"ޕްރޮޖެކްޓް ލޫން" ލޯންޗްކުރީ 2011 ގައި
23 ޖެނުއަރީ 2021 - 09:01
ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓުން މީގެ 10 ވަރަކަށް އަހަރު ކުރިން، އިންޓަނެޓް ނުލިބޭ އެކަހެރި ހިސާބުތަކަށް ހިދުމަތް ފޯރުކޮށްދޭން ފެށި "ޕްރޮޖެކްޓް ލޫން" ހުއްޓާލައިފި އެވެ.
ޖައްވުގެ ތެރެއަށް ބޮޑެތި ހީލިއަމް ބެލޫންތަކެއް ދޫކޮށްގެން ހިންގަން ފެށި ޕްރޮޖެކްޓް ހުއްޓާލަން ނިންމިކަން ބުރާސްފަތި ދުވަހު އަލްފަބެޓުން އިއުލާންކުރީ ފައިދާވާ ގޮތަށް ދެމަހެއްޓެނިވި ގޮތަކަށް މިކަން ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނާނެތީ އެވެ. އަނެއްކޮޅުން، ދޫކޮށްފައިވާ ބައެއް ބެލޫންތައް ވެއްޓޭ މައްސަލަ ވެސް މި ފަހުން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓަރު މަހުގެ ތެރޭގައި ރާއްޖެ އަށް ވެސް މީގެ ދެ ބެލޫންއެއް ވެއްޓިފައިވެ އެވެ.
Loon, we couldn’t be prouder of everything you’ve achieved. While we’re sorry to say goodbye, your legacy will keep inspiring us to audacious new heights — and your spirit of radical innovation will live on. https://t.co/tzYwaBRa9c
— Astro Teller (@astroteller) January 22, 2021
އަލްފަބެޓުން ބުނި ގޮތުގައި "ޕްރޮޖެކްޓް ލޫން" ފެށި އިރު އުންމީދުކުރެވުނާ ގޮތާ ހިލާފަށް މިއީ މާ ކާމިޔާބު ކަމެއް ނޫނެވެ.
"މީގެ ކޮމާޝަލް ވައިލިބިލިޓީ އަށް ބަލާ އިރު އެހާ ފައިދާވާނެ ކަމެއް ނޫން. އަނެއްކޮޅުން މީގެ ރިސްކް ވެސް ކުރިން ކުރިން ހީކުރި ވަރަށް ބޮޑު." ލޫން ޕްރޮޖެކްޓް ކުރިއަށް ގެންދާ އަލްފަބެޓްގެ ރިސާޗް ލެބް، އެކްސްގެ ހެޑް އެސްޓްރޯ ޓެލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "ލޫން ޕްރޮޖެކްޓް" މިހާރު ހަމަބިމަށް ތިރިކުރަން ނިންމާފައިވާތީ އޭގައި މަސައްކަތްކުރި މުވައްޒަފުންނަށް ކުންފުނިން ދެން ކުރިއަށްދާނެ އެހެން މަގެއް ކޮށައިދޭނެ އެވެ.
އަލްފަބެޓްގެ ސަބްސިޑަރީއެއްގެ ގޮތުގައި ލޫން ކުންފުނި އުފެއްދީ 2005 ގަ އެވެ. އަދި "ޕްރޮޖެކްޓް ލޫން" ލޯންޗްކުރީ 2011 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy