28 ޑިސެމްބަރ 2020 - 07:48
އެޕަލްގެ އެންމެ ފަހުގެ އައިފޯން ޗާޖަރާ ނުލައި ނެރުމުން މަލާމާތްކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ޝޯމީގެ މައި 11 ވެސް ޗާޖަރާ ނުލައި ނެރޭކަން އިއުލާންކޮށްފި އެވެ.
މިކަން ހާމަކޮށް އެ ކުންފުނީ ސީއީއޯ ލީ ޗުން، ޗައިނާގެ މަޝްހޫރު ސޯޝަލް ޕްލެޓްފޯމް ވެއިބޯ އަށް ޗައިނާ ބަހުން ދޫކޮށްލެއްވި މެސެޖެއްގައި ވިދާޅުވީ ޝޯމީގެ އެންމެ ފަހުގެ މޮޑެލް ގަންނަ އިރު، ފޮށީގެ ތެރޭގައި ޗާޖަރެއް އޮންނާނެ ކަމަށް އުންމީދުނުކުރަން އެދޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗާޖަރު ނުހިމަނަން ނިންމީ ޓެކްނޮލޮޖީ އާއި ތިމާވެށީގެ ހިމާޔަތާ ގުޅުން ހުރި ކަންކަމާ ހެދި އެވެ.
"އުންމީދުކުރަން މިކަމަށް އެންމެން [ކަސްޓަމަރުން] ގެ ފަރާތުން ސަޕޯޓް ވެސް ލިބޭނެ ކަމަށް." ލީ ވިދާޅުވި އެވެ.
ޝޯމީގެ މައި 11 ރަސްމީކޮށް ދައްކައިލަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރެ އެވެ.
Don't worry, we didn't leave anything out of the box with the #Mi10TPro. pic.twitter.com/ToqIjfVEQX
— Xiaomi (@Xiaomi) October 14, 2020
އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އައިފޯން 12 ސީރީޒް ދައްކައިލި އިރު، އޭގައި ޗާޖަރު ނުހިމަނާތީ އެންމެ ފުރަތަމަ ޖޯކް ޖެހި ކުންފުނިތަކުގެ ތެރޭގައި ޝޯމީ ހިމެނެ އެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެ ކުންފުނިން ޓްވިޓާގައި އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ މައި 10 ޓީ ޕްރޯ ޖަހާފައިވާ ފޮއްޓެއް ހުޅުވައިލާ އިރު، އޭގެ ތެރޭގައި ޗާޖަރެއް އޮންނަ ތަނެވެ.
ޝޯމީގެ އިތުރުން ޗާޖަރު އުނިކުރިމުން އެޕަލް އިން މަލާމާތްކުރި ކުންފުނިތަކުގެ ތެރޭގައި ދެކުނު ކޮރެއާގެ ސެމްސަންގް ވެސް ހިމެނެ އެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ސެމްސަންގުން ދެން އެންމެ އަވަހަށް ނެރޭ ފޯނާ އެކު ވެސް ޗާޖަރެއް ނުހިމެނެނޭ އެވެ.
އެޕަލްގެ ފިޔަވަޅު މަތިން އެހެން ކުންފުނިތައް މިސްރާބު ޖަހަން ދިމާކޮށްފައިވާ އިރު ޗާޖަރުގެ މައްސަލާގައި އެ ކުންފުންޏަށް ޖޯކް ޖެހި ބައެއް ކުންފުނިތަކުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދޫކޮށްލި ބައެއް ޕޯސްޓްތައް މިހާރު ވަނީ ޑިލީޓް ވެސް ކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
29 December 2020
ތިމާވެށި މިހާޔަތް ކުރަންޏާ އެއްގޮތަކަށްވެސް ފޯނު ނުނެރޭ.