އައްޑޫގެ މަންޒަރެއް. އައްޑޫގައި ކޮވިޑް 19 އަށް ބަޔަކު ޕޮޒިޓިވްވެ އެ ސިޓީ އޮތީ މޮނިޓަރިންއަށް ލާފައި.
08 ފެބުރުއަރީ 2021 - 13:01
އައްޑޫ ސިޓީ ގަން އެއާޕޯޓުގައި ބޭއްވި ވޯކްޝޮޕެއްގެ ބައިވެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައްޑޫން ބަލި ޖެހުނު މީހުންގެ އަދަދު 15 އަށް އަރާފައިވާއިރު މި ކްލަސްޓާ އިން ގދ. އަތޮޅުގެ ބައެއް ރަށްތަކުގައި ވެސް ބަލި ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
މި ވޯކްޝޮޕް ބޭއްވީ ގދ. ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރާ އެ އަތޮޅުގެ އެކި ރަށްތަކުގެ މީހުން ވެސް ބައިވެރިވެގެންނެވެ. ތިން ދުވަހަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ބައިވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އައްޑޫން ބައްޔަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ގދ. ތިނަދޫ އިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ރަށުގައި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނައިރު ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ގދ. އަތޮޅުގެ އެއްވެސް ރަށަކުން، ކޮވިޑުގެ އަލާމާތެއް ހުރި މީހަކު ފެނިއްޖެ ނަމަ އެކަން އަތޮޅު ހޮސްޕިޓަލަށް އަންގަން ވެސް މިހާރު އޮތީ އެދިފަ އެވެ.
ތިނަދު އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި ހޯނޑެއްދޫގެ ފަސް މީހަކު ވަނީ ކަރަންޓީންކޮށްފަ އެވެ. އިތުރު ބަޔަކު ތިބިތޯ ބަލައި ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކާޑެއްދޫ އެއާޕޯޓުން ވެސް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު "މިހާރު" އަށް ވިދާޅުވީ އެ ސިޓީގައި ބަލީގެ ދެ ކްލަސްޓާއެއް ފެނިފައިވާ ކަމަށެވެ. އެއީ، މާލެ އިން ދިޔަ އޭވިއޭޝަން ސެކިއުރިޓީގެ ދެ މުވައްޒަފަކު ބައިވެރިވެގެން ބޭއްވި ވޯކްޝޮޕް ކްލަސްޓާގެ އިތުރުން ހުޅުދޫމީދޫގައި ހުންނަ އެމްޓީސީސީގެ ސައިޓް ކްލަސްޓާ އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދެ މުވައްޒަފުން ވޯކްޝޮޕްގައި ބައިވެރިވާން ދިޔައީ ޕީސީއާރު ޓެސްޓް ނެގެޓިވްވުމުންނެވެ. އެހެންވެ ކަރަންޓީނެއް ނުވެ އެވެ.
އެމްޓީސީސީ ސައިޓުގައި ކަރަންޓީންގެ މުއްދަތު ނިންމި ދެ ބިދޭސީއަކު ޓެސްޓްކުރިއިރު ބައްޔަށް ޕޮޒިޓިވްވީ އެވެ. އޭރު އެތަނުގައި މަސައްކަތް ކުރާ އެހެން ބިދޭސީން ވަނީ އެ މީހުންނާ ބައްދަލުވެފަ އެވެ.
އެ ސައިޓުގައި މަސައްކަތްކުރާ 50 އަށް ވުރެން ގިނަ މީހުންގެ ތެރެއިން މިހާތަނަށް ވަނީ 25 މީހުން ޕޮޒިޓިވްވެފަ އެވެ. އެކަމަކު މި ކްލަސްޓާ އިން ބަލި ރަށު ތެރެއަށް ފެތުރުމުގެ ފުރުސަތެއް ނެތެވެ.
"ހުޅުދޫމީދޫގައި ސަވައިލެންސް ހެދިއިރު ޕޮޒިޓިވް އެއްވެސް ބަޔަކު ނެތް. އެހެންވެ އެތަން ރައްކާތެރި،" ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވި ގޮތުގައި ބަލި އަދިވެސް ފެތުރުމުގެ ފުރުސަތު އޮތީ މީހަކު ޕޮޒިޓިވްކަން މިދިޔަ ހޮނިހިރުދުވަހު އެނގުނު ކްލަސްޓާ އިންނެވެ. ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި 50 މީހުން މިހާތަނަށް ފާހަގަވެފައިވާ އިރު މި އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.
އެއާޕޯޓުގެ ވޯކްޝޮޕްގައި ބައިވެރިންތަކެއް ޕޮޒިޓިވްވި އިރު އެ މީހުން ވަނީ އާއިލާތަކާ ބައްދަލުވެފަ އެވެ. އެއް އާއިލާއަކުން ކުޑަ ކުއްޖަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެ މީހުން ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ވިޔަފާރި ގާޑިޔާތަކާއި ސަރުކާރުގެ އޮފީސްތަކަށް ވެސް ދިޔަ އެވެ.
"އެހެންވީމަ ކޮމިއުނިޓީ ސްޕްރެޑަކަށް ހިނގައިދާނެ ކަމަށް ބެލެވޭ،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ ރަށްތަކުގައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނަލެވެ.
ސޯބެ ވިދާޅުވީ ކޮވިޑަށް ޚާއްސަ އިތުރު ފެސިލިޓީއެއް މިހާރު އަންނަނީ ތައްޔާރުކުރަމުން ކަމަށެވެ.
ބަލި ފެތުރި އައްޑޫ ސިޓީ މޮނިޓަރިންގައި އޮތަސް ކައުންސިލުން ބުނިގޮތުގައި ހުރިހާ ރަށުގެ އާއްމު ހާލަތު ރަނގަޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 February 2021
ދައުލަތުގެ ހުރިހާ މުއްސަނދިކަމަކާއި ވަސީލަތް ޖަމާކޮށްފައިވާ ކ.އަތޮޅު މާލެއާއި 500 ވަރަކަށް ނޮޓިކަލް މޭލު ދުރުގައިއޮތް ރާއްޖޭގެ އެންމެ ބިންބޮޑު ދެވަނަ އާބާދީގެ ރައްޔިތުން "ގޭ ބަންދުގައި ބައިތިއްބައިގެން" މުޅި އައްޑޫސިޓީ ސުންނާފިތިކޮށްލަން ދިމާކޮށްގެން ކަމަކު ނުދާނެ. # އަދި އެފުރުސަތު ކައުންސިލުންނާއި ރައްޔިތުން ދީގެންވެސް ނުވާނެ. ވަޒީފާ ތަކަށާއި، މަހަށް، ދަނޑަށް ދިއުމަށާއިނއަދި ވިޔަފާރިތައް ހުޅުވަން ހުރަސް އަޅައި އިޤްތިސޯދު ހުއްޓުވައިގެން ނުވާނެ.
ކިޔާ
08 February 2021
ދޮގެއްނޫން
މުހައްމާ
08 February 2021
ކާޑެއްދޫ އެއާޕޯޓުން ވެސް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ ބުނާއިރު ކޮންގޮތަކުން ވަރުގަދަ ކުރީ؟ކަރަންޓިނުގައި އޮތް ރަށުން (ތިނަދޫ) މިހުންބަލާއައިސް އުޅޭނެ ގޮތަކަށް އުޅެންވީ.ބަލާނެ ބަޔަކު ނެތް.ރިސޯޓް ތަކުން އަންނަމީހުންވެސް އެތަންމިތާ
މުލޭ
08 February 2021
ޚާއްސަ ހުއްދަ ދެނީ ފުލުހުންނޯ! ފުލުހުންނޯ ޒިންމާ ނަގަންޖެހެނީ. އެޗްޕީއޭއާ ބެހޭ ކަމެއް ނޫނޯ!.
ޢިއްބާމް
08 February 2021
އެވްސެކް 2 މީހުން ދިޔައީ 72 ގަޑިއިރު ކުރިން ހަދާފައޮތް ޓެސްޓެއް ހިފަިގެން އެހެންވީމަ އެމީހުން ކޮވިޑް ޖެހުމުގެ ފުރުސަތުބޮޑު. ޢެދެމީހުން ކަރަންޓީނު ނުވެ ޓްރެއިނިންގ ނަގާދިނުމުން މިހާދިސާ މިދިމާވީ.
އޮނަރަބްލް އަފީފު ދީދީ
08 February 2021
ތިއީ "މާލޭ އެވިއޭޝަން ކްލަސްޓަރ" ނުވަތަ "މޯލްޑިވިއަން ކްލަސްޓަރ" ނޫންތޯ؟ ވައިރެސް އައްޑުއަށް އުފުލާފައިވަނީ މާލެއިން ދިޔަބަޔަކުކަން ޝައްކެތްނެތް މިންވަރަށްއިގޭ. # ކ.އަތޮޅު މާލެއިންފުރައިގެން ރާއްޖޭގެކުދިކުދި ހުރިހާ އެއަރޕޯޓްތަކަށް ޑައިރެކްޓް ދަތުރުކުރުމުގެބަދަލުގައި މާލެއިން ޑައިރެކްޓް ދަތުރުކުރާނީ ހަމައެކަނި ހަނިމާދުއާއި ގޭންއަށް ކަމުގައިހަދާ ގޭން އަދި ހަނިމާދޫގައި ކުޑަބޯޓެއްބާއްވާފަ މިހާލަތުގައި އެހެން އެއަރޕޯޓްތަކަށް މީހުންއުފުލުން ވީނޫންތޯ؟
ނުދައްކާ
08 February 2021
15 އެއް ނޫން. މިހާރު ގަން ކަލްސްޓާރ ގެ އަދަދަކީ 35
ްިބްރަދަރ1
08 February 2021
އެޗްޕީ އޭ މިކަމުން އިބްރަތެއް ލިބިގަންނަން ޖެހޭ. ޕީސީ އާރ ޓެސްޓް އަކީ 100% ގެރެންޓީ ޓެސްޓެއް ނޫންކަން އެގޭ އިރު ކޮމިޔުނިޓީ ސްޕްރެޑް އޮތް ތަނަކުން ބަޔަކު އައްޑުއަށް ފޮނުވީ ކޮންމެހެން ފޮނުވަން ނުޖެހޭ ދަތުރެއްގަ. ޙުރިހާ އެންމެން ކަރަންޓީނުވާން ޖެހޭ އިރު ޚާއްސަ ހުއްދަ ދީފަ ފޮނުވާމީހުން މީ ނުރައްކަލެއް ކަން ނުވިސްނޭ ތޯ؟ މިއޮތީ ޚާއްސަ ހުއްދައެއްގެ ދަށުން ދެކުނުގަ ކޮވިޑް ފަތުރާފަ. ދެން ކީއްކުރަން ކަރަންޓީނު ވާންވީ.
ވިސްނާލުނ
08 February 2021
ޚާއްސަ ހުއްދައެއްގެ ދަށުން ބަޔަކު ރަށަކަށް ފޮނުވަންޖެހޭނީ އެބަޔަކު އެވަގުތު އެރަށަށް ނުގޮސް ވާންނެތްނަމަ. ކޮންމެހެން ސެމިނަރ، ވާކްޝޮޕްތަކަކީ ފަހުންވެސް ބޭއްވިދާނެ ކަންކަން.