ރާއްޖޭގައި މަސައްކަތްކޮށްގެން، ސްރީ ލަންކާގެ މަސައްކަތްތެރިން އަހަރަކު 129 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) އެ ގައުމަށް ގެންދާ ކަމަށާއި އެ އަދަދު އިތުރުކުރަން ޖެހޭ ކަމަށް ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ރައީސްކަމުން އެންމެ ފަހުން ވަކިވެވަޑައިގެންނެވި ސުދޭޝް މެންޑިސް ވިދާޅުވެއްޖެ އެވެ.

ލަންކާގެ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މެންޑިސް ވިދާޅުވެފައިވާ ގޮތުގައި ސްރީ ލަންކާގެ 21،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ރާއްޖޭގައި މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން  ގިނަ މީހުން މަސައްކަތްކުރަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ކަމަށް ވެސް އެނާއާ ހަވާލާދީ ނޫހުން ބުންޏެވެ.

އެއާ އެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އޭނާ ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. މެންޑިސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ މިހާރު ވެފައި މިވަނީ ދުނިޔޭގެ އެންމެ ތަފާތު، އެންމެ އަގުބޮޑު މަންޒިލަށެވެ. ރެއަކަށް 7،500 ޑޮލަރުގެ ރޭޓުން އަގުދައްކަން ޖެހޭ ރިސޯޓްތައް ރާއްޖޭގައި ހުރިކަން މެންޑިސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ސްރީ ލަންކާއަކީ ކުރިން ރާއްޖޭގެ މުހިއްމު ބައިވެރިއެއް ކަމަށާއި ކުރީގައި އޮތް  ވަަރަށް އަލުން ގުޅުން ބަދަހިކުރަން ޖެހޭ ކަމަށެވެ.

"މާޒީން ފިލާވަޅު ދަސްކޮށްގެން، ގުޅިގެން މަސައްކަތްކޮށްފި ނަމަ ރަންޒަމާނުގައި އޮތް ވަރަށް އެކުވެރިކަން އިއާދަކުރެވިދާނެ،" މެންޑިސް ވިދާޅުވި އެވެ.

ޑެއިލީ ނިއުސްއަށް ދެއްވި އިންޓަވިއުގައި މި މޭރުމުން ވާހަކަދެއްކެވި އިރު ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ބައްދަލުވުމެއްގެ ފޮޓޯތަކާ އެކު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިންގެ އަދަދަދު 14،00 އާ ހަމައަށް މަދުވުމަކީ އިގުތިސާދީ ގޮތުން ލަންކާއަށް ލިބުނު ގެއްލުމެއް ކަމަށެވެ.

"އީސްޓާ ސަންޑޭ ހަމަލާގެ ކުރިން ގާތްގަނޑަކަށް 17،000 ދިވެހިން ސްރީ ލަންކާގައި ދިރިއުޅުނު. މިހާރު އެ އަދަދު 1،400 އަށް ވެއްޓިއްޖެ. ސްރީ ލަންކާއަށް ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީ އަކީ އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު،" ފޭސްބުކް ގައި ކުރެއްވި ޕޯސްޓްގައި މެންޑިސް ވިދާޅުވި އެވެ.

އެކަމުގެ ޒިންމާ އުފުލާނީ ކާކުތޯ ސުވާލު ކުރައްވަމުން އޭނާ ވިދާޅުވީ ލަންކާ އާއި ރާއްޖޭގެ ގުޅުމުގެ ރަންޒަމާން އަނބުރާ ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ބިޒްނަސް ކައުންސިލުން އަންނަނީ ކުރަމުންނެވެ. 

މެންޑިސް މިމޭރުމުން ވާހަކަދައްކަވާފައި  މިވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައި ވަނިކޮށެވެ.

ސަފީރު މަސްއޫދު އިމާދު ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް މިއަދު ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

މަސްއޫދު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. 

"އަޅުގަނޑު ހައިރާންވޭ ކީއްވެގެންތޯ ހަމައެކަނި ލަންކާއަށް ދާ ދޮން މީހުންނަށް [އިމިގްރޭޝަން] އޮފިޝަލުން އިސްކަންދެނީ،" މަސްއޫދު ވިދާޅުވި އެވެ.