މުނިފޫހިފިލުވުން

"ދަ ކަޕިލް ޝަރުމާ ޝޯ" މެދުކަނޑާލަނީ

އެންމެ ފަހުން ޝޯ އަށް މެދުކެނޑުމެއް އައީ ކޮވިޑާ ހެދި މިދިޔަ އަހަރު

އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް މެދުކެނޑުމެއް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަހަރެއްހާ ދުވަހުގެ ހުއްޓުމަކަށް ފަހު 2018 ގެ ފަހުކޮޅު އަލުން ގެނެސްދޭން ފެށި ޝޯ އަށް މެދުކެނޑުމެއް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށާއި އެކަން ވަރަށް އަވަހަށް ސޮނީ އާއި ކަޕިލް ވެސް އިއުލާންކުރާނެ ކަމަށެވެ.

ކުޅަދާނަ ކޮމީޑިއަން ކަޕިލް ޝަރުމާގެ ނަމުގައި ގެނެސްދޭ ޝޯ އަށް މާ ދިގު ނޫން ބްރޭކެއް ގެންނަން ނިންމި ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19 ގެ ފަހުން ލައިވް އޯޑިއަންސާ ނުލައި ޝޯ ގެނެސްދޭން ޖެހުމާއި ސިނަމާތަކުގެ ވިޔަފާރި ވެސް ރަނގަޅުނުވާތީ ފިލްމުތަކުގެ ޕްރޮމޯޝަންތައް ވެސް މި ފަހުން މާ ބޮޑަކަށް ކުރިއަށް ނުގެންދިއުން ހިމެނެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަބަދު ވެސް ފާހަގަކުރެވެނީ މަޝްހޫރު ތަރިންގެ ފިލްމުތައް ޕްރޮމޯޓްކުރަން ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް ޑިޖިޓަލްކޮށް ޕްރިމިއާކުރި ބައެއް ފިލްމުތައް ވެސް ޝޯގައި ޕްރޮމޯޓްކޮށްފައިވެ އެވެ.

އަންނަ މަހުގެ ތެރޭގައި ޝޯ އަށް މެދުކެނޑުމެއް ގެންނަ ކަމަށް އަޑުއަރާފައި މި ވަނީ ދާދި ފަހުން ނެޓްފްލިކްސް އިން ކަޕިލްއާ އެކު ޝޯއެއް ގެނެސްދޭން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނިކޮށެވެ. އެކަމަކު އެ ޝޯއާ ބެހޭ އެެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ދަ ކަޕިލް ޝަރުމާ ޝޯ" އަށް ގެންނަ މެދުކެނޑުމަށް ފަހު ކުދިކުދި ބައެއް ބަދަލުތަކާ އެކު އަލުން ޝޯ ފަށާނީ އޭގެ ދެވަނަ ސީޒަންގެ ގޮތުގަ އެވެ. މި ޝޯގައި ކަޕިލްއާ އެކު ބައިވެރިވާ ފަންނާނުންގެ ތެރޭގައި ކުރުޝްނާ އަބީޝެކާއި ކިކޫ ޝްރަދާ އާއި ބާރްތީ ސިންގް އާއި ޗަންދަން ޕްރަކާޝް އަދި އަރްޗަނާ ޕްރާން ސިންގް ހިމެނެ އެވެ.

މިހާރު ގެނެސްދޭ ފޯމެޓަށް ކަޕިލްގެ ޝޯ އެންމެ ފުރަތަމަ ގެނެސްދިނީ 2013-2016 އަށް ކަލާޒް ޗެނެލުންނެވެ. އޭރު ޝޯގެ ނަމަކީ "ކޮމެޑީ ނައިޓްސް ވިތު" އެވެ. އެކަމަކު އެ ޗެނެލާއި ކަޕިލްއާ ޖެހުނު މައްސަލައެއްގައި ސޮނީން "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ނަމުގައި އެ ގެނެސްދޭން ފެށީ 2016 ގަ އެވެ.

ނަމަވެސް 2017 ގައި ކަޕިލް އަށް ދިމާވި ޑިޕްރެޝަނާއި ރަލަށް ދެވިހިފުން ފަދަ މައްސަލަތަކާ ހެދި ޝޯ ހުއްޓިފައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން 2018 ގެ މާޗްގައި ގައި "ފެމިލީ ޓައިމް ވިތު ކަޕިލް" ގެ ނަމުގައި ޝޯ ގެނެސްދޭން ފެށި އެވެ. އެކަމަކު އެ ޝޯގެ ފޯމެޓާ މެދު ބެލުންތެރިން ހިތްހަމަނުޖެހިގެން ޝޯގެ ޓީއާރްޕީ ވެއްޓުމުން އެޕްރީގައި ހުއްޓާލި އެވެ.

އޭގެ ފަހުން މިހާރު ގެނެސްދޭ ގޮތަށް އަލުން "ދަ ކަޕިލް ޝަރުމާ ޝޯ" ގެނެސްދެމުން އަންނަނީ 2018 ގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އަދި މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި އެކްޓަރު ސަލްމާން ޚާން ހިއްސާވެ އެވެ.

ދެހާސް އަށާރައިގައި ފެށި ފަހުން "ދަ ކަޕިލް ޝަރުމާ ޝޯ" އަށް އެންމެ ފަހުން މެދުކެނޑުމެއް އައީ މިދިޔަ އަހަރު ކޮވިޑް-19އާ ހެދި އެވެ. ލޮކްޑައުންއާ ގުޅިގެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، ޝޯ އަލުން ގެނެސްދޭން ފެށީ އޮގަސްޓް މަހުގެ 1 ގަ އެވެ.

މި ޝޯ އަކީ ސޮނީ ޓީވީން ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ގެނެސްދޭ ޝޯއެކެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454