ލައިފްސްޓައިލް / ދިރާސާ

ދިރާސާތަކަށް މަކުނު ލިބުން ދަތިވެގެން ޓެކްސަސްގައި މަކުނު އާލާކުރަނީ

މެޑިކަލް ރިސާޗްތަކަށް އެމެރިކާގައި ރާމާމާކުނު އާލާކުރުމުގެ މަސައްކަތް ކުރަން ނިންމައިފި އެވެ.

މިކަން ކުރަނީ ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ޗައިނާ އިން އެމެރިކާ އަށް މަކުނު އެތެރެކުރަން ދިމާވެފައިވާ ހުރަސްތަކާ ގުޅިގެންނެވެ. މެޑިކަލް ރިސާޗްތަކަށް މަދުނުވާ ވަރަށް އެމެރިކާގައި މަކުނު އާލާކުރަން ނިންމައި އެކަމަށް ހާއްސަ ސެންޓަރެއް ހަދަން ވަނީ ނިންމައިފަ އެވެ.

އަމާޒަކީ މަލްޓި-މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ ދަށުން ޓެކްސަސް އަކީ މަނުކު އާލާކުރާ ހަބަކަށް ހެދުމެވެ. މިއީ އެމެރިކާގައި ރިސާޗްތައް ހަދާ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ އެންވިގޯ އިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްހޫރުއެކެވެ.

އެ ކުންފުނީގެ އޮފިޝަލަކު ދި އިންޑެޕެންޑެންޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަމާޒަކީ މަކުނު އާލާކުރަން މަސައްކަތް ފަށައިގަންނަ އިރު އަހަރަކު 10،000 މަކުނު އަދި ކުރިއަށް އޮތް ތަނުގައި އެވްރެޖްކޮށް އަހަރަކު 30،000 މަކުނު އުފަންކުރުން ކަމަށެވެ. އަދި މި މަކުނުތައް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ މިހާރު މުޅި ދުނިޔެ އަށް ފެތުރުފައި އޮތް ކޮވިޑް-19 އާއި ސާސް އާއި ޒިކާ ފަދަ ވައިރަސްތަކާ ގުޅޭ ދިރާސާތަކަށް ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތް ކުރިއަށް ގެންދަން އެންވިގޯ އަށް ބޭނުންވާ ރަސްމީ ހުއްދަ ހޯދަން ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި މަކުނު އާލާކުރަން ތަރައްގީކުރާ ސެންޓަރުގެ މަސައްކަތަށް ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި 500 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.

މަސައްކަތް ފަށައިގަންނަ އިރު އަހަރަކު 10،000 މަކުނު އާލާކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު ފުލް-ޕްރޮޑަކްޝަނަށް ދާން ފަސް އަހަރު ނަގާނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 170 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެންވިގޯ އިން ބުނެފައިވާ ގޮތުގައި މަސައްކަތް ފަށައިގަންނަ އިރު މަކުނު އާލާކުރާ ސެންޓަރުގައި މަދުވެގެން 160 ތަޖުރިބާކާރަކު މަސައްކަތްކުރާނެ އެވެ. އޭގެ ތެރޭގައި ސައިންޓިސްޓުންނާއި އެނިމަލް ޓެކްނީޝަނުން ފަދަ ފަންނީ މީހުން ހިމެނޭނެ އެވެ.

އެންވިގޯ އިން ބުނީ ޓެކްސަސް އަކީ މަކުނު އާލާކުރުމާ ހަބަކަށްވުމުގެ ނަތީޖާ އަކީ އެ ސްޓޭޓްގެ އިގުތިސާދަށް ވެސް ކުރިއެރުންތަކެއް ލިބުމެވެ.

އެންވިގޯގެ އޮފިޝަލުންތަކެއް.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެޑިކަލް ރިސާޗްތަކަށް 2018 ގައި އެމެރިކާ އަށް 39،000 މަކުނު އެތެރެކޮށްފައިވެ އެވެ. އޭގެ ތެރެއިން 28،484 މަކުނު އެތެރެކޮށްފައި ވަނީ ޗައިނާ އިންނެވެ. އަދި 6،124 މަކުނު ކެމްބޯޑިިއޯ އިން، 2،649 މަކުނު މޮރިޝަސް އިން އަދި 1،000 އަށް ވުރެ ގިނަ މަކުނު އެހެން ބައެއް ގައުމުތަކުން ވެސް އެތެރެކޮށްފައިވެ އެވެ.

ރާމާމަކުނަކީ މެޑިކަލް ރިސާޗްތަކަށް އެންމެ އާންމުކޮށް ބޭނުންކުރެވޭ ޖަނަވާރެވެ. މީގެ އިތުރުން މީދަލަކީ ވެސް ރިސާޗްކަށް ވަރަށް އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ.

ނަމަވެސް އެންވިގޯ އިން މެޑިކަލް ރިސާޗްތަކަށް މަކުނު އާލާކުރަން ނިންމުމާ ގުޅިގެން ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ އެކްޝަން ފޯ ޕްރައިމޭޓްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެތަނުން ބުނީ ޓެކްސަސްގައި ހަދަން އުޅޭ ބްރީޑިން-ސެންޓަރަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި މިއީ މަކުނުގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ވެސް ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454