ރަޔަން.
25 ޑިސެމްބަރ 2020 - 11:03
މި އަހަރު ވެސް ޔޫޓިއުބް ޗެނެލުން އެންމެ ބޮޑު އާމްދަނީއެއް ހޯދީ ފާއިތުވި ދެ އަހަރު ވެސް އެ މަގާމު ހޯދި ރަޔަން ކާޖީ ކަމަށް ފޯބްސް އިން ބުނެފި އެވެ.
ކުޅޭ އެއްޗެހި ރިވިއުކޮށްދޭ ޗެނެލެއް ހިންގާ ރަޔަން އަށް އާމްދަނީގެ ގޮތުގައި މި އަހަރު 29.5 މިލިއަން ޑޮލަރު ލިބިފައިވާ އިރު އޭނާގެ އުމުރަކީ މިހާރު 9 އަހަރެވެ.
"ރަޔަން ވޯލްޑް" ގެ ނަމުގައި ޔޫޓިއުބް ޗެނެލެއް ހިންގާ ކުއްޖާ އަށް އެންމެ ފުރަތަމަ އެ ޗެނެލް މެދުވެރިކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބުމުގެ ޝަރަފު ލިބުނީ 2018 ގަ އެވެ. އެ އަހަރު އޭނާ އަށް އާމްދަނީގެ ގޮތުގައި 22 މިލިއަން ޑޮލަރު ލިބުނު އިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 26 މިލިއަން ޑޮލަރު ލިބުނެވެ.
The Highest-Paid YouTube Stars Of 2020 via @forbes https://t.co/oUDwZCN2BD
— Adhushan (@Adhushan1) December 24, 2020
ކުޅޭ އެއްޗެހި ރިވިއުކޮށްދޭ ފަންނާނެއްގެ ގޮތުގައި އެންމެ ފުރަތަމަ އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ ރަޔަން ޔޫޓިއުބަށް ތައާރަފުވީ 2015 ގަ އެވެ.
މި އަހަރު ދެން އެންމެ ބޮޑު އާމްދަނީއެއް ޔޫޓިއުބުން ލިބުނު ފަންނާނުންނަށް ބަލާ އިރު ދެވަނައިގައި އޮތީ "މިސްޓަ ބީސްޓް" ގެ ނަމުގައި ޗެނެލެއް ހިންގާ އެމެރިކާގެ ޖިމީ ޑޮނަލްޑްސަން، 22، އެވެ. އޭނާގެ އާމްދަނީ އަކީ 24 މިލިއަން ޑޮލަރެވެ.
ތިން ވަނައިގައި 23 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އޮތީ ޑޫޑް ޕާފެކްޓެވެ.
ލިސްޓްގެ ގަދަ ފަހެއްގެ ހަތަރު ވަނައިގައި ރެޓް އާއި ލިންކް އޮތީ 20 މިލިއަން ޑޮލަރާ އެކީފަ އެވެ. ފަސް ވަނައިގައި އޮތީ 19.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު މާކިޕްލިއާ އެވެ.
ލިސްޓް 10 އަށް ދަންމައިލާ އިރު ހަ ވަނަ އިން ޖާގަ ލިބުނީ 19.0 ގެ އާމްދަނީއަކާ އެކު ޕްރެސްޓަން އާޒެމަންޓަށެވެ. ހަތް ވަނަ އަށް ނަސްޓިއާ 18.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ޖާގަ ހޯދި އިރު އަށް ވަނައިގައި އޮތީ 17.0 ގެ އާމްދަނީއަކާ އެކު ބްލިޕީ އެވެ.
ޑޭވިޑް ޑޮބްރިކަށް 15.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެން ނުވަ ވަނައިގައި ލައްވާލި އިރު 10 ވަނައިގައި އޮތީ 15.0 ގެ އާމްދަނީއަކާ އެކު ޖެފްރީ ސްޓާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy