އޮކްސްފޯޑުގެ ވެކްސިން 82 އަހަރުގެ މީހާ އަށް ދެނީ. --ފޮޓޯ:ބީބީސީ
04 ޖެނުއަރީ 2021 - 14:49
އޮކްސްފޯޑް (ޖެނުއަރީ 4) - އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނިކާ ގުޅިގެން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން 82 އަހަރުގެ މީހަކަށް، ޓްރަޔަލްތަކުން ބޭރުން، ފުރަތަމަ ދީފި އެވެ.
އޮކްސްފޯޑަށް އުފަން އެ މީހާ ބުނީ އެ ވެކްސިން، އޮކްސްފޯޑުގައި އުފެއްދުމަކީ އޭނާ އަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި އޮކްސްފޯޑުގެ ވެކްސިން ފުރަތަމަ ޖެހި މީހާއަކީ އޭނާ ކަމަށްވުމުން ވެސް އުފާވާ ކަމަށް ބުންޏެވެ.
އޮކްސްފޯޑް ޔުނިވާސިޓީ ހޮސްޕިޓަލްގެ ޗީފް ނާސިން އޮފިސަރު ސޭމް ފޮސްޓާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ހެލްތު ކެއާ އޮފިޝަލުންގެ އިތުރުން އެތައް ބަޔަކަށް ވެކްސިން ދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
'I'm so pleased to be getting the COVID vaccine today and really proud it is one that was invented in Oxford.'
— NHS England and NHS Improvement (@NHSEngland) January 4, 2021
82-year-old Brian Pinker became the first person in the world to receive the new Oxford AstraZeneca vaccine this morning at @OUHospitals. 💉 pic.twitter.com/nhnd3Sx97m
ތަޖްރިބާކާރުން ބުނަނީ ވެކްސިންގެ ޑޯޒް ފުރިހަމަވުމުން އެ އެކްސިން އިން ރައްކާތެރިކަން ލިބޭ މިންވަރު 90 ޕަސެންޓަށް އަރާނެ ކަމަށެވެ. އިނގިރޭސި ސަރުކާރުން މިހާރު ވަނީ އޮކްސްފޯޑް ވެކްސިންގެ 100 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އޮކްސްފޯޑުގެ ވެކްސިން އުފައްދާ އެސްޓްރަޒެނިކާ އިން ބުނެފައި ވަނީ މި އަހަރު ތިން ބިލިއަން ޑޯޒް އުފައްދާނެ ކަމަށެވެ.
އޮކްސްފޯޑުގެ ވެކްސިން އުފައްދާފައި ވަނީ ގާތްގަނޑަކަށް 10 މަހުންނެވެ. އެކަމަކު ބައްޔަކަށް ވެކްސިނެއް އުފެއްދުމަށް އާއްމު ގޮތެއްގައި ދިހަވަރަކަށް އަހަރު ނަގަ އެވެ. އޮކްސްފޯޑުގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާތަކުގައި އިނގިރޭސި ވިލާތާއި ބްރެޒިލްގައި 20،000 މީހުން ބޭނުން ކުރި އެވެ. އެވްރެޖްކޮށް ކޮވިޑްގެ އަސްލު ވެކްސިންގެ ދެ ޑޯޒް ދިން މީހުންގެ ތެރޭގައި ކޮވިޑްގެ 30 މީހުން ހިމެނެ އެވެ. އަދި ޑަމީ އިންޖެކްޝަން ދިން މީހުންގެ ތެރޭގައި ކޮވިޑްގެ 101 މީހުން ހިމެނެ އެވެ. ރިސާޗަރުން ބުނީ ވެކްސިނުން 70 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށެވެ. މިއީ މޫސުމީ ރޯގާތަކުގެ ވެކްސިންނަށް ވުރެ ކާމިޔާބު މިންވަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy