ރިޕޯޓް / ޓެކްނޮލޮޖީ

އާޓިފިޝަލް އިންޓެލިޖެންސް ކިޔަވައިގެން ބޮޑު އިންތިޒާރެއް

ޝަހުޒާ ކަރީމް: އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ އިން ކިޔަވައިގެން މިހާރު ހުރީ މަސައްކަތެއްގެ އިންތިޒާރުގައި.

ވެބް ޑިވެލޮޕްމެންޓް މަސައްކަތްތަކަށް މާ ބޮޑަށް ހޭނުނީމާ ޝަހުޒާ ކަރީމް ބޭނުންވީ ފަސޭހަ ކަމެއް ކޮށްލަކޮށްލާ ނީނދެ އުނދަގޫ އާ ކަމަކާ ކުރިމަތިލާށެވެ. އޭނާ އިޚްތިޔާރުކުރީ އާޓިފިޝަލް އިންޓެލިޖެންސެވެ. އޭއައި މެދުވެރިކޮށް އިންސާނުންނަށް ހޯދޭނެ ކުރިއެރުންތަކާއި ފަސޭހަތަކަށްޓަކައި, ކުރިމަގަކީ އެއީ ކަމާ މެދަކު ޝަހޫގެ ހިތުގައި ޝައްކެއް ނެތެވެ.

ފަސް އަހަރަށް ފަހު މަސައްކަތުގެ މައިދާނާ ދުރުވެލައި ޝަހޫ އަލުން މިސްރާބު ޖެހީ ޔުނިވާސިޓީ އަށެވެ. އޭއައި ކިޔަވައި މާސްޓާސް އޮފް ކޮމްޕިއުޓަ ސައިންސް ހާސިލްކޮށްގެން މާލެ އައިސް ޝަހޫ މިހާރު ހުރީ, ރާއްޖެ އަށް މުޅިންހެން އާ މި ދާއިރާ އިން ބޭނުންތެރި ކަންތައްތަކެއް ފަށައިގަންނަން ތައްޔާރަށެވެ. އެކަމަކު އެފަދަ ފުރުސަތަކަށް އަދި އޮތީ އިންތިޒާރެކެވެ. އޭއައި އާއި މެޝިން ލާނިން ތައާރަފްކުރެވިދާނެ ތަނަކުން ވަޒީފާއެއް ނުވަތަ އެފަދަ ވަކި މަސައްކަތެއް ވިޔަސް ހޯދަން ތިން މަހެއްހާ ދުވަހު އުޅެ ޝަހޫއަކަށް އަދި ކާމިޔާބެއް ނުވެ އެވެ. އެކަން ބަދަލުވުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ.

"ރާއްޖޭގައި ތިބެގެން ބޭރު ގައުމުތަކަށް ވެސް ޕްރޮޑަކްޓްސް އުފެއްދޭނެ. ގްލޯބަލް އެއްޗެހި ވެސް އުފެއްދޭނެ. އެކަމަކު އެބަ ބޭނުންވޭ އިންވެސްޓްކުރާނެ ބަޔަކު."

ބޭރު ގައުމަކުން މި ދާއިރާގެ ވަޒީފާއެއް ލިބޭތޯ ބަލަން މާ ފަސޭހަވީހެވެ. އެކަމަކު ކިޔަވައިގެން ޝަހޫ ބޭނުންވީ ރާއްޖޭގެ ކޮންމެވެސް ކަމަކަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބިންގަލެއް އަޅައިދެވޭތޯ ބަލާށެވެ.

"ހިތަށް އެރީ ކޮންމެވެސް އެއް ތަނެއްގައި ފަށައިގަތުން ނުވަތަ ތަނަކަށް ތައާރަފްކޮށްދިނުން ވެސް ހަމަ ވަރަށް ބޮޑު ކަމަކަށޭ ވާނީ. އެހެންވީމަ ބޭނުންވީ ރާއްޖޭގައި މަސައްކަތްކުރަން," އައިސީޓީ ދާއިރާގެ އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ، ވިމެން އިން ޓެކް މޯލްޑިވްސްގެ ތިން ކޯ-ފައުންޑަރުންގެ ތެރޭގައި ހިމެނޭ ޝަހޫ, 34, ބުންޏެވެ. "ރާއްޖޭގައި މިކަން ހިނގައިގަންނަ އިރު އެކަމުގައި ބައިވެރިވާން ބޭނުންވީ."

ދުނިޔޭގައި ހޯދަމުން އަންނަ އޭއައިގެ ކުރިއެރުންތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް "ހުރިހާ ދާއިރާއަކުން ވެސް ކުރެވިދާނެ ވަރަށް ބައިވަރު ކަންކަން" އެބަހުރި ކަމަށް ޝަހޫ ދެކެ އެވެ.

ދިވެހި ބަސް ޓެކްނޮލޮޖީއާ ދޯޅުކުރުމާއި ދަނޑުވެރިކަން ކުރިއެރުވުމާއި މަކަރާއި ހީލަތް ހުއްޓުވުން ފަދަ ބައެއް މިސާލުތައް އޭނާ ދެއްކި އެވެ. ސިއްހީ ޚިދުމަތްތަކާ މެދު ޝަހޫ ދެކޭ ހުވަފެން ވަކިން ބޮޑެވެ. އޭއައި ބޭނުންކޮށްގެން ބަލިތައް ދެނެގަތުމާއި މީހަކަށް ބައްޔެއްގެ ނުރައްކާ އޮތް މިންވަރު ބެލުމާއި ޓެލެމެޑިސިން އެހެން ހަރުފަތަކަށް ގެންގޮސް ރަށްރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ސިއްހީ ހާލަތު ވެއަރަބްލް އާލާތްތައް ބޭނުންކޮށްގެން މޮނިޓަކުރުން ފަދަ އުއްމީދުތަކެވެ.

"ހެލްތު ކެއާގައި އެބަހުރި ވަރަށް ޝައުގުވެރި މަސައްކަތް ކުރެވޭނެ. ބޭނުން ދާއިރާއަކަށް ދެވެންޏާ ނަގާނީ އެ ދާއިރާ," ޝަހޫ ބުންޏެވެ.

އެކަމަކު އެއީ ރާއްޖެ އަށް ބަލާ ނަމަ ވުން އަދި ވަރަށް ދުރުގައި ހުރި ކަންތައްތަކެއްކަން ޝަހޫ ގަބޫލުކުރެ އެވެ. މި ވަގުތަށް އިސްކަންދޭން އޭނާ އަށް މަޖުބޫރުވަނީ ޕްރޮޖެކްޓަކަށް އިންވެސްޓްކުރާނެ ފަރާތެއް ނުވަތަ އާމްދަނީ ލިބޭނެ މަގެއް ހޯދާށެވެ.

އޮކްޓޯބަރު ފަހުކޮޅުން ފެށިގެން ޝަހޫ އަންނަނީ އޭއައިގެ މަސައްކަތެއް ލިބޭތޯ ބޮޑެތި ހުރިހާ ކުންފުނިތަކާއި ސަރުކާރުގެ ބައެއް ތަންތަނަށް ސީވީ ފޮނުވަމުންނެވެ. ޖަވާބެއް ދިނީ އެންމެ ދެ ތަނަކުންނެވެ. އޭއައި އަށް އިންވެސްޓްކުރަން ތައްޔާރޭ ބުނި ސަރުކާރުގެ ތަނަކަށް ޝަހޫ ޕްރޮޕޯޒަލްއެއް ހުށަހެޅި އެވެ. އަދި ސަރުކާރުގެ ކުންފުންޏަކުން ވެސް, އަންނަ އަހަރު މެދެއްހާ ތާނގައި އޭއައި/ މެޝިން ލާނިން މަސައްކަތް ފައްޓަން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު މާ ގިނަ ދުވަހު މަޑުކޮށްގެން ހުރެވޭކަށް ޝަހޫއަކަށް ނެތެވެ.

"މާލޭގައި ކުއްޔަށް އުޅޭ އިރުގައި ވަރަށް ބޮޑަށް އުނދަގޫވޭ ކުލި ނުދެއްކޭތީ ވެސް. ވަޒީފާއެއް ނެތި ވަރަށް, ވަރަށް އުނދަގޫވޭ. އެހެންވެ މިހާރު ނިންމައިގެން މިހިރީ ހަމަ ކޮންމެ ވަޒީފާއަކަށް ވެސް ދާން," ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ވިލާގައި މަސައްކަތްކުރުމަށް ފަހު އިންޑިއާގެ ސެންޓްރަލް ޔުނިވާސިޓީ އޮފް ރާޖަސްތާން އިން މާސްޓާސް ހޯދާފައިވާ ޝަހޫ ބުންޏެވެ.

ޝަހޫގެ ޓްވީޓެއް

އޭއައިގެ ފުރުސަތެއް ނުލިބޭތީ ޝަހޫ މިހާރު ދަނީ ތަންތަނުން އިއުލާންކުރާ ސޮފްޓްވެއާ ޑިވެލޮޕްމެންޓާ ގުޅުން ހުރި ވަޒީފާތަކަށް ކުރިމަތިލަމުންނެވެ. އެހެން ކަމެއް ކުރަން ޖެހޭ ވަޒީފާއެއްގައި އުޅޭ ނަމަ, އޭނާ އޭއައި/މެޝިން ލާނިންގެ މަސައްކަތް ކުރާނީ ހުސް ވަގުތުގަ އެވެ.

"ބޭރު ދުނިޔޭގައި ވަރަށް ޑިމާންޑު އޮންނަ, ރަނގަޅު މުސާރައެއް ވެސް ލިބޭ ދާއިރާއެއް އޭއައި މިއީ. އެއީ ވެސް ވަރަށް ބޮޑަށް ބެލި ކަމެއް މި ދާއިރާ އިޚްތިޔާރުކުރި އިރު. ހީކުރިން ރާއްޖޭގައި ވެސް ފުރުސަތު ލިބޭނެއޭ, މުސާރަ ވެސް ބޮޑުވާނެއޭ މި ކަހަލަ ދާއިރާއެއް ވީމަ. މުޅި ދުނިޔޭގައި މި ގޮތަށް ކަން ހިނގާތީ. އެކަމަކު އެހެނެއް ނޫން އަދި ވަނީ," ޝަހޫ ބުންޏެވެ.

"މީހުން ބުނޭ އަމިއްލަ ވިޔަފާރިއެއް ފަށަންވީ ނޫންހޭ. އެކަމަކު އެކަން ވެސް ފުރަތަމަ ފައްޓައިގަންނަން އެބަ ބޭނުންވޭ އިންވެސްޓްމެންޓެއް."

ޝަހޫ މާޔޫސްވަނީ ވަޒީފާއެއް ނުވަތަ މަސައްކަތެއް އޮތްތޯ ބަލަން އެހާ ކެތްމަދުވެފައި ހުންނަ އިރު ވެސް ގިނަ ތަންތަނުން އެއްވެސް ޖަވާބެއް ނުދޭތީ އެވެ. ކޮންމެ ދާއިރާއެއް ވިޔަސް, މަތީ ތައުލީމު ހާސިލްކޮށްގެން ފުރުސަތެއް ހޯދަން އުޅޭ ޒުވާނުންނަށް އެކަން މިހާރަށް ވުރެ ލުއިވާން ޖެހޭނެ ކަމަށް ޝަހޫ ދެކެ އެވެ.

"ވަޒީފާއެއް ނެތަސް ނެތްކަން އަންގާލުން ރަނގަޅު. މި ގޮތަށް ކިޔަވައިގެން އައިސް ސީވީ ފޮނުވައިގެން ޚަބަރެއް ނުވެ, ދަންނަ މީހަކު ހުރޭތޯ ރައްޓެހިން ކައިރީ އަހައި ގުޅައިގެން ޚަބަރެއް ވޭތޯ މިހާ ހާލުގައި އުޅުމުގެ ބަދަލުގައި އެޗްއާރު މީހުން ތަންކޮޅެއް ރެސްޕޮންސިވް ވެގެން ޚަބަރު ވާ ނަމަ، ދެން އަންނަ ކުދިންނަށް ވެސް ވަރަށް ފަސޭހަވާނެ," ޝަހޫ ބުންޏެވެ.

އޭނާ ދެކޭގޮތުގައި ރާއްޖޭގައި އޭއައިއަކީ އިންވެސްޓްކުރަން އިސްކަން ދޭން ޖެހިފައި އޮތް މުހިއްމު ދާއިރާއެކެވެ. ކޮންމެވެސް ވަރަކަށް އާޓިފިޝަލް އިންޓެލިޖެންސް ކިޔަވައިގެން އައިސް ތިބި ބައެއް މީހުން ވެސް ސީދާ އެކަން ކުރަން ފުރުސަތު ނުލިބި, ކުރަން ބޭނުން ނުވާ އެހެން މަސައްކަތްތަކެއްގައި އުޅެމުންދާކަން ޝަހޫ ފާހަގަކުރި އެވެ. އަލަށް އެ ދާއިރާ އިން ކިޔަވަމުން އަންނަ ދަރިވަރުންކޮޅެއް މިހާރު ތިބި އިރު އެފަދަ ޒުވާނުންނަށް ވެސް ފުރުސަތުތަކެއް ހުޅުވޭނީ, އޭނާ ބުނިގޮތުގައި, ބޮޑެތި ކުންފުނިތަކާއި ވިޔަފާރިވެރިން އޭއައި އަދި މެޝިން ލާނިން އަށް އިންވެސްޓްކޮށްގެންނެވެ.

"ރާއްޖޭގައި ތިބެގެން ބޭރު ގައުމުތަކަށް ވެސް ޕްރޮޑަކްޓްސް އުފެއްދޭނެ. ގްލޯބަލް އެއްޗެހި ވެސް އުފެއްދޭނެ. އެކަމަކު އެބަ ބޭނުންވޭ އިންވެސްޓްކުރާނެ ބަޔަކު," ޝަހޫ ބުންޏެވެ.

ޓެކްނޮލޮޖީގެ ދާއިރާ އަށް ޖުމްލަކޮށް ބެލިޔަސް، ރާއްޖޭގައި ކުޑަކުދިންގެ ޝައުގުވެރިކަމާއި ޒުވާނުންގެ ހުނަރު ހުރި މިންވަރުން ފުރުސަތުތައް ފުޅާކުރަން ވަރަށް ބޮޑު ބާރެއް ލާން ޖެހިފައިވާ ކަމަށް ޝަހޫ ދެކެ އެވެ. އޭނާ ބުނިގޮތުގައި ވިމެން އިން ޓެކްގެ ހުރިހާ ޕްރޮގްރާމްތަކެއްގައި ވެސް ކުދިން ބައިވެރިވެ އެވެ. ޑިސެމްބަރު މަހު ބޭއްވި ކޯޑިން އިވެންޓަކަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން ޖުމްލަ 1،300 ކުދިން ކުރިމަތިލިކަން އެއީ މި ދާއިރާ ކުރިއެރުވުމުގެ ބޭނުންތެރިކަން ވަކިން ބޮޑަށް ހާމަކޮށްދޭ ތަރުހީބެކެވެ.

ޝަހޫ ދެކޭގޮތުގައި ލިބިފައިވާ ޓެކްނޮލޮޖީގެ ފަސޭހަތަކާ އެކު ގިނަ ބަޔަކު ބައިވެރިކޮށްގެން ކުރިއެރުން ހޯދަން އަވަސްވެގަންނަންވީ އެވެ.

"ރާއްޖޭގައި ކޮވިޑާ ގުޅިގެން ރިމޯޓުކޮށް މަސައްކަތްކުރެވުނަސް އަނެއްކާވެސް ހަމަ ގިނަ ތަންތަން މި ދަނީ އަނބުރާ އޮފީހުގައި މަސައްކަތްކުރާ ގޮތަށް. ރަށްރަށުގައި ތިބެގެން މަސައްކަތްކުރަން ކުރިއަށް އޮތް ތާނގައި ވެސް އުޅެންވީ. މިސާލަކަށް އެންމެ ކުޑަމިނުން އައިޓީ މީހުން، ޓެކް މީހުން، ޑިވެލޮޕަރުން ކޮންމެހެން ނުޖެހޭ ގޮސް އޮފީހުގައި ތިބޭކަށެއް،" ޝަހޫ ބުންޏެވެ.

"އެ ގޮތަށް ރިމޯޓްކޮށް ނުވަތަ ގްލޯބަލީ މި ހުންނަ މަސައްކަތް ނަގައިގެން ކުރަން ބަލާ އިރު އިންޓަނެޓު ރަނގަޅުވާން އެބަ ޖެހޭ ރަށްރަށަށް. ދެން މައިންބަފައިންނަށާއި ކުދިންނަށް ވެސް އެބަ ޖެހޭ މައުލޫމާތު ދޭން، ހަމައެކަނި ރާއްޖެ އަށް ނުބަލާ މުޅި ދުނިޔެ އަށް ބަލަން."

އޭނާ ފަދައިން އާ ފުރުސަތުތަކަށް އެދިއެދި ތިބި ޒުވާނުންނަށް ކަންކަން ފަސޭހަވެގެންދާނެ ދުވަހެއް ދެކެން ޝަހޫ ހުރީ ހިތްއަވަސްވެފަ އެވެ.

17 ކޮމެންޓް, 131 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 12%
icon angry icon angry 7%
icon wow icon wow 14%
icon inlove icon inlove 61%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަޒީފާދޭ މީހާ

11 January 2021

ވަޒީފާ ބާޒާރުގަ މަދީކީ ނޫން. ކޮންމެ މީހަކުވެސް ބޭނުންވަނީ ސަރުކާރުގެ އޮފީހަކަށް ނޫނީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގައި ވަޒީފާ އަދާ ކުރަން. ގިނަ މީހުން ބޭނުމެއް ނުވޭ ކުޑަ ތަނެއްގައި މަސައްކަތް ކުރާކަށް. ރިސްކް ނަގައިގެން ކުރިޔަށް ދިޔުމުގެ ބަދަލުގައި، ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭންޖެހޭ ވިސްނުމުގެ މީހުން ގިނައީ.

The name is already taken The name is available. Register?

އޯކޭ މުވައްޒަފު

20 January 2021

ވަޒީފާ ދޭ މީހުން ހަމަޔަށް މުސާރަ ނުދޭ. ސަރުކާރުގަ ވެއްޖެޔާ އެ ބޮލުގަ ރިހުމެއް ނޯވޭ. ތިން ހަތަރު މަސް ހިގައިދާނެ މުސާރަ ނުދީ. ހީވާނީ ހިލޭ ސާބަހަށް ގެންގުޅޭ މީހެއްހެން.

The name is already taken The name is available. Register?

އުލިގަމް އިސްޓައިލް

11 January 2021

ހުރިހަ އޮފީހެއްގަހެން ގިނައިން ތިބޭނީ ނުކިޔަވާ ބޮހުންނަށް ވެފަ ތިބޭ ބޮހުން. ކިޔަވައިގެން އަންނަ ސްމާޓް ކުދިން އިންޓަވިއުއާއި ހިުސާބުން ކަޓުވާލާނެ. ރަނަގަޅު ވަޒީފާ އެއް ހޯދުން އެއީ މިހާރު ބޮޑު ޗެލެންޖެއް. ސިޔާސީ މައިދާނައް ނިކުމޭ، އޭރުން ތިޔަކަން އެނމެ ފަސޭހައިން ވާނީ

The name is already taken The name is available. Register?

ދޮގުނަހަދާ

10 January 2021

ރާއްޖޭގެ ބޮޑު ކުންފުންޔަކުން ވަޒީފާ ހުޝައެޅި އަދި އެފުރުސަތައް ނޫނެކޭ ބުނީ ކޮންކުއްޖެއް؟

The name is already taken The name is available. Register?

ފަރުޝާނާ

10 January 2021

އަހަރުމެން ބަލާނަން 20 ވަރަކަށް އަހަރުވާއިރުވެސް ތިކިޔެވިއެއްޗެއްގެ އެއްވެސް ކަމެއް ކުރެވޭތޯ. ނޫނީ ހަމަ މޮޅުނަމެއް ކިޔާ ސެޓްފިކެޓެއް ގަނެގެން އައީތޯ މެލޭސިޔާއިން.

The name is already taken The name is available. Register?

ރަޖިސް

10 January 2021

ކޮމެންޓްތަކަށް ލައިކްދެނީ ކިހިނެތްތަ؟ ކްލިކްކުރީމަ އެއްވެސް ކަމެއްނުވޭ.

The name is already taken The name is available. Register?

އަ

10 January 2021

ސަބަސް.ވަރަށް އުފާވެއްޖެ ފެނުމުން އެކުގަކިޔެވުމުގެ ފުރުސަތު ސްކޫލްގައި ލިބުނު.

The name is already taken The name is available. Register?

އޭް

10 January 2021

އަގު ބޮޑުކޮށް މެޝިން ރީޑަބަލް ލައިސަންސް ޕްލޭޓް ބަދަލު ކުރުމުގެ ބަދަލުގަ އާޓިފިޝަލް އިންޓަލިޖަންސް ބޭނުން ކޮށްގެން މިހާރުގެ ލައިސަންސް ޕްލޭޓް ކިއަން އިނގޭ ޕްރޮގްރާމެއް ހަދާދީބަ ޝަހޫ. މި ޓްރާންސްޕޯޓު މީހުން ހަދަނީ ހުސް ގޯސް

The name is already taken The name is available. Register?

ަބޯހުދު ޒިންދަގީ

10 January 2021

ރާއްޖޭގަ އެންމެ ފަސޭހައިން ވަޒީފާ ލިބޭނީ ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްގަ ބާރައް ހަޅޭއްލެވީމަ. އެވަރިހަމަ އުޑެއްބުޑެއް ނޭނގުނަސް.

The name is already taken The name is available. Register?

އުސްތާޒް

10 January 2021

ރާއްޖެ މީ ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ ޓެކްނޮލޮޖީ އަދި ވިޔަފާރީގެ ހަބަކަށް ހެދޭނެ. އިޒްރޭލު ނަމޫނާއަކަށް ބަލާ. ހެޔޮ ވިސްނޭ ތަންދޮރު ދަންނަ އެންމެ މީހެއްވެސް އެމީހުންގެ އަތުން ދޫވެގެން ދިޔަކަ ނުދޭ. މީގެ 50 ހަކަށް އަހަރު ކުރިން ފެށި މަސައްކަތް މިއަދު އެއޮތީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކް ޤައުމަށްވެފަ. އެމީހުންނަށް ރުފިޔާ އޮހޭ ދާއިރާއަކަށް ވެފަ. ރާއްޖޭގެ ކުދިން ކިޔަވައިގެން ރާއްޖެ ނާންނާނެ މިތަނުން ފުރުސަތު ނެތިއްޔާ. ޓެކް ވުޒާރާ ކޮބާ؟

The name is already taken The name is available. Register?

distance

10 January 2021

އެއްމެ ރަގަޅު ގޮތަކީ އިބޫ ފެކްޝަނާއި ގުޅުން. ސޯލްޓު ރެސްޓޯރަންޓަށް ހަވީރު ގަޑީގައި ޖައްސާލާ، އަދި މަޖްލިސް ކޮންމެވެސް މީހަކާ ގުޅިގެން ތިކިޔެވި ރޮގުން ސަރުކާރު ތެރެއިން ކަޓު ލިބޭނެ ގޮތެއް ބަލާފައި މެމްބަރަށް ބައި އެޅޭ ގޮތައް ޑީލެއް ހަދާލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454