އެމްއެމްއޭ އިން ފައިސާ ނަގަން މަޖިލީހުން ސަރުކާރަށް ހުއްދަ ދީފި

ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން ފައިސާ ނެގުމަށްޓަކައި ސަރުކާރުން އެދުނު އެއް އަހަރު ދުވަހުގެ ހުއްދަ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


އެއް އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން 4.2 ބިލިއަން ރުފިޔާ ދަރަންޏަށް ނެގުމަށްޓަކައި ގާނޫނީ ގޮތުން ބޭނުންވާ ހުއްދަ ހޯދަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި ވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުން އެދުނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްދިނުމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރު ދުވަހަށް ހުއްޓައިލުމުގެ ހުއްދަ ދިނުމަށެވެ.

ސަސްޕެންޑް ކޮށްދޭން ސަރުކާރުން އެދިފައިވާ އެއް މާއްދާ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށް ނުވެ ދަށް ނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށް ވެސް އެ މާއްދާގައި ވެ އެވެ. އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނެ މިންވަރެއް ވެސް އެ މާއްދާގައި ބުނެފައި ވެ އެވެ.

ސަސްޕެންޑް ކޮށްދޭން އެދިފައިވާ އަނެއް މާއްދާ އަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ރ. އެވެ އެ މާއްދާގައި ވަނީ ޖެނުއަރީ 1، 2016 އިން ފެށިގެން ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނަަގަން ވާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އިގުތިސާދީ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ދަރަނި އަދާކުރުމަށް ދަރަނި ނެގުން އެ މާއްދާއިން މަނާކޮށްްފައި ވެ އެވެ.

ސަސްޕެންޑް ކުރަން އެދިފައިވާ އަނެއް މާއްދާ ކަމަށްވާ 32 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރ. ގައިވާ އުސޫލުގެ އިސްތިސްނާ ހާލަތެވެ. އެއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން އެމްއެމްއޭއިން ފައިސާ ނަަގަން ދީފައިވާ ހުއްދަ އެވެ. އެ މާއްދާގައިވާ ގޮތުން އެގޮތަށް ނަގާ ފައިސާ 14 ދުވަހުގެ ތެރޭގައި އެމްއެމްއޭ އަށް އަނބުރާ ދައްކަން ޖެހޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައިގައި ކުރި ތިން ދަވުގެ ބަހުސްގައި 57 މެމްބަރަކު ވާހަކަ ދެއްކެވި އެވެ.