ޚަބަރު / ކްރިމިނަލް ކޯޓް

ދަޢުވާ ލިބޭ މީހާގެ ނަފުސާނީ ހާލަތާ ހެދި ބޭރުކޮށްލި ޖިނާއީ މައްސަލައެއް އަލުން ބަލަން އަންގައިފި

ހައި ކޯޓް: ނަފްސާނީ ހާލަތާ ހެދި ބޭރުކޮށްލި ޖިނާއީ މައްސަލައެއް އަލުން ބަލަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު

ޖިނާއީ މައްސަލައެއްގައި ދަޢުވާ ލިބޭ މީހެއްގެ ނަފްސާނީ މައްސަަލަތަކެއް ހުރުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައި ވަނިކޮށް އެ މައްސަލަ ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ ދައުލަތުން ކުރި މީހެއްގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޫބަރު މަހު އެ މައްސަލަ ބޭރުކޮށްލީ އެއީ އެންޒައިޓީ އާއި ޑިޕްރެޝަން މަތީ މިންވަރަކަށް ހުރި މީހެއް ކަމަށް އޭނާގެ ނަފުސާނީ ހާލަތާ ބެހޭގޮތުން ހެދި ރިޕޯޓުގައި އޮތުމުންނެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން، ސިކުނޑީގެ ހާލަތު ހުރި ދައުވާގެ ބާވަތާއި މަގްސަދު ވިސްނައިގަތުމަށް ނުކުޅެދިގެންވާ ނަމަ ނުވަތަ ދިފާއުގައި ވާހަކަ ދެއްކުމުގެ ގާބިލްކަން ނެތް ނަމަ އެ މީހަކު ކުށްވެރިއެއް ނުވާނެ އެވެ. މިއީ އެފަދަ ދިފާއެއްގެ ދަށުން ބޭރުކޮށްލި މައްސަލައެއް ހައި ކޯޓުން ނިންމި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ޖިނާއީ ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބެލުމުގައި ރިއާޔަތް ކުރަންޖެހޭ ޓެސްޓުތައް ރާއްޖޭގައި ކަނޑައެޅިފައި ނެތަސް، އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ބެލުމުން އެއީ ދައުވާލިބޭ މީހާއަށް އޭނާގެ ވަކީލުންނަށް އިރުޝާދު ދިނުމުގެ ގާބިލްކަން ނެތުމާއި ހެއްކާއި ގަރީނާ އާއި ޝަރީއަތް ހިނގާ ގޮތް ފަހުމް ނުވުން ފަދަ ހާލަތްތައް ކަމަށެވެ. ކޮންމެ ނަފްސާނީ ހާލަތަކީ ޖިނާއީ ދައުވާއިން އެ މީހަކު ބަރީއަ ކުރެވޭނެ ހާލަތްތަކެއް ނޫން ކަމެއް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ މައްސަލާގެ ދައުވާލިބޭ މީހާގެ ނަފްސާނީ ހާލަތު ބަލަން ހެދި ޓެސްޓްގައި ހުރިހާ ސުވާލަކަށް އޭނާ ޖަވާބު ދީފައިވާ ކަމަށާއި ކުރާ ސުވާލުތައް ވިސްނައިގަތުމާއި ދެނެގަތުމުގައި އެވްރެޖްކޮށް ރަނގަޅަށް ހުރި ކަމަށް ޑޮކްޓަރު ބުނެފައިވާތީ ޖިނާއީ ދައުވާގެ ބާވަތާއި މަގްސަދު ދެނެގަތުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ހުރި ކަމަށް ބެލެވޭނެ އެވެ. އެހެންވެ، ޝަރީއަތް ހިނގަމުންދާ ގޮތާއި ހެއްކާއި ގަރީނާ އޭނާއަށް ފަހުމް ނުވާނެ ކަމަށް ބެލެވެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ނަފްސާނީ ހާލަތު ބެލުމުގައި އޭނާ އަމިއްލައަށް ނަތީޖާ ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އެ ޓެސްޓް ނަތީޖާއަށް އަސަރު ކުރާ ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަންކަމަށް ބަލާއިރު އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުއްޓަސް، ޖިނާއީ ދައުވާއެއް ލިބިގަތުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ނެތްކަން ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މީހާގެ މަންމަގެ ހާޒިރުގައި އެ މައްސަލަ ކުރިއަށް ގެންދިޔައިރު އޭނާ އަމިއްލައަށް ޖަވާބުދާރީވެ، ދައުވާއަށް އިންކާރު ކުރުމުގެ އިތުރުން މާލީ ތަނަވަސްކަން ނެތުމުން ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް އޭނާ އަމިއްލައަށް ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ދައުވާގެ ބާވަތާއި މަގްސަދާއި ޝަރީއަތުގައި ދިފާއުވުމަށް އޮތް ފުރުސަތު އޭނާއަށް އެނގޭތީ އެކަމަށް އިތުރު ބުރަދަނެއް ލިބޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އަންގާފައިވަނީ އެ މައްސަލަ މައުޟޫއީ ގޮތުން ކްރިމިނަލް ކޯޓުން އަލުން ބެލުމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަލަތު

19 January 2021

ނަފްސާނީ ބަލި ހުންނަ މީހުން މަސްތުވާތަކެތި އެތެރެކުރަން މޮޅީތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454