ރިޕޯޓް / ރާއްޖެ-ލަންކާ

ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި: އެއީ އެހީވުމެއްތަ؟

ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުން އަންދާތީ އެކަމާ ދެކޮޅަށް ކުރާ ހިމޭން އިހުތިޖާޖުގައި، ގަބުރުސްތާނެއްގެ ބޭރުގައި ހުދު ފޮތި އައްސަނީ

ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ އެންމެން ވެސް އަންދާލަން ނިންމައި އިސްލާމީ އުސޫލުތަކާ ހިލާފަށް މުސްލިމުންގެ ގަބުރުތައް ވެސް އަންދަން ފެށުމާ އެކު އެ ގައުމުގައި ފަޅައިގެން ދިޔަ ހުޅުގަނޑުގެ ހޫނު ރާއްޖެ އަށް ވެސް އައީ އެވެ. ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަޅުލެވެން ނެތް ކަމަށް ވިދާޅުވެ އެ ގަބުރުތައް ރާއްޖޭގައި ވަޅުލައިދިނުމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެދިވަޑައިގަތުމާ އެކު އެގޮތަށް ރާއްޖޭން ކަންތައް ކޮށްދިނުމާ މެދު ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ.

އެކަމަކު އަނެއްކޮޅުން ރާއްޖޭގައި އެކަމާ ބެހޭ ބަހުސެއް މިހާރު މި އޮތީ ފެށިފަ އެވެ.

ލަންކާ މުސްލިމުންގެ ގަބުރުތައް ރާއްޖޭގައި ވަޅުލައިދޭން ރާއްޖޭން އެއްބަސްވެއްޖެ ކަމަށާއި އެކަމުގައި އިސްނެގީ ވެސް ރާއްޖޭން ކަމަށް ބުނެ ލަންކާގެ ނޫސްތަކުގައި އިއްޔެ އެ ވާހަކަ ލިޔުނަސް އެއީ އެކަން ހިނގި ގޮތެއް ނޫނެވެ. ކަން ހިނގި ގޮތް އެނގޭ ފަރާތްތަކުން ދިން މައުލޫމާތަށް ބަލާއިރު މިއީ މުސްލިމުންގެ ގަބުރުތައް އަންދަން ފެށުމުން ލަންކާ ސަރުކާރަށް ކުރިމަތިވި ފާޑުކިޔުމާއި އެ ގައުމުގައި ފެށި އިހުތިޖާޖުތަކުން ސަލާމަތްވެ ޕްރެޝަރު ކުޑަކުރަން ލަންކާ އިން ފެތުރި ޚަބަރެކެވެ.

ރާއްޖޭގެ އެހީއަށް އެދި ލަންކާ ސަރުކާރުން ފޮނުވި ސިޓީއަށް ޖަވާބެއް ދިނުމުގެ ކުރިން ލަންކާ ސަރުކާރުގެ އޮފިޝަލުން އެ ގައުމުގެ ނޫސްތަކަށް އެ މައުލޫމާތު އެ އޮތީ ދީފަ އެވެ. އެހެންވެ އެނގެނީ މިކަމުގައި އޮތް ފާޑުކިޔުންތައް ކުޑަކުރަން ލަންކާ އަވަސްވެގަތްކަމެވެ. ލަންކާގެ ގަބުރުސްތާނުތަކުގެ ބޭރުގައި، ހުދު ފޮތި އައްސައި ކުރަމުން އަންނަ ހިމޭން އިހުތިޖާޖާއި ސޯޝަލް މީޑިއާގައި ކިޔަމުންދާ ފާޑުކިޔުންތަކުން ވެސް ސަލާމަތްވާން ބޭނުންވީ އެވެ.

ހަގީގަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް މި ޚަބަރާ އެކު ވަރަށް ގިނަ ދިވެހިން ބޭނުންވީ "ލަންކާގެ މުސްލިމުންނަށް އެހީވާން" ކަން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކުން އެނގެ އެވެ. ލަންކާ ސަރުކާރުން އެދުނު ގޮތަށް ރާއްޖޭން ކަންތައް ކޮށްދިނުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

"ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ވަޅުލުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް،" ޝައިޚް އިލްޔާސް ހުސެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޝައިޚް އިލްޔާސް ލަންކާގެ މައްސަލާގައި ކުރެއްވި ޓްވީޓެއް

ކީރިތި ރަސޫލާގެ ހަދީސަކާ އެކު ކުރެއްވި އެހެން ޓްވީޓެއްގައި އިލްޔާސް ވިދާޅުވީ މުސްލިމުން ނިކަމެތިވާ ވަގުތުތަކުގައި އެހީތެރިވުމަކީ ދީނީ ވާޖިބެއް ކަމަށެވެ. ޝައިޚް އަލީ ޒައިދު އާއި ޑރ. މުހައްމަދު އިޔާޒް ވެސް އިލްޔާސްގެ ވިސްނުމަށް ތާއީދުކުރައްވާފައިވެ އެވެ.

"ލަންކާގައި މުސްލިމުން ވަޅުލެވޭނެ ގޮތެއް ނެތުމުން ރާއްޖެއިން ދީލަތިކަމުގެ އަތެއް ދިއްކޮށްލުމަކީ ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. އެއީ އުފާކުރަން ޖެހޭ ކަމެއް. މިކަމުގައި ކަންބޮޑުވެ، މިކަމުގައި ޝަރުއީ މަސްލަހަތެއް ނެތޭ ބުނާތީ ހައިރާންވެ އަންތަރީސް ވެއްޖެ،" ލަންކާގެ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނައުމުގައި ޝަރުއީ މަސްލަހަތެއް ފެންނަން ނެތް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ވިދާޅުވެފައި ވަނިކޮށް ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ޜާއްޖެ ގެންނަން ޝައިހް އަލީ ޒައިދު ވެސް ތާއީދުކުރައްވާ

ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ވިސްނުން ތަފާތެވެ.

މައުމޫން ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލަން ތާއީދު ނުކުރައްވާ ކަމަށެވެ.

"...ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދުކުރެވޭ ކަމެއް ނޫން،" ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓްގައިވެ އެވެ.

ކުރީގެ ރައީސް މައުމޫންގެ ޓްވީޓް

ޝަހީމް ބާރު އަޅުއްވަނީ ލަންކާ ސަރުކާރުން އެކަން ހައްލުކުރުމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ލަންކާގައި މަރުވާ މުސްލިމުން އެ ގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.

"އެ ގައުމުގެ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެ މީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްހުލްވުމަކީ ހައްލެއް ނޫން. ހައްލަކީ އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރުން،" ޝަހީމް ސޯޝަލް މީޑިއާގައި ލިޔުއްވި އެވެ.

ލަންކާގައި މުސްލިމުންގެ ގަބުރުތައް އެންދުމުގެ ބަދަލުގައި ރާއްޖެ ގެނެސް ވަޅުލުމަށް ގިނަ ބަޔަކު ތާއީދުކުރި ނަމަވެސް އެކަމާ ހިޔާލު ތަފާތުވާ މީހުން ބުނަނީ އެއީ ލަންކާގެ މުސްލިމުންނަށް ވެދެވޭ އެހީއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ބޭއިންސާފަށް އެއްބާރުލުން ދިނުން ކަމަށް، އެއް ބަޔަކު ސިފަކުރެ އެވެ.

ބައެއް މީހުން ފާހަގަކުރި ގޮތުގައި ލަންކާގެ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެންނަން އެދުނީ މުސްލިމުން ތަމްސީލްކުރާ ޖަމާއަތެއް ފަދަ ތަނަކުންނެއް ނޫނެވެ. އެގޮތަށް އެދިގެން އުޅެނީ، ލަންކާގެ އެތެރޭގެ ކަންކަން ހަމަޖެއްސުމުގެ ޒިންމާ ނަގަން ޖެހޭ އެ ގައުމުގެ ސަރުކާރުން ކަމަށް ވެސް، ބައެއް ދިވެހިން ބުނެ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމްގެ ޚިޔާލު

ކޮވިޑް-19ގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އެންދުމަކީ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫނެވެ. އެފަދަ ގޮތަކަށް އަމަލްކުރަން ޑަބްލިޔު.އެޗް.އޯގެ އުސޫލުތަކުގައި ވެސް ނެތެވެ. އެހެންކަމުން އިންސާފާއި ހަމަހަމަކަމުގެ ބޭރުން ލަންކާ ސަރުކާރުން ކުރާ ކަމެއްގައި ދިވެހި ސަރުކާރުން ބައިވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށް، ލަންކާ ސަރުކާރުގެ ހުށަހެޅުމާ ދެކޮޅުހަދާ މީހުން ދެކެ އެވެ.

"ލަންކާ އިން ބުނަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަށުކަމާކެމީގެ ކަންތައް ކުރަން ދަތިކަމެއް ހުރި ކަމަށް. އެހެންވިއްޔާ ރާއްޖޭން ލަންކާ އަށް ބަޔަކު ފޮނުވައިގެން އެކަން ކުރަން އެހީ ވެވިދާނެ. އެއީ އެ ހަށިތައް މި ގައުމަށް ގެންނަން ޖެހޭ ސަބަބެއް ނޫން،" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ލިޔުނެވެ.

"ލަންކާ އިން އެ ގައުމުގެ މުސްލިމުންނަށް އެ ގައުމުގެ ބިމުން އެއްވެސް ޖާގައެއް ވެސް ނެތޭ މި ބުނެވެނީ. އެހެންވެ ރާއްޖޭން ޖެހޭނީ ލަންކާގެ މުސްލިމުންގެ ހައްގުގައި މަސައްކަތްކޮށްދޭން. އެ ހައްގު ނިގުޅައިގަންނަން އެހީވާންވީއެއް ނޫން."

މިގޮތަށް ވާހަކަ ދައްކާ މީހުން ބުނަނީ ލަންކާގައި މަރުވާ މުސްލިމުން ވެސް ބޭނުންވާނީ އެ މީހުންގެ ފަސްގަނޑުގައި ވަޅުލަން ކަމަށެވެ. ހަށިގަނޑު އެހެން ގައުމަކަށް ގެންގޮސް އާއިލާ އަށް ވެސް ނުފެނި ވަޅުލަން ނޭދޭނެ ކަމަށް ވެސް، އެ ނަޒަރުން ވިސްނާ ދިވެހިން ދެކެ އެވެ.

ހިޔާލު ތަފާތުވުން ބޮޑުވެފައި ވިޔަސް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ލަންކާ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލާން ތާއީދުކުރައްވައިފަ އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ލަންކާގެ މުސްލިމުންނަށް އެހީވުން މުހިންމު ކަމަށް

"ސްރީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް، ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ވަރަށް މުހިއްމު އަދި އެހާމެ ދަރުމަ އާއި ސަވާބު ލިބޭނެ ކަމެއް،" މިނިސްޓަރުގެ ޓްވީޓްގައިވެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް ސަރުކާރުން މިކަމުގައި އަދި ގޮތެއް ނުނިންމަ އެވެ. މިކަން ވީ ހީކުރި ވަރަށް ވުރެ ހިޔާލު ތަފާތުވުން ބޮޑު މައްސަލައަކަށެވެ. މިއީ މުސްލިމުންނަށް އެހީވުންތޯ ނުވަތަ އެ މީހުންގެ ހައްގުތައް ނިގުޅައިގަތުމަށް އެހީވުންކަމާ މެދުގަ އެވެ.

92 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 8%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމްނާ

16 December 2020

ލޯބިވެރިންގާތު ވަޢުދުވާހެން، ކުރިންވަނީ ވަޢުދުތަކެއްވެވިފައި. އެއިން ނުނެއްޓިވިގެން މިއުޅެނީ.

The name is already taken The name is available. Register?

ފެންތަށި

16 December 2020

ލައްކައެއްހާ މީހުން ވަޅުލެވިއްޖެއްޔާ މަހާނަ ވިސިޓް ޓޫރިޒަމްވެސް އިތުރުވާނެ.

The name is already taken The name is available. Register?

އިއްސ

16 December 2020

ދޫނިރާއްޖެ މިހާރި ތިޔަ އުޅެނީ މިރިނުވެ ގޮބޮޅި ކާށވާން

The name is already taken The name is available. Register?

އަބްދޫ

15 December 2020

ރާއްޖެ އަށް ކުރަންޖެހޭ ކަމެއްނޫން.މިއުޅެނީ ފައިސާގެ ދަހިވެތިކަމުގަ.ލަންކާސަރުކާރަށް ކޭލަކުނު ވިއްކާލަނީ އިންޑިޔާ ސަރުކާރަށް ދިއްފުށމާދޫ ވިއްކާލަނީ. މިއީ ދީނުގެ ނަމުގަ ހީލަތްތެރިކަމާއެކު ފައިސާ ގެ ބޭނުމުގަ ހެދި ޑީލެއް.މިސަރުޖާރުން އެދިގެން މިއުޅެނީ.މުސްލިމުންގެ މައްސަލަ ހައްލުކުރާނީ އޯއައިސީ އިން ދޯ.

The name is already taken The name is available. Register?

ޙަސަން ރޫހާނީ

15 December 2020

ލަންކާގެ މުސްލިމުންނަށް ދިމާވެގެންއުޅޭ ތަކްލީފަކީ އެމީހުންގެ ގައުމުގެ ސަރުކާރުން މުސްލިމް މައްޔިތާ އެންދުން. ގޮތަބަޔާގެ އެދުންތަށް ހާސިލްކޮށްދިނުމުން މުސްލިމުންގެ އެދުންތައް ހާސިލްކޮށްދެވުނީތޯ؟ އެއީ ލަންކާގެ މުސްލިމުން ބޭނުންވާގޮތްތޯ. ޢެމީހުން އިހްތިޖާޖްކުރަމުންދަނީ ލަންކާ ސަރުކާރުން އެމީހުން އެގައުމުގައި ވަޅުލުމުގެ ހުއްދަނުދީގެން. ޢެކަމަށްބާރު އަޅައި މަސައްކަތްކުރުން އިލްޔާސް ކޯޓްކޮށްފައިވާ ހަދީސްފުޅުގައި އެވާ އިރުޝާދުތަކަށް މާ ބޮޑަށް ފެތޭ!

The name is already taken The name is available. Register?

ޥަގުތީމާލަން

15 December 2020

ޢިލްޔާސުމެން މުސްލިމުންނާއި މެދު ހަމްދަރުދީވަންޏާމުން ކަުރަންވީކަމަކީ އިލްޔާސުމެންގެ ސަރުކާރުން ސްރީލަންކާ ކުރިމަތީގައި މުސްލިމުންގެ ހައްގުގައި ބަސްބުނަންވީ! މުސްލިމުން މަރުވާ ހިސާބުންތަ ހައްގުތައް ފެށެނީ ނުވަތަ މަރުވީމަތަ ތިޔަ އުޚުއްވައްތެރިކަމެއް ފެށެނީ ! މުސްލިމުންނަށް ދިރިހުރުމުގެ ހައްގެއް އެއްކައުަވަންތަ އިލާހަށް އަޅުކަން ކުރުމުގެ ހައްގެއް ބޭނުމެއްނުވޭތަ؟މާ ރަނގަޅުވާނެ އަނިޔާ ލިބެމުންދާ މުސްލިމުން މިގައުމުގައި ވަޒަންވެރިކުރުވިއްޔާ !

The name is already taken The name is available. Register?

ޑޮންޑޮންފުޅި

15 December 2020

ބޮލުގައި ކުލަޖައްސައި ޖަރީވެގެން ދީނީ ތާކިހާ އަޅައިގެން އުޅުނަސް ދިވެހިންގެ މަތިން ބަސް ބުނަން ހުއްޖަތަކަށް ވަނީއެއް ނޫން. ބައެއް ޙަދީޘް އަދި ޚަތިމު ނުބަލައި ކިޔަވަން އެނގުނަސް މުޅި ކައުނުގައިވާ ކަންކަން އެނގުނީއެއް ނޫން. ރޯނު އެދުރުނުވޭ. ދީނީ ގޮތުން ލަންކާ މީހުންނަށް ދުއްތުރާއަށް ތިޔަގޮވަނީ. ދުނިޔަވީގޮތުން ބަލާއިރު ރާއްޖެ މިހާރު ވެސް އިގްތިސާދީގޮތުން ވެއްޓިފައިވާ ވަޅުގަނޑު އިތުރަށް ފުންވަނީ.

The name is already taken The name is available. Register?

ބަގުޑިބެ

15 December 2020

ރާއްޖެެއަށް ރައްޔިތުންގެ ޒަރޫރީ ބޭނުމަށް އެތެރެކުރާ މުދަލަށް ޑިއުޓީ ނަގާފަދައިން އިމްޕޯރޓް ޑިއުޓީ ނަގާނެތޯ ނޫނީ އެތެރެވާ ކޮންމެ މީހެއްގެ އަތުން ނަގާ އެއާރޕޯރޓް ޓެކްސްތޯ ނަގަނި ސާފުކޮށްދީފާނަންތޯ. މުސްލިމް އުޚުއްވަތްތެރިކަން ފެށެނީ މަރުވުމާ ހިސާބުން ތޯ ނޫނީ ދިރިހުއްޓައި ލިބޭ އަނިޔާތަކުން މުސްލިމުން ސަލާމަތްކުރުމަށްޓަކައި ލަންކާ މުސލިމުންނަށް މި ގައުމުގައި ވަޒަންވެރިކަން ދޭންވީ ނޫންތޯ؟!

The name is already taken The name is available. Register?

ބަދިއެދުރު ކަލޭގެފާނު

15 December 2020

ޢަހަރެމެން ގަބޫލުކަމެއް ނޫން. މިއީ މުސްތަގްބުގައި ގިނަ ގުނަ މައްސަލަތެކެއް މިގައުމަށް ކުރިމަތިވެދާނެ ކަމެއް

The name is already taken The name is available. Register?

ޙހާމް

15 December 2020

ޢެއީ މުސްލިމުން ދެކެ ހަމަދަރުދީ ވެގެން މުސްލިމުންނަށް އެހީވުމެއް ނޫން. ސަބަބަކީ މަރުވެފައިވާ މައްޔިތަކު އެއްޤައުމުން އަނެއް ޤައުމަށް ގެނަދިޔުމަކީ ބުރަ ޙަރަދުބޮޑު ކަމަކަށް ވެފައި ލަންކާގެ މުސްލިމުންނަކީ އެވަރުގެ ފުދުންތެރި ބަޔަކަށް ނުވުން. ތިއީ ލަންކާގެ މުސްލިމުން ލިމުންނަށް ޖެއްސި އިތުރު ތަކުލީފެއް. ލަންކާ ސަރުކާރުން މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ރާއްޖޭގެ ސަރުކާރުން ދިން މެޑައްޔެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454