނިކުފާނު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ބަހުސްގައި ބައިވެރިވެވަޑައިނުގެން، "ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ ގައި ތިއްބަވަންޏާ" ބަހުސް ނިންމަވައިލެއްވިދާނެ ކަމަށެވެ.
ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ބަޖެޓްގެ މައްސަލައިގައި ފިނޭންސް މިނިސްޓަރާއި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައި ނިންމަވައިލެއްވުމުން ނަޝީދު ވިދާޅުވީ އޭނާ ވަރަށް ޒިންމާދާރުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. ހަލީމް ތުހުމަތުކުރެއްވި ގޮތުގައި ބަޖެޓް ކަނޑައެޅުމުގައި ސަރުކާރުން މިފަހަރު އޮތީ އެކިއެކި މެމްބަރުންނަށް އިސްކަންދީގެން ދާއިރާގެ ތަފާތު ކޮށްގެންނެވެ. ބަޖެޓްގައި ބައެއް މަސައްކަތްތަކުގެ އަގު ވެސް ސާފުކޮށް ލިޔެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިއިނީ ވަރަށް ޝައުގުވެރިކަމާ އެކުގައި އަޑުއަހަން. އިއްޒަތްތެރި މެމްބަރުގެ ޒިންމާދާރުކަން ވަރަށް ބޮޑު. އިއްޒަތްތެރި މެމްބަރު މިކަން އޮތް ގޮތަށް ވިދާޅުވެ ދެއްވައިފި،" ދޮންބިލެއް ވާހަކަ ނިންމަވައިލެއްވުމުން ނަޝީދު ވިދާޅުވި އެވެ.
ބަޖެޓުގައިވާ ކަަންތައްތަކަށް ފައިސާ ހޯދޭނެ ކަމަށް މީހުން ގަބޫލުނުކުރާނެ ކަަމަށް ވިދާޅުވެ ނަޝީދު ވާހަކަފުޅު ދެއްކެވީ ބަޖެޓްގައި ޖަހާފައިވާ ބޮޑެތި ގިނަ މަޝްރޫއުތަކަށް މިހާރު ވެސް ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން މިނިސްޓަރު އަމީރަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ، ބަޖެޓުގައިވާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ މިހާރު ވެސް ހަމަޖެހިފައިވާކަން ބަޖެޓު ރަނގަޅަށް ބަލައިފި ނަމަ ސާފުވާނެ ކަަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅުވައިލުމެވެ. އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީން އެ މަޝްރޫއަށް 400 މިލިޔަން ޑޮލަރު އަދި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަންް ޑޮލަރު އޮތީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެބުނަނީ
18 November 2020
ތިބަސް ބުނީވެސް ޅޮހެއް
ޢަފްލާ
17 November 2020
ނަޝީދުވެސް ތެދެއް ބުނެދިނަމަ އެވާނީ ހަމަ ތެދަކަށް
މުލޭ
17 November 2020
މަޖުލީހުގައި ވެސް ޅޮސް ގިނަ.
ސިކުނޑި
17 November 2020
ދަރަނި އަދާކުރުމަކީ ބަޖެޓްގެ އަމާޒުކަމުގައިވުމަކީ މައްސަލައެއް ނޫން! ދަރަންޏަކީ އަދާކުރަންޖެހޭ އެއްޗެއް! ގޭފުރާޅުން ފެންފޭބިޔަސް މީހަކަށް ނުދަރާ އޮވެއްޖިއްޔާ ހިތްހަމަޖެހުން ބޮޑުވާނެ! އަދި އަންނަ އަހަރު މާތްﷲގެ އިރާދަފުޅާއެކު ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގޭނެ! ނަޝީދު މިހާރު ސިފަވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި! އެހެންކަމުން، ސަރުކާރުން ކުރައްވާ 'ރަނގަޅު' އެއްވެސް ކަމެއް ނުފެންފާނެ! އިބޫގެ ސަރުކާރަށް 100 ޕަސެނެޓް ތާއީދު އެބައޮތް!
ލުތުފީ
18 November 2020
ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗަކީ ރަބަރ ސްޓޭންޕް ޖަހަންޖެހޭ އެއްޗެއް ނޫން. މަޖިލިސްގެ ރައީސް އަށް އޮތް ގާނޫނީވާޖިބު އަދާކުރުމަކީ ސަރުކާރާ ދެކޮޅުވުމެއްނޫން.
ސަޢުދު
17 November 2020
ތީވެސް ހުރިގޮތަށް ހުރި ޅޮހެއް
ޚިޔާލު
17 November 2020
އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ކަންބޮޑުވިޔަސް ރާއްޖޭގެ މާލީ ވަޒީރު ހުރީ ވަރަށް ކޫލްކޮށް. މިހާ ހިސާބަށް ދިޔައިމާ އަމީރުގެ އުމުރަކީ ކޮބައިކަމާއި، ކިޔަވަން ދިޔައީ ކޮން މަކުތަބަކަށްތޯއާއި، އަލިފުބާ ދަސްކޮށްދިން އެދުރުބެއަކީ ކާކުކަން ވެސް ބަލަން ޖެހިއްޖެ. އަމީރަށް ގައުމުގެ މާލީ ވަޒީރުކަން ދިނީ ކާކުތޯ ވެސް ބަލަން ޖެހިއްޖެ
ޅޮސްގަސް
17 November 2020
ތިހެން ކިޔާފައިވެސް އެންމެ ފަހު ވަގުތު ތި ބަޖެޓު ފާސްކުރާނެ. ތިއީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ.
ޅޮސްކަލޭގެ
16 November 2020
ޅޮހުން ތިބި ތާކަށް ގެންނާނީވެސް ފާސްކުރާނީވެސް ހަދާނީވެސް ގެންގުޅޭނީވެސް ޅޮހުން ހަދާފައި ހުންނަ އެއްޗެހި. ޅޮސް އުނދޯއްޔަށް ބަޔަކު އަރުވައިގެން ބާރުބާރަށް ހެއްލައިފިއްޔާ ރަނގަރަނގަ އަޅާފައި ފަތުއަޑުކިޔާފައި ބިންދަބިންދައިގެން ގޮސް ފައިބައިގަންނާނީވެސް ޅޮސް.
ތަރައްގީގެ ބާނީ
16 November 2020
ޖީ.އެމް.އާރު އަތުން އެއާޕޯރޓް ހޯދާފަ A380 ޖެއްސޭވަރުގެ ރަންވޭ ވެސް އަޅާފަ އެއޮތީ ރައީސް ޔާމިން. 5 އަހަރުގެ ދައުރު ނިންމާލީ ދައުލަތުގެ އެއްވެސް މުދަލެއް ރަހުނު ނުކޮށް 50 އަހަރުން ނުވި ތަރައްޤީ 5 އަހަރު ތެރޭ ގެނެސް ރައްޔިތުން ހިނިތުން ކުރުވާފަ.
އިކުތިސޯތީ ޗޯރ
17 November 2020
ގައުމު ލޫޓުވާލާފަ ގޮސް ގޮޅީގަ...
ލުތުފީ
18 November 2020
މުޅިދުނެޔެ މިވަނީ އިގްތިޞާދީ ފުން އަނދަވަޅަކަށް ވެއްޓިފަކަން ގަބޫލުކުރަންޖެހޭނެ. މިވަގުތު ބޭރުގެ ދަރަނި ދައްކަން އުދަގޫވާނެ. ކުރިން ނަގާފަހުރި ލޯން ދައްކަންޖެހިފައިވާ މިދަނޑިވަޅުގައި އިތުރު ލޯނު ނަގައިގެން ބޮޑެތި އިންފަރާސްޓަރަކްޗަރ މަސައްކަތްކުރުމަކީ ގޯހެއް. މިސާލަކަށް ޔާމީން ސަރުކާރުން ބްރިޖެއް އެޅީތީވެ، އިބޫ ސަރުކާރުން ނުޖެހޭނެ ކޮންމެހެން ތިލަފުށީ ބްރިޖް އަޅާކަށް. އެކަން ފަސްކޮށްލާފަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިޔަށް ގެންދިއުން މާރަގަޅުވާނެ.
ޒިންދަގީ
16 November 2020
ޅޮސް ލަކުޑިއޭ، ކަނދި ކަމަނާއޭ، ތުނޑުހަސަނޭ ނުކިއާ ކޮންމެސް ފައިދާހުރި ކަމެއް ކޮށްދީބަލަ. މިހާރު ދައްކަންބޭނުންވަނީ ބަރުލަމާނީ އައިސްގެންނޫނީ ހިރިވެސް ނުލެވޭނެކަންދޯ؟؟