ކެޓްރީނާ ކައިފް ކުޅޭ ފުރަތަމަ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން ފަށައިފި އެވެ.
މި ފިލްމު ޕްރޮޑިއުސްކުރާ އެކްސަލް އެންޓަޓައިންމަންޓްގެ އެއް ހިއްސާދާރު ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއަކާ އެކު އެކަން އިންސްޓަގްރާމްގައި ހާމަކޮށްފަ އެވެ.
"ފޯން ބޫތު" ގެ ބަތަލުންނަކީ ސިދާންތު ޗަތުރަވެދީ އާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ގުރުމީތު ސިންގެވެ.
"ފޯން ބޫތު" ގެ ޝޫޓިން ފެށި އިރު ކެޓްރީނާ އަންނަނީ އަލީ އައްބާސް ޒަފަރުގެ ސުޕަހީރޯ ފިލްމު "ސުޕަ ސޯލްޖާ" އަށް ވެސް ތައްޔާރުވަމުންނެވެ.
ސިދާންތުގެ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި ބަންޓީ އޯރް ބަބްލީ 2" އާއި ދީޕިކާ ޕަދްކޯންއާ އެކު ކުޅޭ ނަން އަދި އިއުލާން ނުކުރާ ތުރިލާއެއް ހިމެނެ އެވެ.
އިޝާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕިއްޕާ" ފާހަގަކޮށްލެވެ އެވެ.
"ދަމާކާ" ގެ ބަތަލާ އަކީ މުރްނާލް
މިހާރު ޝޫޓިން އަށް ތައްޔާރުވެފައިވާ ކާތިކް އާރިޔަންގެ "ދަމާކާ" ގެ ބަތަލާގެ ރޯލަށް މުރްނާލް ތާކޫރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން ބައެއް މީޑިއާތަކުން ފިލްމު ޔާމީ ގޯތަމަށް ވެސް ހުށަހެޅި ކަމަށެވެ. އެކަމަކު މިހާރު މުރްނާލް ފިލްމަށް ނަގާފައިވާ ކަމަށް ބުންޏެވެ.
"ދަމާކާ" އަކީ "ނީރްޖާ" ގެނެސްދިން ޑައިރެކްޓަރު ރާމް މަދްވާނޫގެ ފިލްމެކެވެ. މިއީ 2013 ގައި ރިލީޒްކުރި ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
"ސުޕަ 30" އާއި "ބަތުލާ ހައުސް" ފަދަ ފިލްމުތައް ކުޅުނު މުރުނާލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ފަރްހާން އަޚްތަރުގެ "ތޫފާން" އާއި ޝާހިދު ކަޕޫރްގެ "ޖާޒީ" ގެ އިތުރުން އަބިމަންޔޫ ދައްސާނީީގެ "އާނކް މިޗޯލީ" ހިމެނެ އެވެ.
"ތަލައިވީ" ގެ ޝޫޓިން ނިންމާލައިފި
ކޮވިޑްގެ ބަލިމަޑުކަމާ ހެދި ޝޫޓިން އަށް ބުރޫއަރައި ކުރިން ނިންމި ތާރީހުގައި ރިލީޒް ނުކުރެވުނު ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ގެ ޝޫޓިން ނިންމާލައިފި އެވެ.
އެ ވާހަކަ ކަންގަނާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
އޭއެލް ވިޖޭ ޑައިރެކްޓްކުރާ "ތަލައިވީ" އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާގެ ރޯލް ކަންގަނާ ކުޅޭ ފިލްމުގެ ކާސްޓްގައި އަރްވިންދު ސްވާމީ އާއި ބަގިޔާޝްރީ އާއި މަދޫ އާއި ޕްރަކާޝް ރާޖް ހިމެނެ އެވެ.
"ތަލައިވީ" ރިލީޒްކުރާނެ އާ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
"ބައްޗަން ޕާންޑޭ" އަށް ޕަންކަޖް
އަންނަ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ބައްޗަން ޕާންޑޭ" އަށް ޕަންކަޖް ތުރިޕަތީ ވެސް ސޮއިކޮށްފި އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓްގައި ކްރިތީ ސެނަންނާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން އަރުޝަދު ވަރްސީ ވެސް ހިމެނެ އެވެ. "ބައްޗަން ޕާންޑޭ" ގެ ޝޫޓިން އަންނަ މަހު ފަށާނީ ޖެއިސަލްމާރްގަ އެވެ.
މި ފިލްމަކީ މިދިޔަ އަހަރު އަކްޝޭ އާއި ކްރިތީ މުހިއްމު ރޯލްތަކުން ފެނިގެން ދިޔަ "ހައުސްފުލް 4" އަށް ފަހު، ފަރުހާދު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެކެވެ.
މީގެ މަސައްކަތް ނިންމައިލުމަށް ފަހު އޭނާ ހަދަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ކަބީ އީދު ކަބީ ދިވާލީ" ހިމެނެ އެވެ.