10 ޖެނުއަރީ 2021 - 07:58
މީގެ 19 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ހައިސްޓް ތުރިލާ "އާނކޭ" ގެ ސީކްއެލްގައި އަމީތާބާ އެކު އެންމެ މުހިއްމު ރޯލެއް ކުޅޭނީ ސިދާތު މަލްއުތުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގޯރަންގް ދޯޝީ ޕްރޮޑިއުސްކޮށް، ވިޕުލް ޝާހް ޑައިރެކްޓްކުރި 2002 ގެ "އާނކޭ" ގެ ކާސްޓްގައި އަމީތާބާ އެކު ހިމެނެނީ އަކްޝޭ ކުމާރާއި އަރުޖުން ރާމްޕާލާއި ސުޝްމިތާ ސެންގެ އިތުރުން ބިޕާޝާ ބާސޫ އެވެ.
ނަމަވެސް ދެވަނައި ބައިގައި އަމީތާބް ފިޔަވައި ކުރީގެ އެއްވެސް ކާސްޓަކު ނުހިމެނޭނެ ކަމަށާއި ފިލްމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ. ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "އާނކޭ 2" ހަދަން ވާހަކަ ދައްކަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ އިރު، ކުރީގެ ފިލްމާއި އާ ފިލްމުގެ ސްޓޯރީލައިންގައި ބޮޑު ތަފާތެއް ހުންނާނެ އެވެ. އެގޮތުން މުޅި ފިލްމުގެ ވާހަކަ މުޅިން އޮރިޖިނަލް ވާހަކަށް ހަދަން ނިންމާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
"އާނކޭ" ގައި ކިޔައި ދިނީ ބޭންކެއްގެ ވަޒީފާ ގެއްލުމުން ބަދަލު ހިފުމުގެ ގޮތުން ލޯ އަނދިރި ކަމަށް ހެދިގެން އުޅޭ ބަޔަކު ލައްވައި ބޭންކް ފަޅާލާން ކުރާ މަސައްކަތެވެ.
"އާނކޭ 2" ގައި ސިދާތު ކުޅޭނީ ލޯ އަނދިރި މީހެއްގެ ރޯލެވެ. އަމީތާބަކީ ވިލަން އެވެ. މި ފިލްމު މީގެ ކުރިން ހަދަން ވާހަކަތައް ދެކެވުނު އިރު ކާސްޓަށް އަނިލް ކަޕޫރާއި ކާތިކް އާރިޔަނާއި ޖެކްލިން ފެނަންޑޭޒް ގެންނަން އުޅުނު ވާހަކަތަކެއް ވެސް ތިލަވި އެވެ.
ނަމަވެސް ފިލްމު މިހާރު ހަދަން ނިންމާފައި ވަނީ އަމީތާބާއި ސިދާތާ އެކީގައި ކަމަށް ހަންގާމާ އިން ބުންޏެވެ. ނަމަވެސް ފިލްމަށް އަދި ބަތަލާއިންތަކެއް ނަގާނެ އެވެ.
"އާނކޭ 2" ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި ކަށަވަރެއް ނުވެ އެވެ. މި ފިލްމުވެގެން ދާނީ އަމީތާބާ އެކު ސިދާތު ފިލްމެއްގެ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝޭރް ޝާހް" އާއި "މިޝަން މަޖުނޫ" އަފި "ތޭންކް ގޯޑް" ހިމެނެ އެވެ.
އެޕްރީލް 5، 2002 ގައި ރިލީޒްކުރި "އާނކޭ" އަކީ ބޮކްސް އޮފީހުގައި 8.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހެދީ 1.2 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy