ގާތް ގައުމަކުން ރާއްޖެއާ މެދު ހަސަދަވެރިވޭ: މިނިސްޓަރު ސައީދު

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމަކުން ރާއްޖެއާ މެދު ހަސަދަވެރި ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު އެ ގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް އަވައްޓެރި އިންޑިއާ އާއި ސްރީ ލަންކާ އިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެ ޕާޓީން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތަށް ތުހުމަތު މި ކުރަނީ އިދިކޮޅު ފަރާތްތަކުން އެ ގައުމުތަކުގައި ތިބެ ސިޔާސީ ހަރަކާތްތައް ހިންގަމުންދާ ދުވަސްވަރެއްގަ އެވެ.

އަދި ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ދިވެހި ސަރުކާރު ވައްޓާލުމުގެ މަސައްކަތުގެ އަޑީގައި އޮތީ ލަންކާ އެވެ. އެކަމަކު އޭނާގެ އެ ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑިއާ އާއި އެމެރިކާގެ އިސް ޑިޕްލޮމެޓުން ވަނީ ދާދި ފަހުން އިންޑިއާގައި މަޝްވަރާ ކޮށްފަ އެވެ.

މިނިސްޓަރު ސައީދު މިރޭ ވިދާޅުވީ ރާއްޖެ އަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާތީ ދިމާވާ ގޮންޖެހުންތައް ވަރަށް ގިނަ ކަމަށާއި ދިވެހިނަށް ލިބެމުންދާ ތަރައްގީއާ މެދު ހަސަދަވެރިވާ ބަޔަކު އެބައުޅޭ ކަމަށެވެ.

"އަޅުގަނޑުމެން ދިވެހީންނަށް ލިބެމުން މިދާ ކުރިއެރުމާއި ތަރައްގީ އަށް ހަސަދަވެރިވެ، އަޅުގަނޑުމެންނާ އެއް ޒަމާނެއްގައި މާ ގާތް ކަމަށް ހީވެގެން ތިބި ބަޔަކު ވެސް އަޅުގަނޑުމެންނާ ދޭތެރޭ ހަސަދަވެރިވާކަން އަޅުގަނޑުމެންނަށް ދުރާ ގާތުން ފެންނަމުންދާ ކަމަށް އިހުސާސް ކުރެވޭ މިދުވަސްވަރު." އޭނާ ވިދާޅުވި އެވެ.

އެފަދަ ފަރާތްތަކުން ރާއްޖެ ފަގީރު ކަމަށް ވައްޓާލައިގެން ނޫނީ ބިކަ ނުކޮށްލެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ "ޝިކާރައަކަށް ހުށަހެޅެނީ" ފަގީރުކަން ބޯމަތިވުމުން ކަމަށާއި ރައީސް އަބްދުﷲ ޔާމީން ހަނގުރާމަ ކުރައްވަނީ ދިވެހި އިގްތިސާދު ކޮޅަށް ޖަހައި ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ފިކުރުތައް އެކަހެރިކޮށް، ރާއްޖޭގެ ދުވަސް ދުއްވާލުމަށް ރޭވިގެން ހިންގާ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރަންވީ ވަގުތެވެ.