ކްރިތީ.
05 ޖެނުއަރީ 2021 - 08:35
މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކަންގަނާ ރަނާވަތުގެ ސްޕައި ތުރިލާ "ދާކަޅް" އަށް އަރުޖުން ރާމްޕާލް ވެސް ސޮއިކޮށްފި އެވެ.
ފިލްމުގެ ޓީމުގައި ހިމެނޭ ބައެއް މީހުންނާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ކަންގަނާ ބުނީ "ދާކަޅް" ގެ ޑައިރެކްޓަރު ރަޖްނީޝް (ރާޒީ) ގާއީގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ތުރިލާއެއް ހެދުން ކަމަށެވެ. މި ފިލްމުގެ ސިނަމަޓޯގްރަފީ ހަވާލުކޮށްފައި ވަނީ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ފްރާންސްގެ ޓެޓްސޯ ނަގާޓާއާ އެވެ.
"ދާކަޅް" ވާނީ ކަންގަނާ އާއި އަރުޖުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. އަދި މިއީ ކަންގަނާގެ ވަރުގަދަ އެކްޝަން ރޯލެއް ވެސް ފެންނާނެ ފިލްމެކެވެ.
ރިޕޯޓްތައް ބުނާގޮތުން "ދާކަޅް" ގެ ކާސްޓްގައި ތައްބޫ ވެސް ހިމެނެ އެވެ.
For #Dhaakad we have legendary french director of photography Tetsuo Nagata , his academy award winning work like La Vie en Rose has been an inspiration for whole world. Along with highly acclaimed international action crew @RazyGhai hoping to make world class spy triller 🙏 pic.twitter.com/zSA0wBSMck
— Kangana Ranaut (@KanganaTeam) January 4, 2021
މަސްތުވާތަކެތީގެ ތުހުމަތުތަކެއްގައި ދާދި ފަހުން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ދެ ފަހަރެއްގެ މަތިން ސުވާލުކޮށްފައިވާ އަރުޖުންގެ ކުރިއަށް އޮތް ފިލްމަކީ "ދަ ބެޓްލް އޮފް ބީމާ ކޮރެގާއޯން" އެވެ.
ސޯނޫ ސޫދު "ކިސާން" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފިލްމަކީ "ޓޯޓަލް ސިޔާޕާ" އާއި "ޝޫލް" އަދި "ލަވް ކޭ ލިޔޭ ކުޗް ބީ ކަރޭގާ" ފަދަ ފިލްމުތައް ގެނެސްދިން އީ ނިވާސް ޑައިރެކްޓްކުރާ ފިލްމެކެވެ. "ކިސާން" އަކީ 2019 ގައި "ޑްރީމްގާލް" ގެނެސްދިން ޑައިރެކްޓަރު ރާޖް ޝާންޑަލިޔާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
"ކިސާން" ގެ އިތުރު ކާސްޓުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
ބަތަލާ ރިޗާ ޗައްޑާ ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމު "މެޑަމް ޗީފް މިނިސްޓަރު" މި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
މި ޕޮލިޓިކަލް ޑްރާމާ އަކީ "ޖޯލީ އެލްއެލްބީ" އާއި އޭގެ ދެވަނަ ބައި ގެނެސްދިން ސުބާޝް ކަޕޫރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ "މެޑަމް ޗީފް މިނިސްޓަރު" ގެ ކާސްޓްގައި ސޯރަބް ޝުކްލާ އާއި އަކްޝޭ އޮބެރޯއީ އާއި މާނަވް ކޯލް އަދި ޝުބްރަޖިއޯތީ ހިމެނެ އެވެ.
ރިޗާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ޝަކީލާ" އިންނެވެ.
މާދަމާ ޝޫޓިން ފަށާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ޓީމް ޖައިސަލްމާރަށް ހިނގައްޖެ އެވެ.
އަކްޝޭ ކުމާރު ޓައިޓްލް ރޯލް ކުޅޭ ފިލްމުގެ ކްރޫ އާއި ކާސްޓްގެ ބައެއް މެމްބަރުން އެތަނަށް ދިޔައީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާއާ އެކީ ޗާޓަރު ފްލައިޓެއްގައި އާދީއްތަ ދުވަހު އެވެ. އެ ޓީމްގައި ފިލްމުގެ އެއް ބަތަލާ ކްރިތީ ސެނަންގެ އިތުރުން އަރުޝަދު ވަރްސީ އަދި ޕްރަތީކް ބައްބަރް ހިމެނެ އެވެ.
ދެހާސް ނަވާރައިގައި "ހައުސްފުލް 4" ގެނެސްދިން ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ ފިލްމުގެ "ބައްޗަން ޕާންޑޭ" ގެ ކާސްޓްގައި ޖެކްލިން ފެނަންޑޭޒް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy