ޝާހްރުކް.
13 ޑިސެމްބަރ 2020 - 07:51
އެކްޓިންއާ ދުރުގައި ހުންނަތާ ދެ އަހަރު ފަހުން ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ޕަތާން" ގެ ފަސްޓްލުކް ޕޯސްޓަރު އަންނަ މަހުގެ 1 ގައި ދައްކައިލަން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަދިތިޔާ ޗޯޕްރާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފިލްމުގައި ޝާހްރުކް ފެންނާނެ ގޮތް ދައްކައިލާ ފުރަތަމަ ޕޯސްޓަރު އެ ތާރީހުގައި ދައްކައިލާނީ އެކަމަށް ބާއްވާ ވަރަށް ހާއްސަ ބޮޑު އިވެންޓެއްގެ ތެރެއިންނެވެ.
މިދިޔަ އަހަރު "ވޯ" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކުރާ "ޕަތާން" ގެ ޝޫޓިން މިދިޔަ މަހުގެ ފަހުކޮޅު ފަށާފައިވާ އިރު، ސެޓުން ލީކްވެފައިވާ ބައެއް ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި ޝާހްރުކް ފިލްމުން ފެންނާނެ ގޮތް ވަރަށް ތަފާތުވާނެ އެވެ. ބައެއް މީޑިއާތަކުން ބުނެފައި ވަނީ އޭނާގެ ލުކް ވައްތަރުވާނީ "ޑޮން" ގެ ފިލްމުތަކުގައި ފެނުނު ގޮތާ ކަމަށެވެ.
މި އެކްޝަން ތުރިލާ އަކީ 2018 ގައި ރިލީޒްކުރި "ޒީރޯ" އަށް ފަހު ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމެވެ. "ޕަތާން" ގެ މައި ކާސްޓުން އޭނާއާ އެކު ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ފެންނާނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޑިމްޕަލް ކަޕާޑިއާ ޓިވީ އެކްޓަރު ގޯތަމް ރޯޑްގެ އިތުރުން ޝާޖީ ޗައުދަރީ ވެސް ހިމެނެ އެވެ.
ވަރަށް ސްޓައިލިޝް ޖާސޫސީ އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޕަތާން" ގެ މަންޒަރުތައް އިންޑިއާގެ އިތުރުން އަބޫ ދާބީ އާއި އިނގިރޭސިވިލާތުގައި ވެސް ނަގާނެ އެވެ.
ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy