މުނިފޫހިފިލުވުން / އެކްޓްކުރުން

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޓީ ސީރީޒް ހިންގުމުގެ ޒިންމާ މިހާރު ނަގަމުން އަންނަ ބުޝަން ކުމާރުގެ އަންހެން ކޮއްކޮ ކުޝާލީ ކުމާރު ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

ނަން އަދި އިއުލާންނުކުރާ މި ފިލްމަކީ އަބީޝެކް ބައްޗަންގެ ކުރިއަށް އޮތް ފިލްމު "ދަ ބިގް ބުލް" ގެ ޑައިރެކްޓަރު ކުކީ ގްލާޓީ ހަދާ ފިލްމެކެވެ. ލަވަކިޔާ ފަންނާނެއްގެ ގޮތުގައި އަދި ބައެއް ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ ކުޝާލީގެ އަލަތުގެ ފިލްމުގެ ބަތަލަކީ އާރް މާދްވަން އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަޕަރްޝަކްތީ ކްރާނާ އާއި ދަރުޝަން ކުމާރު ހިމެނެ އެވެ.

ކުޝާލީގެ ދައްތަ ތުލްސީ ކުމާރަކީ މިހާރު ބޮލީވުޑްގައި އެންމެ ހިނގާ ލަވަކިޔުންތެރިންގެ ތެރެއިން އެކެކެވެ.

ޓީ ސީރީޒަކީ ބުޝަން އާއި ތުލްސީގެ އިތުރުން ކުޝާލީގެ ބައްޕަ ގުލްޝަން ކުމާރުގެ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމު/މިއުޒިކް ސްޓޫޑިއޯ އެވެ.

ކުޝާލީގެ އަލަތު ފިލްމުގެ މަސައްކަތް ފެށީ އެ ފިލްމު 2019 ގައި އިއުލާންކޮށްފައި ވަނިކޮށެވެ.

"އަންތިމް" ގެ ލަވައެއްގައި ވަރުން

ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރުމާ މިހާރު ކުޅެމުން އަންނަ ފިލްމު "އަންތިމް" ގެ ލަވައެއްގައި ވަރުން ދަވަން ހިއްސާވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރާ ފިލްމުގެ ވަރަށް މުހިއްމު ހިސާބަކުން އަންނަ ލަވައިގައި ސަލްމާނާ އެކު އެހެން އެކްޓަރަކު ހިމަނަން ނިންމުމާ ގުޅިގެން ވަރުން އަށް އެ ފުރުސަތު ދޭން ނިންމީ އޭނާގެ މަޝްހޫރުކަމާއި މަގުބޫލުކަމަށް ބަލައިފަ އެވެ. ވަރުން ކުރިން ވެސް ވަނީ ސަލްމާންގެ ފިލްމެއްގައި ހިއްސާވެފަ އެވެ. އެއީ 2019 ގެ "ބާރަތު" ގަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "އަންތިމް" ގެ ލަވަ އަށް ސަލްމާނާއި ވަރުން މިހާރު އަންނަނީ ރިހާސަލް ވެސް ހަދަމުންނެވެ. އަދި ވަރަށް އަވަހަށް ލަވައިގެ ޝޫޓިން ފަށާނެ އެވެ.

"އަންތިމް" އަކީ 2018 މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

"ދަ ޕަވާ" 14 ގައި

ބޮލީވުޑްގެ ވަރުގަދަ އެކްޝަން ތަރި ވިދުޔަތު ޖަމްވަލް އާއި ޝްރޫތީ ހަސަން މުހިއްމު ރޯލުތައް ކުޅެފައިވާ ފިލްމު "ދަ ޕަވާ" މި މަހުގެ 14 ގައި ޒީ ޕްލެކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

ވިދުޔަތުގެ އެންމެ ފަހުގެ ފިލްމު "ޚުދާ ހާފިޒް" އަކީ ވެސް މިދިޔަ އަހަރު ޑިޖިޓަލްކޮށް ޕްރިމިއާކުރި ފިލްމެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި އެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ބައި ހެދުމުގެ މަސައްކަތް އަންނަ އެޕްރީލް މަހުގެ ތެރޭގައި ފަށާނެ އެވެ.

"ކޮމާންޑޯ" ފްރެންޗައިޒްގެ އެކްޓަރުގެ "ދަ ޕަވާ" އަކީ މިހާރު ސަލްމާން ޚާނާ އެކު "އަންތިމް" ހަދަމުން އަންނަ މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.

ވަރުންގެ "އެއްކީސް" އަށް ތައްޔާރުވާން ފަށައިފި

ދެހާސް ނަވާރައިގައި އިއުލާންކުރި ވަރުން ދަވަންގެ ފިލްމު "އެއްކީސް" އަށް ތައްޔާރުވާން ފަށައިފި އެވެ.

އެކަން ކަށަވަރުކޮށް ދެމުން ފިލްމުގެ ޑައިރެކްޓަރު ސްރީރާމް ރަގްވަން ބުނީ ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ގިނަ ފިޔަވަޅުތަކެއްގައި ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމުގައި ވަރުން ކުޅޭ ކެރެކްޓާ އަށް އޭނާ ހަށިގަނޑަށް ވެސް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ. "އެއްކީސް" އަކީ ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް އެންމެ 21 އަހަރުގައި 1971 ގައި މަރުވި ސިފައިންގެ އޮފިސަރު އަރުން ކެތުރިޕާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

މި ފިލްމަކީ 2015 ގެ "ބަދުލާޕޫރް" އަށް ފަހު ސްރީރާމްއާ އެކު ވަރުން މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ސްރީރާމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަޔޫޝްމަން ކްރާނާގެ 2018 ގެ ސަސްޕެންސް ތުރިލާ "އަންދާދުން" އެވެ.

"އެއްކީސް" އަކީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ވަރުން ދާދި ފަހުން ވަނީ ރާޖް މެހެތާގެ "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ނިންމާލައިފަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ކޫލީ ނަމްބަރު 1" އިންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454