ލައިފްސްޓައިލް / ކުށްކުރުން

30 އަހަރު ވަންދެން ދަރިފުޅު ބަންދުކޮށްގެން އުޅުނު މަޔަކު ހައްޔަރުކޮށްފި

03 ޑިސެމްބަރ 2020 - 07:31

ތިރީސް އަހަރު ވަންދެން، އެޕާޓްމަންޓްގެ ތެރޭގައި ވަރަށް ރަހުމުކުޑަކޮށް ފިރިހެން ދަރިއަކު ގެންގުޅުނު މައްސަލައެއް ސްވިޑްންގައި ފަޅާއަރައި އުމުރުން 70 އަހަރުގެ މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ ހެޝަންގައި ހުންނަ އެޕާޓްމަންޓެއްގައި ބަންދުކޮށްގެން އުޅުނު ފިރިހެން މީހާގެ އުމުރުން މިހާރު 41 އަހަރެވެ. މި މައްސަލަ ފަޅާއެރީ އޭނާގެ މަންމަ ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އާއިލާގެ ބަޔަކަށެވެ. މީޑިއާތަކުން ބުނީ މި މައްސަލަ ފަޅާއެރުމާ އެކު އަންހެން މީހާ މި ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. މިކަމާ ބެހޭ މައުލޫމާތު ފުލުހުން އަންނަނީ އަންހެން މީހާގެ އަވަށްޓެރިންގެ ފަރާތުން ވެސް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

ފިރިހެން ދަރިއަށް ލިބިފައިވާ އަނިޔާތަކަށް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި އޭނާ އަށް ލިބިފައިވާ ބައެެއް އަނިޔާތަކާ ގުޅިގެން އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހެ އެވެ.

އޭނާ ބަންދުކޮށްގެން އުޅުނު އެޕާޓްމަންޓް ހުރި ސަރަހައްދަށް ނުވަދެވޭ ގޮތަށް ފުލުހުން ވަނީ އެ ސަރަހައްދު ބަންދު ވެސް ކޮށްފަ އެވެ.

ދިގު މުއްދަތަކަށް ދަރިފުޅު ބަންދުކޮށްގެން ގެންގުނު މައްސަލަ އަންހެން މީހާގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފިރިހެން މީހާ ބަންދުކޮށްގެން އުޅުނު އިމާރާތުގެ ކައިރީގައި ފުލުހުން.

ދަރިފުޅު ބަންދުކޮށްގެން އުޅުނުކަން އެނގުނު އާއިލާގެ މީހާ އަކީ ފިރިހެން މީހާގެ ދައްތައެކެވެ. އޭނާ މީޑިއާއަކަށް ކިޔައިދިން ގޮތުގައި އާދީއްތަ ދުވަހު ހަވީރުގެ ވަހުތެއްގައި ބައިވެރިޔާއާ އެކު މަންމަ އުޅޭ އެޕާޓްމަންޓަށް ޒިޔާރަތްކުރީ މަންމަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތްކަން އެނގުމުންނެވެ. އެގޮތުން އެތަނަށް ގޮސް އުޅުމުގެ ތެރެގައި ތަޅުލާފައި ހުރި ދޮރެއް ހުޅުވި އިރު އެތަނުގެ އަނދިރީގެ ތެރޭގައި ނަޖިހާ އެކު ކޮއްކޮ އިންދައި ފެނުނީ ކަމަށް ބުންޏެވެ.

އަންހެން މީހާ ކިޔައިދިން ގޮތުގައި އޭނާ ވަނީ ފުރާވަރުގައި ގެ ދޫކޮށް އެހެން ސަރަހައްދަކަށް ބަދަލުވެފަ އެވެ. އޭގެ ފަހުން އާއިލާއާ މާ ބޮޑު ގުޅުމެއް ނޯންނާނެ ކަމަށާއި ކޮއްކޮ ވެސް ނުދެކޭ ކަމަށް ބުންޏެވެ. އަދި ކޮއްކޮ އަކީ 11 ނުވަތަ 12 އަހަރުގައި ސްކޫލުން ވަކިކޮށްފައިވާ ކުއްޖެއް ކަމަށާއި އެކަން ކުރީ ވެސް މަންމަ ކަމަށް އަންހެން މީހާ ބުންޏެވެ.

"އަނދިރީގެ ތެރެއަށް އަހަރެން ވަދެ ހަލޯއޭ ގޮވާލީމަ ފުރަަތަމަ އެއްވެސް އަޑެއް ބަޑެއް ނީވުނު ދެން ވަދެގެން ދަނިކޮށް މޭޒެއްގެ މަތީގައި މީހަކު އިށީނދެގެން އިންދައި ފެނުނީ. ދެން ތަން އަލިކުރީމަ އަހަންނާ ދިމާއަށް އޭނާ ވަރަށް ގިނައިރު ވަންދެން ބަލަން އިން. އެކަމަކު އަދި އަހަންނަކީ އޭނަގެ ދައްތަކަން ފާހަގަކުރެވުނު. އަދި އަހަންނަށް ވެސް އެއީ ކޮއްކޮކަން އެނގުނު." އަންހެން މީހާ ބުންޏެވެ. "ވަރަށް ދެރަވި. ހިއެއް ވެސް ނުކުރަން މިހާ ރަހުމްކުޑަކޮށް މަންމަ ކަންތައްކޮށްފާނެއެކޭ."

އޭނާ ބުނީ ކޮއްކޮ ފެނުނު އިރު އިނީ ވަރަށް ބޮޑަށް ހާލުދެރަވެފައި ކަމަށާއި އަނގައިގައި ދަތެއް ވެސް ނެތް ކަމަށެވެ. އަދި ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ ކަމަށް ބުންޏެވެ.

އޭނާ ކިޔައި ދީފައިވާ ގޮތުގައި ކޮއްކޮއާ ދޭތެރެ މަންމަ އެގޮތަށް އަމަލުކުރީ ވަރަށް ޒުވާން އުމުރުގައި ލިބުނު އެހެން ފިރިހެން ދަރިއަކު މަރުވުމުގެ ހިތާމައިގައި ކަމަށް ބެލެވެ އެވެ. ބަންދުކޮށްގެން ގެންގުޅުނު ފިރިހެން މީހާ އަކީ އަންހެން މީހާ އަށް ފަހުން ލިބުނު ދަރިއެކެވެ. އަދި އޭނާ އަށް ދިނީ ވެސް ކުރީގެ ދަރިފުޅަށް ދިން ނަމެވެ. އެހެންވެ އޭނާއާ މެދު މަންމަ މާ ބޮޑަށް "އޯވަޕްރޮޓެކްޓިވްވީ" ކަމަށް ބެލެވޭ ކަމަށް އަންހެން މީހާ ބުންޏެވެ.

މި މައްސަލާގައި ދުވަސްވީ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފިރިެން މީހާ ހޮސްޕިޓަލަށް ގެންދުއިމުން އެތަނުން ފުލުހުންނަށް ރިޕޯޓްކުރުމުންނެވެ. އަންހެން މީހާ މި ވަގުތު ހުރީ ތަހުގީގު ނިމެންދެން ހައްޔަރުގަ އެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 86%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454