ވެރިކަން ވައްޓާލުމާ ގުޅޭގޮތުން ރާއްޖޭން ކުރާ ތުހުމަތުތަކާ މެދު ކަންބޮޑުވޭ: ނަމަލް ރާޖްޕަކްސަ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ސްރީ ލަންކާގެ ސަރުކާރު ކަމަށް ވިދާޅުވެ، ޕީޕީއެމްގެ އިސް މެމްބަރަކު ކުރެއްވި ތުހުމަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމަލް ރާޖަޕަކްސަ މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގެ އަޑީގައި އޮތީ އަވައްޓެރި ލަންކާ ކަމަށް ތުހުމަތު ކުރެއްވީ، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

މި މައްސަލައާ ގުޅިގެން، ލަންކާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ގެ މެމްބަރު ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީ ލަންކާ އިން ގައުމެއްގެ ވެރިކަން ވައްޓާލަން ދުވަހަކު ވެސް މަސައްކަތް ނުކުރާ ކަމަށާއި ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތު އެ ގައުމުން ނުގެންގުޅޭ ކަމަށެވެ.

"އެ ސިޔާސަތު އަދިވެސް ބަދަލު ނުވާކަމަށް އުއްމީދުކުރަން،" ލަންކާގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ނަމަލް ވިދާޅުވި އެވެ.

އޭނާގެ ޓްވީޓުގައި ވަނީ ލަންކާގެ ރައީސް ސިރިސޭނާއާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެ ގައުމުގެ ބައެއް މިނިިސްޓަރުން ވެސް ޓެގް ކުރައްވައިފަ އެވެ.

ރިޔާޒް މިދިޔަ ހަފުތާގައި މީޑިއާގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅެނީ ލަންކާ ސަރުކާރުގެ ވެރިން އަޑީގައި ތިއްބަވައިގެން ކަމަށާއި މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މި ގައުމުގައި އަނެއްކާ ވެސް މިފަދަ ކަމެއް ކުރުވަން ޖާގަ ދޭ ކަން ހިތާމައާ އެކު ފާހަގަކޮށްލަން ބޭނުން. ދިވެހި ކޮންމެ ރައްޔިތަކު މިކަމާ ކަންބޮޑުވާނެ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ފާހަގަކުރެއްވި ގޮތުގައި ލަންކާގައި ގިނަ އަހަރުތަކެއް ވަންދެން ހިނގި ދާޚިލީ ހަނގުރާމައާ ގުޅިގެން އެކަމުގެ ގެއްލުން ލިބުނީ ލަންކާގައި ދިރިއުޅޭ މީހުންނަށެވެ. އަދި އެ ފަދަ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ރާއްޖެ ވައްޓާލަން ލަންކާ ސަރުކާރު ބޭނުންވަނީތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ގިނަ އަހަރުތަކެއް ވަންދެން ލަންކާގައި ހަނގުރާމަ ކުރީމަ، އެކަމުން އެ ގައުމަށް ކުރި ނޭދެވޭ އަސަރާއި ގެއްލުން އެ މީހުންނަށް އިހްސާސް ކުރެވޭނެ. އެފަދަ ކަމެއް ލަންކާ ސަރުކާރުން އެދިގެން ނުވާނެ އެހެން ބަޔަކަށް. އެކަމަކު މި ފެންނަނީ އެ މަންޒަރު. ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ލަންކާ ސަރުކާރުން ވާގިވެރިވަނީ،" ރިޔާޒް ވިދާޅުވެފައިވެ އެވެ.

އޭނާގެ މި ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ވަނީ ޓްވީޓު ކުރައްވާފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތީ ވަރަށް ދުވަސްވީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުމަށް ބުރޫއެރުވުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ ކަމަށެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ