މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

03 ޑިސެމްބަރ 2020 - 07:38

ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރްގެ "ގުރުބާން" އާއި ކަންގަނާ ރަނާވަތާއި އިމްރާން ހާޝިމީގެ "އުނގްލީ" ގެނެސްދިން ޑައިރެކްޓަރު ރެންސިލް ޑި ސިލްވާ އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އަންގާރަ ދުވަހު ޝޫޓިން ވެސް ފަށާފައިވާ މި ފިލްމަކީ "ޑަޔަލް 110" ގެ ނަމުގައި ހަދާ ސަސްޕެންސް ތުރިލާއެކެވެ. ފިލްމުގެ ލީޑް ކާސްޓުންނަކީ މަނޯޖް ބަޖްޕާއީ އާއި ނީނާ ގުޕްތާގެ އިތުރުން މަޝްހޫރު ޓީވީ ބަތަލާ ސާކްޝީ ތަންވަރެވެ.

"ޑަޔަލް 110" އަކީ ސޮނީ ޕިކްޗާޒް ފިލްމްސް އިންޑިއާ އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ މަސައްކަތް ފެށި ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

ރެންސިލް ކުރިން ގެނެސްދިން ދެ ފިލްމަކީ ކްރިޓިކުންގެ ލޯބި ލިބުނު ފިލްމުތަކަކަށް ވިޔަސް، އެ ފިލްމުތަކަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމުތަކެއް ނޫނެވެ.

ސަނީ ކޮވިޑަށް ޕޮޒިޓިވް

އެކްޓަރު ސަނީ ޑިއޯލް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

ބުދަ ދުވަހު ހިންދީ ބަހުން ކުރި ޓްވީޓެއްގައި އޭނާ ބުނީ ބައްޔަށް ޕޮޒިޓިވް ނަމަވެސް ހާލު ރަނގަޅު ކަމަށާއި މިހާރު ހުރީ އައިސޮލޭޝަނުގައި ކަމަށެވެ. ސަނީ އަކީ މިދިޔަ އަހަރުން ފެށިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރުކަން ވެސް ކުރަމުން އަންނަ މީހެކެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވީ އާއިލާގެ އާއިލީ ފިލްމު "އަޕްނޭ 2" ވެސް އިއުލާންކޮށްފައި ވަނިކޮށެވެ. އަންނަ އަހަރުގެ މާޗްގައި ޝޫޓިން ފަށާ އެ ފިލްމުގައި ސަނީއާ އެކު ބައްޕަ ދަރުމެންދުރާ އާއި ކޮއްކޮ ބޮބީ ޑިއޯލާއި ދަރިފުޅު ކަރަން ޑިއޯލް ވެސް ފެންނާނެ އެވެ.

"އަޕްނޭ 2" އަކީ ދަރޭ އާއި ސަނީ އާއި ބޮބީއާ އެކު ޑައިރެކްޓަރު އަނިލް ޝަރުމާ 2007 ގައި ގެނެސްދިން "އަޕްނޭ" ގެ ސީކްއެލް އެވެ. އާ ފިލްމު ވެސް ޑައިރެކްޓްކުރާނީ އޭނަ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.

ޖަގަންގެ އާ ފިލްމު ވެސް އަކްޝޭ އަށް

މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކު "މިޝަން މަންގަލް" ގެނެސްދިން ޑައިރެކްޓަރު ޖަގަން ޝަކްތީގެ އާ ފިިލްމު ވެސް އަކްޝޭއާ ހަދާ ގޮތަށް ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެ ފިލްމު ހަދާނި އަކްޝޭގެ އަމިއްލަ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސްއިންނެވެ. މިހާރު ސްކްރިޕްޓިން މަރުހަލާގައި އޮތް ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފަހުކޮޅު ފަށައި، ފިލްމު ސިނަމާތަކަށް ގެންނާނީ 2022 ގަ އެވެ.

އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސޫރިޔަވަންޝީ" އާއި "ބެލް ބޮޓަމް" އާއި "އަތުރަންގީ ރޭ" އާއި "ޕްރިތުވީރާޖް" އާއި "ރަކްޝާބަންދަން" އަދި "ރާމް ސެތޫ" ހިމެނެ އެވެ.

އަކްޝޭއާ އެކު ޖަގަން އާ ފިލްމެއް ހަދަން ނިންމި އިރު މިދިޔަ އަހަރު ޖަގަން ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދިން އިރު، ފަރުވާގެ ހަރަދުތައް ހަމަޖައްސައި ދިނީ އަކްޝޭ އެވެ.

އަމީތާބަށް 21 ކްރޯޑް ރުޕީސް

ޕްރަބާސް އާއި ދީޕިކާ ޕަދްކޯނާއާ އެކު އަމީތާބް ބައްޗަން ކުޅޭ ބޮޑު ފިލްމަށް އަމީތާބް ސޮއިކުރީ 21 ކްރޯޑް ރުޕީސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އަދި ނަން އިއުލާން ނުކުރާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަންތަކެއް ވެސް ހިމެނޭ ފިލްމަކަށްވެފައި އެއަށް ކުރަން ޖެހޭ މަސައްކަތް ބޮޑުވުމުން އަމީތާބް އެކަމަށް ރިއާޔަތްކޮށް 21 ކްރޯޑް ރުޕީސް (2.9 މިލިއަން ޑޮލަރު) ގެ ފީއެއް ނަގަން ނިންމީ އެވެ.

ކުރިން މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދީޕިކާ ފިލްމަށް ސޮއިކުރީ 20 ކްރޯޑް ރުޕީސް (2.7 މިލިއަން ޑޮލަރު) އަށެވެ. އަދި ޕްރަބާސްގެ ފީ އަކީ 50 ކްރޯޑް ރުޕީސް (6.8 މިލިއަން ޑޮލަރު) އެވެ.

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ޑައިރެކްޓަރު އަޝްވިން ޑައިރެކްޓްކުރާ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454