ރާޖްކުމާރު ރާއޯ.
26 ޑިސެމްބަރ 2020 - 08:44
އެކްޓިން އަށް ބަލައިފި ރާޖްކުމާރު ރާއޯ އަކީ އެއް ވަނައިގެ އެކްޓަރެކެވެ. އެކަމާ އެއްވެސް ބަޔަކު ޝައްކެއް ވެސް ނުކުރާނެ އެވެ. އެކަން އޭނާ ވަނީ ނެޝަނަލް އެވޯޑާ ވެސް އެކު ސާބިތުކޮށް ދީފަ އެވެ. އެކަމަކު ބޮލީވުޑްގެ ފިލްމުތަކުގައި ލީޑް ރޯލު ކުޅޭ އެކްޓަރުންނަށް ބަލާއިރު ސިފައިގެ ގޮތުން ރާޖަކީ މާ ރީތި އެކްޓަރެއް ނޫނެވެ.
ބޮލީވުޑްގެ ގިނަ އެކްޓަރުންނަކީ ހަށިގަނޑުން ވަރުގަދަކޮށް، ވަރަށް ފިޓްކޮށް ތިބޭ އެކްޓަރުންނަށް ވިޔަސް ރާޖް މިހާތަނަށް ފެނުނީ ވަރަށް އާދައިގެ ލުކެއްގެ ފަންނާނެއްގެ ގޮތުގަ އެވެ. އޭނާގެ ސިފައިގައި މާ "ސްޓާ ކޮލިޓީއެއް" ނެތެވެ. އެކަމަކު އެކަން މިހާރު ބަދަލުވެއްޖެ އެވެ.
މި ފަހުން ކަސްރަތަށް ދޭން ފެށި ސަމާލުކަމާ އެކު ރާޖް މިހާރު ފެންނަނީ ވަރަށް ފިޓްކޮށެވެ.
މި ބަދަލަކީ އޭނާ ޝޫޓިން ފަށާފައި އޮތް ފިލްމު "ބަދާއީ "ދޯ" ގެ ކެރެކްޓާއަށްވާ ތައްޔާރީ އެވެ. ބޫމީ ޕިޑްނޭކަރް ބަތަލާގެ ރޯލު ކުޅޭ ފިލްމުގައި ރާޖް ކުޅެނީ ވަރަށް ސްޓައިލިޝް، ވަރުގަދަ ފުލުހެއްގެ ރޯލެވެ.
ހަށިގަނޑު މުޅިން ޓޯންކޮށްލައި، މިހާރު ބައްޓަން އެއްކޮށް ބަދަލުކުރުމުގެ ކުރިން ރާޖް ވަނީ އޭނާ ކުޅުނު ވެބް ސީރީޒަކަށް ކުރިން ވަރަށް ބޮޑަށް ފަލަ ވެސް ވެފަ އެވެ. އިންޑިއާގެ ކުރީގެ ސިޔާސީ ޝަހުސިއްޔަތު ސުބާޝް ޗަންދުރަ ބޯސްގެ ރޯލު "ބޯސް" ގައި ރާޖް ކުޅުނީ ބޮޑު ބަނޑަކާ އެކީގަ އެވެ.
ރާޖް ދައްކުވައިދޭ ހިތްވަރަކީ ކުޅޭ ކެރެކްޓާއަކަށް އޭނާ ކިހާ ތައްޔާރުވާ ކަމެވެ. މިގޮތަށް ބޮލީވުޑްގައި މިސާލު ދައްކަން އެންމެ އަރާހުރި އެކަކީ އާމިރު ޚާނެވެ.
ކޮންމެއަކަސް ރާޖް، 36، މި ވަނީ އޭނާގެ "ލީން" ލުކް އެއްކޮށް ބަދަލުކޮށްލައިފަ އެވެ. ދެން އޮތީ ސްކްރީނުން އޭނާގެ ހަށިގަނޑު ޖާދޫ ފެންނާނެ ގޮތަކަށް އިންތިޒާކުރުމެވެ.
ރާޖަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި، އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނެޓްފްލިކްސްގެ ހޮލީވުޑް ފިލްމު "ވައިޓް ޓައިގާ" އާއި "ރޫހީ އަފްޒާނާ" އާއި "ހަމް ދޯ ހަމާރޭ ދޯ" ހިމެނެ އެވެ.
ރާޖް އެންމެ ފަހުން ފެނިފައި ވަނީ ޑިޖިޓަލްކޮށް ޕްރިމިއާކުރި "ޗަލާންގް" އާއި "ލޫޑޯ" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy