ޚިޔާލު

ތި ޖަހާ ޖޯކުތަކެއް ކޮރޯނާވައިރަސްއަކަށް ނޭނގޭ

ކޮވިޑްގެ ފުރަތަމަ ރާޅުގެ ކުރިން ސިއްހީ އެހީތެރިން ތަމްރީންތަކެއްގައި: ރާއްޖެއަށް މިހާރު ކުރިމަތިވެފައި ވަނީ ކުރިއަށް ވުރެ ބޮޑު ނުރައްކަލެއް --ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

14 ފެބުރުއަރީ 2021 - 15:12

23 comments

ސޯޝަލް މީޑިއާގެ ބައެއް ގްރޫޕްތަކާއި ވަކިވަކި މީހުން އެހެރަ ފޮނުވާލާ މެސެޖްތަކުން ބައެއް ދިވެހިން މި އުޅެނީ ހާދަ މަތީގައޭ ހިތަށްއަރާ ކިތައްމެ ފަހަރެއް، ކޮވިޑް-19ގެ ތެރޭގައި ފައިބައިގެން ހިނގައްޖެ އެވެ. ބައެއް މީހުންގެ ލަދު ހަމަ ކުޑައީ އެވެ. އަނެއް ބަޔަކީ، ކަމުގެ ހަގީގަތް ނޭނގި، ރަނގަޅު މައުލޫމާތު ނެތި، އަބަދުވެސް ކޮންމެވެސް ފާޑުކިއުންތަކެއްގައި ވަގުތު ހޭދަކުރާ މީހުންނެވެ.

އެންމެ ކުރުކޮށް ބުނަންޏާ ސޯޝަލް މީޑިއާގެ ވަސީލަތްތަކާ އެކު ކޮންމެ މީހަކީ ވެސް "ތަޖުރިބާކާރެކެ"ވެ. މައުލޫމާތު ނުހޯދައި، އަދި ލިބެން ހުރި މައުލޫމާތުތަކަށް ރަނގަޅަށް ވިސްނާލުމެއް ނެތި، ބޮޑެތި އަދި ނާޒުކު މައްސަލަތަކާ ގުޅުވައިގެން، ދާއިރާގެ ތަޖުރިބާކާރުންގެ އަގު ވައްޓާލުމަކީ، އެ ބައިގަނޑަށް، ވަރަށް ފަސޭހަ ކަމެކެވެ. ދެ ވަނަ ވިސްނުމަކަށް ދާނެ ސިކުނޑިއެއް ވެސް ނުހުރެ އެވެ. އެހެންކަމުން ތިމާގެ ހިތް އެދޭ ކަހަލަ މެސެޖެއް ސޯޝަލް މީޑިއާއިން ހަމަ ފެންނަ އިރަށް، އެޔަށް ތާއީދުކޮށް، އެ ފަތުރާލަ އެވެ.

ދެރަ އެވެ. ހަމަ ވަރަށް ދެރަ އެވެ.

އަހަރެމެން މި އުޅެނީ ކޮން ކަހަލަ ހާލަތެއްގައިތޯ، ފުރަތަމަ ސުވާލުކޮށްލަމާ ހިނގާށެވެ. އާއެނކެވެ. މި ހާލަތެއް އަހަރެމެންގެ މައިންބަފައިންނަކަށް ދިމައެއް ނުވެ އެވެ. މުޅި ދުނިޔެ ހުއްޓި، ގައުމު ހުއްޓި، އެތައް ބައެއްގެ މަސައްކަތް ހުއްޓި، ދިރިއުޅުން ވެސް ހުއްޓިފަ އެވެ. އެކަމަކު ރާއްޖެ ބަނޑަށް ޖެހި، މަގޫ ފަތް ކާން ޖެހުނު ޖީލު ތަޖުރިބާކުރި ފަދަ ވޭނާއި ކެކުޅުމާއި ހިތްދަތިކަން، ދެ ކަމަކާ ހުރެ، އަހަރެމެންގެ މި ޖީލަށް އަދި ކުރިމައްޗެއް ނުވެ އެވެ. ހަމްދާއި ޝުކުރެވެ. އެއް ކަމަކީ މި ޒަމާނުގެ ޓެކްނޮލޮޖީ އެވެ. އަނެއް ކަމަކީ އިލްމީ ގޮތުން އިންސާނުން ހޯދި ކުރިއެރުމާ އެކު، މި ކަހަލަ ބަލިމަޑުކަމަކަށް ބޭނުންވާ ހައްލު ހޯދުމުގެ ސްޕީޑް، ސިއްހީ ފަރުވާގެ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް އަވަސްވުމެވެ.

ޓެކްނޮލޮޖީ ކުރިއަށް ގޮސް އޮތުމުން ގޭގައި ތިބެގެން ހުރިހާ ކަމެއްހެން ގާތްގަނޑަކަށް ކުރެވެ އެވެ. އެންމެ ކުޑަވެގެން ޑޮކްޓަރަށް ވެސް އެބަ ދެއްކެ އެވެ. އޮފީހުގެ މަސައްކަތް ކުރިއަށް ގެންދެވެ އެވެ. ވިޔަފާރިކޮށް، ފައިސާގެ މުއާމަލާތްތަކަށް ފަސޭހަ އެވެ. ސްކޫލަށް ދަަރިފުޅު ނުފޮނުވައި، ގޭގައި ފިލާވަޅު ނަގައިދެވެ އެވެ (ކިޔެވުން މުޅިން ހުއްޓުމަށް ވުރެ ކޮންމެވެސް ގޮތަކަށް އެކަން ކުރިއަށް ގެންދެވޭނެ ފުރުސަތު ލިބުން އޭގެ ޒާތުގައި ފައިދާ އެވެ).

ބައްޔެއް ނުފެތުރި އެކަމަކު ދުނިޔޭގެ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހިން ހޭދަކުރީ ބަނޑުހައިހޫނުކަމުގެ ތަދެވެ. ހިޔާލަށް ގެންނާށެވެ. ރުކެއް، މޭވާ ނުވަތަ ފަލަމަޑީގެ ބާވަތެއް އަޅާ ގަހެއް، ވަލެއް، ސަލާމަތުން އޭގެ ގޮތުގައި ހެދި، ތާޒާކޮށް ހުރިޔަނަ/އޮތަކަ ނުދިނެވެ. ކިރިޔާ ވެސް ކެވޭ އެއްޗެއް ވިއްޔާ ކައި ހުސްކުރީ އެވެ. އެ އަނިޔާވެރި ވޭން، ޝަކުވާ އާއި ހިމޭންކަމުގައި ނަމަވެސް، އަހަރެމެންގެ ކާބަފައިން ތަޖުރިބާކުރި އެވެ. އެއްބަޔަކު އެ ނިކަމެތިކަމުގައި، އެއްވެެސް އެހީތެރިކަމެއް ނުލިބި، ނެތިފަނާވެ ދިޔައީ އެވެ.

އެކަމަކު އޭރާ ނުބަައްދަލު ބަލިމަޑުކަމެއްގައި އަހަރެމެންގެ ޒަމާނީ ޖީލު ހޭދަކުރަން ޖެހުނު އިރު، އެފަދަ ދައްޗެއް، އެ ނިސްބަތުން ކައިރި ކުރާ ވަރަށް ވެސް ކުރިމަތިނުވީ ކަންކަމުގެ ހައްލު ވެސް އޮތުމުންނެވެ. ސަރުކާރުން އެތައް ހާސް ބަޔަކަށް މާލީ އެހީތެރިކަން ދިނެވެ. ސަރުކާރު ދަރައިގެން ވިޔަސް، އެތައް ހާސް މުވައްޒަފުންނަކަށް މުސާރަ ފޯރުކޮށްދިނެވެ. ސިއްހީ ފަރުވާ ދެމެހެއްޓި އެވެ. އެންމެ އަސާސީ ވަސީލަތްތައް ހުސްވިޔަނުދީ ހިފެހެއްޓި އެވެ.

ބަލިމަޑުކަން ކޮންޓްރޯލްކުރަން، ސިއްހީ އެހީތެރިންނާއި ސިފައިންނާއި ފުލުހުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ އެތައް ސަތޭކަ ބަޔަކު، މަސައްކަތް ކުރަަމުން އެ ގެންދަނީ، ގައުމީ ޒިންމާއެއް ކަމަށް ނަގައިގެންނެވެ.

އެކަމަކު ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅެއް އަޅާ އިރަށް މަލާމާތާއި ފުރައްސާރަ އެވެ. ދުއްވާ އެއްޗެހި ވަކި ގަޑިއެއްގައި ދުއްވުން މަނާކުރާ އިރަށް، "ކޮވިޑް ޖައްސަނީ އުޅަނދުފަހަރުންހޭ"، ބުނެ ކުރާ ސުވާލުތަކެވެ. އާއެނކެވެ. ޖޯކެއްގެ ގޮތުގައި ނަގާ ނަމަ އެންމެ ރަނގަޅެވެ. ނަމަވެސް ކިތައްމެ ޒަމާނީ ބަޔަކަށް ވެގެން އުޅުނަސް، ސޯޝަލް މީޑިއާގެ ގްރޫޕްތަކުން ގިނައިން ފެންނަނީ، އެ ޖޯކްތައް ގަބޫލުކުރާ ތަނެވެ. އެއްޗެހި ދުއްވުން މަނާކުރުމުން، މީހުން އެއް ތަނުން އަނެއް ތަނަށް ދާން ހުރަސް އެޅޭކަމާއި އޭގެ ސަބަބުން ދޭދޭ މީހުންގެ ބައްދަލުވުންތައް މަދުކުރެވޭނެކަން، ހިތަކަށްނާރަ އެވެ.

ކޮވިޑާ ދެކޮޅަށް ސަރުކާރުން އެކުލަވާލާފައިވާ ސިއްހީ ޓީމުގައި އެތިބީ، ރާއްޖޭގެ ތަޖުރިބާކާރުންނެވެ. އެއީ ތަނެއްދޮރެއް ނޭނގޭ ބައެއް ނޫނެވެ. ބަލިމަޑުކަމުގެ ދާއިރާ އިން ކިޔަވައިގެން ތިބި އަދި ބަލިމަޑުކަމެއްގައި އާންމުންގެ އާދަތައް ހުންނަ ގޮތުން އެ ބައްޔެއް ފެތުރިދާނެ މޮޑެލްތައް ވެސް ހަދަން އެނގޭ މީހުންނެވެ. ދާއިރާގެ އިލްމުވެރިންނެވެ. އާންމު ރައްޔިތުން ސަލާމަތްކުރުމުގެ މަގުސަދުގައި ވަކި ފިޔަވަޅުތަކެއް އަޅަން އެމީހުން ނިންމާނީ ޖެއްސުމެއް ކުރަން ކަމަށް، ހިތަށްއެރުމަކީ ވެސް އަހަރެމެންގެ މައްސަލައެކެވެ. އާންމުންނަށް ޖެއްސުމެއް ކޮށްގެން އެ މީހުންނަށް ނުވަތަ ސަރުކާރަށް ލިބެން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް އެންމެ ވޯޓެއް ވެސް އިތުރުވާނެ ހެއްޔެވެ؟ ނޫނެކެވެ. އެހެން ކަމަށް ވާ ނަމަ، އަހަރެމެންގެ ހަރަކާތްތައް މިހާރަށް ވުރެ، ނުވަތަ ކުރިއަށް ވުރެ، ކޮންޓްރޯލްކުރުމުގެ މަގުސަދުގައި އަޅާ ކޮންމެ ފިޔަވަޅަކީ، "ޖޯކަކަށް" ހަދައިގެން މި ބަލިމަޑުކަމުން ސަލާމަތެއް ނެތެވެ.

ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 200 އަށް ވުރެ މައްޗަށް ޖެހިލައިފި އެވެ. މާލެ ސަރަހައްދު ލޮކްޑައުންގައި އޮތް ދުވަސްވަރާ އަރާ ހަމަކުރީ އެވެ. އެކަމަކު ބަލި ބޮޑުވާ މީހުން ކުރިއަށް ވުރެ ގިނަވެއްޖެ އެވެ. ފުރަތަމަ ރާޅުގައި އެޑްމިޓްކުރަން ނުޖެހޭ ފަދަ ޒުވާން އުމުރުގެ މީހުން ވެސް މިހާރު އެޑްމިޓްކުރަނީ އެވެ. "މިއީ މިހާތަނަށް އަހަރެމެން ތަޖުރިބާކުރާ ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅު" ކަމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު، މީގެ ދެ ދުވަސް ކުރިން ވިދާޅުވީ، އެ ހުރިހާ ސަބަބަކަށް ނިސްބަތްކުރައްވާ ކަމަށް، ގަބޫލުކުރެވެ އެވެ.

އެ ނުރައްކާ މި އޮތީ ކުރިމަތީގަ އެވެ. އާބާދީގެ ނިސްބަތުން ވަކި މިންވަރަކަށް ވެކްސިން ޖަހައިގެން ނޫނީ ކުއްލި ތިރިވުމެއް، އާންމުން ބަސްއަހައި، ކިޔަމަންތެރިވުން ބޮޑުކޮށްގެން ނޫން ގޮތަކަށް، ނާންނާނެ އެވެ. ސައިންސް ބުނެދެނީ އެ ފިލާވަޅެވެ. އަހަރެމެން ގެންގުޅޭ މޮބައިލް ފޯނުތަކާއި ޒަމާނީ އާލާތްތައް އީޖާދުކުރި ފަދަ އިލްމީ ސިކުނޑިތަކަށް ފެންނަނީ އެ ހަގީގަތްތަކެވެ. ރާއްޖޭގައި ވެސް އަޅަމުން އަންނަނީ އެ އިލްމުވެރިން ބުނެދޭ ތަފާތު ފިޔަވަޅުތަކެވެ.

މާލެ ލޮކްޑައުންއަށް ދިއުމުގެ ކުރިން އެޅި ފިޔަވަޅުތަކުގައި މަގުތައް ހުސްކޮށް: ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ، މިކަމުން އަރައެއް ނުގަނެވޭނެ -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ނިއު ޒީލެންޑަކީ ދުނިޔޭގެ އެންމެ ތަރައްގީ އެއް ގައުމުކަން، ދިވެހިންނަށް އެނގޭނެ އެވެ. ދާން ބޭނުން ހުވަފެނީ މަންޒިލަކީ ކޮބައިތޯ ސުވާލެއް ކޮށްފި ނަމަ "ނިއު ޒީލެންޑޭ، ނިއު ޒީލެންޑޭ' ބުނެލާ ދިވެހިން ވެސް، ނިސްބަތުން ހަމަ ގިނަ އެވެ. މިއަދު އެ ލޮކްޑައުންކުރީ އެ ގައުމުގެ އެންމެ ބޮޑު ސިޓީ އޯކްލެންޑެވެ. ކޮވިޑަށް ކިތައް މީހުން ޕޮޒިޓިވް ވެގެން ހެއްޔެވެ؟ އެންމެ ތިން މީހުންނެވެ. "ތިނެކޭ" މި ބުނީ މި ލިޔުންތެރިޔާއަށް ޖެހުނު ލިއުމުގެ ކުށަކުންނެއް ނޫނެވެ. ހަމަ އެންމެ ތިން ކޭސް އެވެ. އެކަމަކު 1.7 މިލިއަން މީހުންގެ އާބާދީއެއް އޮތް ސިޓީ ތިން ދުވަހަށް، ދިވެހި ގިނަ ޒުވާނުންގެ ބަހުރުވަރިން ނަމަ، "ލޮކްޑައުން އެ އަރުވާލީ" އާންމުންނަށް ދިމާވާނެ ދަތިތަކަށް ފިކުރުކުރުމަށް ވުރެ، ބަލި ފެތުރުން ހުއްޓުވަން ހުރިހާ ވިސްނުމެއް ދޫކޮށްލައިގެންނެވެ. ބޮޑުވަޒީރު ޖަސިންޑާ އާޑާންގެ ބަހުން ނަމަ އެ ކޭސްތައް ފެނުމާ އެކު ގައުމު ފިޔަވަޅު މި އަޅަނީ "ވަރުގަދައަށް، އަވަހަށެ"ވެ.

އަހަރެމެންގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޓީވީއަށް އަރުއްވައި، އާ ލޮކްޑައުންނެއް އިއުލާންކުރައްވައިފި ނަމަ ގިނަ ދިވެހިން ބުނާނީ ކީކޭ ހެއްޔެވެ؟

"އެ އުޅެނީ މޮޔަވެގެން، އަހަރެމެންނަށް ޖެއްސުންކުރާށެވެ."

އާއެނކެވެ. ބަލި ކޮންޓްރޯލްކުރުމުގައި ސަރުކާރަށް ވެސް ގޯސްތަކެއް ހެދިފައި އެބަ ހުއްޓެވެ. މިސާލަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާ އަވަސް، މާ ބޮޑު، ލުއިތަކެއް ދިނުމެވެ. ކޮވިޑާ ގުޅޭ ދައުލަތުގެ މުއާމަލާތްތަކުގައި ހިޔާނާތުގެ ކަންކަން ހިނގައިފި އެވެ. ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އެމީހުންނާ ގުޅިފައި ތިބި އެތައް ބަޔަކު ނަގައި އަދި ނަގަމުން ވެސް ގެންދެ އެވެ. އެކަމަކު ކޮވިޑްގެ ކޭސްތައް ގިނަވުމާ އެކު އަނެއްކާވެސް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު ނާޅައި، އެއްވެސް ސަރުކާރަކަށް ނޯވެވޭނެ އެވެ.

އެ ފިޔަވަޅުތަކަށް އަހަރެމެން، ރައްޔިތުން، ޖޯކް ޖަހައިގެން ހޯދޭނެ ހައްލެއް ނެތެވެ. ސޯޝަލް މީޑިއާގައި ތިމާއަށް ފެންނަ އެތިވަރުތަކެއް ގޮވާލެވިދާނެ އެވެ. ދެ ވަނަ ވިސްނުމަކަށް ނުގޮސް އެ ގަބޫލުކުރާ ބަޔަކު، އެ ޖޯކްތައް ތަކުރާރު ވެސް ކޮށްފާނެ އެވެ. އެކަމަކު ކޮރޯނާވައިރަސްއަކަށް ޖޯކެއް، އެހެން އެއްޗެއް ވަކިކުރާކަށް ނޭނގެ އެވެ. އެއަށް ހަމައެކަނި އެނގެނީ އަހަރެމެންގެ ފުއްޕާމެއަށް ހަމަލާދޭށެވެ. އަހަރެމެންގެ ސެލްތައް، އޭގެ އަޅަކަށް ހަދައި، އެތައް މިލިއަނަކުން ގިނަކުރާށެވެ. ދިފާއީ ނިޒާމަށް ނުކުޅަދާނަ ވަރަށް އެ ވައިރަސްތައް ގިނަވެއްޖެ ނަމަ، ފުއްޕާމޭ ފުނޑެ އެވެ. ފެން އުފައްދާލަ އެވެ. ދަވަތަކުން ވައި ހޮޅިތައް ބައްދާލަ އެވެ. ހަށިގަނޑަށް އޮކްސިޖަން ނުލިބި، ހުއްޓުން އަރަ އެވެ.

އެޑްމިޓްކޮށް ފަރުވާދިނުން ނޫން ހައްލެއް ނެތެވެ. އެކަމަކު މިހާރު ރާއްޖޭގެ ހާލަތު މި އޮތީ އެނދުތައް ހުސްވާ ހިސާބުގަ އެވެ. އެހެންކަމުން ޖޯކަކުން ފުއްދާލައިގެން ތިބެވޭ ވަރަށް ވުރެ މި އުޅޭ ކޮވިޑް-19 މާ ބޮޑަށް ވެސް ނުރައްކަލެވެ.

23 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 14%
icon angry icon angry 30%
icon wow icon wow 3%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޅާލާ

15 February 2021

ނިއުޒީލެންޑްގެ ވާހަކަ ދެއްކީމަ އަމުދުން ފެންނަނީ މިގައުމުގަ ކަންކަން ކޮންޓްރޯލްކުރަން ތިބި މީހުންގެ ނާގާބިލްކަން ނޫނީ ސިޔާސީ މީހުންނާ އެހެން މީހުން ކިޔާނެ އެއްޗަކާ ހެދި ފިތިފަ ނުކެރިފަ ތިބެގެން މުޅި ގައުމުގެ ރައްޔިތުންގެ ސިއްހަތު ނުރައްކަލަށް ހުށަހަޅާތަން. ފަތުރުވެރިންނަށް ހުޅުވާލާފަ އޮންނަ ގައުމެއްގައި އެލާޓްވާންޖެހޭ ވަރަށް އެލާޓެއްނުވޭ. ބަލި ފެތުރެންދެން ތިބެނީ ކަންކަން ދޫކޮށްލައިގެން. މީހުން ކިޔާފާނެ އެއްޗަކަށް ހަމައެކަނި ސަމާލުކަންދެނީ.

The name is already taken The name is available. Register?

މަގްސަދު

15 February 2021

ޖޯކްޖަހައިގެންވެސް ކަންކަން ރަގަޅުވެއްޖިއްޔާ ނިމުނީނު. ތިޔަ ބުނާ އެކްސްޕާޓުންނަށް ރާޅު އައުމުގެ ކުރިން ރާޅު އަތުވެދާނެ ކަންކަން ބަލާ ހޯދަން އެނގުނުތަ. ރާޅު އައިމަ ރާޅެއް އައިކަން ބުނެލުމަކީ ކޮންމެ މީހަކަށްވެސް ވާނެކަމެއް. 100އަށް އެރީމަ ކޮންމެވެސް ނުބައެއް އެބަ އުޅޭކަން އާއްމު މީހާއަށް އެނގޭ. އެކަމު ފިޔަވަޅުތައް ބަދަލުކުރަންވީ މީހުން ތިބީ ހަމަ އަޅާނުލާ ވާ އެއްޗެއް ބަލަން. ބަޔަކު ކިޔާނެ އެއްޗެއް ނުބަލާ ފިޔަވަޅުތައް އެޅެންޖެހޭ އިޚްލާސްތެރިނަމަ.

The name is already taken The name is available. Register?

ރޯނު އެދުރުގ

06 May 2021

ބަޔަކު ކިޔާ އެއްޗެކޭ ބަލަ އިއްޒަތްތެރ މަޖުލީހޭ އެމީހުން ދަމާ ކޫއްތަނީ. އެތަނުގައި ތިބީ ހަމަ ގަމާރުން. އެންމެ އަޑަށް ބާރު ލާފަ ވާހަކަ ދައްކާ މީހުން ވިސްނާލީމާ އިނގޭނެ މިމީހުންގެ ފެންވަރު. ވައިރޮލޮޖިސްޓުންނަށް ވުރެ މޮޅު އެމީހުން. އިކޮނޮމިސްޓުންނަށް ވުރެ މޮޅު. ހެލްތު އޮފިޝަލުންނަށް ވުރެ މޮޅު. އެކަމަކު އެތަނަށް ވަނުމުގެ ކުރިން ހައްދަވައިގެން އަމިއްލަ އަށް މީންދާއިރާއަކުން ކުރިކަމެއް ކިޔެވި އެއްޗެއް ނެތް ހުސް ރޯނު އެދުރުންތަކެއް މިކަން ހަލާކު ކުރީ

The name is already taken The name is available. Register?

ޠުތަ ރާޒީ

15 February 2021

މި ކޮތަރު ކޮށިން ގޮޅިއެއް ލިބިއްޖިއްޔާ ހާދަވަރެއް ހުރެޔޭ. ޖޯކްޖަހަނީ ބަލީގެ ހާލަތު ނޭގޭތީ އެއް ނޫނެވެ. ޖޯކްޖަހާވަރުވީމަ އެވެ. ފުރަތަމަ ރާއްޖެއަށް ބަލި އެތެރެވީގޮތާއި، ފެތުރުނުގޮތާއި، ރާއްޖޭގެ ހެލްތް ޕްރޮފެޝަނަލްގެ އާދޭހުގެ އަޑާއި، ދާދިފަހުން މާލެފިޔަވައި ރާއްޖޭގެ އެންމެ ބޮޑުއާބާދީއަށް ބަލި ދިޔަގޮތް، މޫސަ ބަލާލިންހެއްޔެވެ؟ މިއިންއެއްވެސް ކަމެއްގެ ޒިއްމާނެގީ ކާކު، ކޮން މުއައްސަސާއެއްތޯ؟ ރައްޔިތުން ޖޯކް ޖަހަނީ ދެން ހަދާނެ އެެއްގޮތެއްވެސްނެތީމައެވެ.

The name is already taken The name is available. Register?

ބާޒީ

15 February 2021

ދުނިޔޭގެ އެއްވެސް ގައުމަކަށް، ނުވަތަ ސިޓީ އަކަށް ބަލި ފެތުރުނީ ކާކުގެ ފާރާތުންކަމެއް އަދި މިވީހާތަނަށް ހޯދިފައެއް ނެތް. ރާއްޖެއަށްވެސް ހަމަ އޮތީ އެގޮތް. ރާއްޖޭގެ ރަށްރަށަށް ވެސް އޮތީ ހަމަ އެގޮތް. އެތަންނަތަށް ބަލި ފެތުރުނީ ސީދާ ކާކުގެ ފަރާތުންތޯ ހޯދުން އެއީ ނުވާނެ ކަމެއް. އެންމެ ފުރަތަމަ ޕޮސިޓިވްވި މީހާ އަކީ އެންމެ ފުރަތަމަ ބަލި ޖެހުނު މީހާ ނުވަތަ ބަލި ފެތުރުނު ސަބަބު ކަމަށް ބަލައިގެން ނުވާނެ.

The name is already taken The name is available. Register?

ޑެބީ

15 February 2021

ބަލަ އަހަރެމެން ޖޯކު މިޖަހަނީ ކޮރޯނާ ވައިރަހަކަށް ނޫނޭ. ނާގާބިލު އެޗްޕީއޭ އަށާ މިދޯދިޔާ ސަރުކާރަށް.

The name is already taken The name is available. Register?

ބަޑީ

15 February 2021

މޫސާ ލަތީފުވާ ރުޅިމަޑު!! މިފެންވަރު މީހުނާ ވާހަކަ ދެއްކޭނީ ތިކަހަލަ ބަހުރުވައަކުން!! ބަލަ، ކިހާ ރީއްޗަށް ހަޤީޤަތްތައް ލިޔަދީފަ އެއޮތީ އެކަމުވެސް އަދިވެސް އެޗްޕީއޭ ސަރުކާރޭ ކިޔާގެން ގޮވަލިފަތި ގޮވަނީ. ބަލަ، ދަރައިގެން ވިޔަސް "ސިވިލްސާރވިސް" އެންމެނަށް އެންމެ ލާރިޔެއް ނުކަޑާ މުސާރަދީފި، މިހެންގޮސް ލިޔާނެ ބައިވަރު އެކަމު "ބީރު، ކަނު، ޤަމާރު.." ވީމަ ދެން ލިޔުނަކަސް ކީއްކުރާނީ.

The name is already taken The name is available. Register?

ޑެބީ

15 February 2021

ވާނުވާ ނޭގޭ ސިވިލް ސާވިސް މީހެއްދޯ. ހެހެހެ. ކަލޭމެނަށް ރަނގަޅުވާނީވެސް ދެތިން އަހަރަށް ލޮކްޑައުން ކުރީމަ. މަސައްކަތެއް ނުކޮށް މުސާރަ ލިބޭނެތާ.

The name is already taken The name is available. Register?

މަހުދީ

15 February 2021

މޫސަގެ ވިސްނުންވެސް ނޭފަތު ކުރިއަށްވުރެ ދުރަށް ޖައްސާލަބަލަ. އޭރުން މޫސަ އަށްވެސް އެނގޭނެ މި ވާނުވާ. ހަވީރުު 6ގެ ފަހުން ދުއްވާއެއްޗެހި ދުއްވުން މަނާ ކުރީމާ ކޮވިޑް ފެތުރުމަށް އިތުރުމަގެއް ހުޅުވިގެން އެބަދޭ. 6ގެ ކުރިން ބޭނުންވާ ހުރިހާ އެއްޗެއް ގަންނަން މީހުންތައް ނުކުތުމުން މަގުތައް ފުރި ބާރުވެގެން ދުއްވާނުލެވި ތޮއްޖެހޭ. ފިހާރަތަކަށް މީހުންތައް ވަދެ ގުޑާނުލެވެވޭ ވަރަށް ތޮއްޖެހޭ. މާރުކޭޓްތަކުގައި ފުރިބާރުވެ އަތަކަށް ޖެހިނުލެވެވޭ ވަރަށް ތޮއްޖެހޭ. މިގޮތްގޮތަށް ތޮއްޖެހި އެކަކު އަނެކަކު ގައިގާ ކޭއްތި އެކަކުގެ ނޭވާ އަނެކަކުގެ ގަޔަށް އެލުމަކީ ކޮވިޑް ފެތުރެއް ދިމާވެދާނެ ސަބަބުތަކެއްކަން ސަރުކާރު ހިންގަންތިބި މޮޔަކުދިންކޮޅަށް ނުވިސްނުނަސް މޫސަމެން ފަދަ ޒިންމާދާރު މިނިވަން ނޫސްވެރިންނަށް ނުވިސްނުނީތީ މާ ދެރަ.

The name is already taken The name is available. Register?

އަދިކޮބާ

15 February 2021

އޭގެ އިތުރުން އެއްބަޔަކަށް ހީވާފަދަ ވެހިކަލް ނެތުނީމަ ދެން ދުވަން ނޫނީ ކަސްރަތަށް ނޫނީ ހަމަ ހިނގާލަން ނިކުންނަންވީއޭ. ނުވިތާކަށް ގޯޅިކަނަށް ނިކުމެ އަނގަތަޅާލަން ތިބެންވީއޭ. އެގޮތުން ނިކުންނަ މީހުންވެސް އެހާ ގިނަ. ވެހިކަލް ދުއްވުން މަނާކުރުމުން އެހާ މީހުން ގިނަވޭ އެބަ އެހެން ގޮތަކުން.

The name is already taken The name is available. Register?

އިހޫ

15 February 2021

އަހަންނަކަށް ނުވެސް އިނގޭ ތިބުނާ ގަޑީގަ ފިހާރަތަކާއި ބާޒާރު ތޮއްޖެހޭ ކަމެއް.. އެއީ އެގަޑީގަ މީހުން ގިނަވާނެތީ މިހާރު ބޭރަށް ނުނިކުންނާތީ. އޮފީހުން ނިންމާފަ ގެއަށް ދަމުން ބާޒާރުކޮށްލައިގެން ދަނީ. އެއީ އެކިޔާ ފަރުދީ ޒިންމާއަކީ. އަދި އަމިއްލަ ރައްކަލަށާއި އާއިލާއަށް ވިސްނައިގެން އުޅުމަކީ. ރެސްޕޮންސިބަލް ސިޓިޒަންޝިޕްއަކީ އަހަރުމެން ދިވެހީންވެސް މިހާރު ހޭނެއް ވެއްޖެ މަފްހޫމެއް.. އެހެން މީހުން ކުރާ ކަންކަމަށް އެއްޗެހި ގޮވުމުގެކުރިން ނަފްސު އިސްލާހުކުރޭ

The name is already taken The name is available. Register?

މަހުރީނު

15 February 2021

ބަލަ މިހިރަ މަހުދީ. ކަލޭ ނޭފަތު ހޮރުން ނެރުނު ވިސްނުމެއްތަ ތީ؟ ބަލަ ވަކި ގަޑިއެއްގަ ނުކުތުން މަނާ ކުރީމަ އެބުނީ ދެން އޮތްގަޑިތަކުގަ ހޭވައްޓާލާފަ ބޭރުގަ އުޅޭށެކޭނޫނޭ. މަށަށް ޔަގީން. މި މަހުދީއަކީ ދަތްދޮޅީގަ މާސްކު އަޅާ ބުރާންޗެއްކަން.

The name is already taken The name is available. Register?

ތުނިޔަ

14 February 2021

މޫސައަކީ ވަރަށް މޮޅު ލިޔުންތެރިއެކެވެ..އެހެންނަމަވެސް ކޮވިޑް މިގައުމުގައި މިހިސާބަށް ދިޔައީ ހަމަ ސީދާ ދައުލަތުގެ އިހުމާލުންނޭ ބުނާކަށް ލަދެއް ފަހެއްނެތެވެ. ކަމާބެހޭ ފަރާތްތުގެ ގޮތްކުޑަކަމާއި ކިބުރުވެރިކަމުން އެކިމީހުންނަށް އެކި އުސޫލު ހެދިޔަސް ކޮވިޑަށް އެއުސޫލުތަށް ވަކިކުރަންވެސް ނޭނގުނީތާއެވެ.

The name is already taken The name is available. Register?

ށަވިޔަނި

14 February 2021

މޫސާ ލަޠީފު ތިކުރި ހިތްވަރަށް އައްސަރިބަހާއި ސާބަހެވެ. ހަމަ ތެދެކެވެ. މިއަދު ހަވީރު ހިނގަން ނިކުމެ އުޅެނިކޮށް ފެނުނު ބަޔަކު ވެސް ޖެހީ ޖޯކެވެ.

The name is already taken The name is available. Register?

ކޮޔާ

14 February 2021

ޢެއްބަޔަކު މިލިޔަނުން ފައިސާނެގިއިރު ކޮވިޑަކަށް ނޭންގުނު. ޢެއްބަޔަކު ޕާޓީ ބޭއްވިއިރު ކޮވިޑަކަށް ނޭންގުނު. ޙުންއައިސްގެން އެއާޕޯޓަށް ވެއްޓުނުއިރު ކޮވިޑަކަށް ނޭންގުނު. ދައުލަތުގެ މެޝިންތައް ކުއްޔަށް އަމިއްލަ ފަރާތްތަކަށް ދެވުނުއިރު ކޮވިޑަކަށް ނޭންގުނު. ޢެއްބަޔަކަށް ހެސްކިޔާފަ ލާރި. ދޮން މީހުން ވަކި ކުރާކަށް ކޮވިޑަކަށް ނޭންގުނު. ޙަޔާތްކަޑުވާފަ ދެން ކީކޭ ކިޔަން ތިޔަ އުޅެނީ. މީ ނިއުޒީލެންޑެއް ނޫން. ޢެންމެ 4 ލައްކަ މީހުން ނުބެލުނު

The name is already taken The name is available. Register?

ޖޯކު

14 February 2021

ލަދުހަޔާތް ކެޑުވީ ކަންކަން ކުރަން ތިއްބެވި ބޭފުޅުން. ބޭރަށް ނިކުތުން މަނާ ވަގުތެއްގައި ސަފާރީއަކުން އަންހެން ކުއްޖަކު ފުންމާލީމާ ފިޔަވަޅު ނޭޅީމާ އެއީ ޖޯކެއް. ބޭރަށް ގޮސްފަ ރާއްޖެ އައިސް ހަފްލާތަކަށް ދިޔުމަކީ ޖޯކެއް. ޥަކި ބަޔަކު ކަރަންޓީނުވެ އަނެއް ބަޔަކު ކަރަންޓީނު ނުވުމަކީ ޖޯކެއް. ޥަކި ބަޔަކު މާގިރި ހޮޓާގައި ދައުލަތުން ހަރަދު ކޮއްގެން ފައިސާތައް ދުއްވުމުން އެއީ ޖޯކު. ކޮވިޑް އެއްބަޔަކަށް މިހާރު ރަނަށް ވެއްޖެ އެއީ ޖޯކެއް. ޢިތުބާރު ގެއްލުވާލީ

The name is already taken The name is available. Register?

މޯޑޭ

15 February 2021

ބަލަ މާގިރި ހޮޓަލާއި ސަފާރީގަ ނާޗަރަންގީ ކުޅުނީމަ، އަހަރުމެން އާއްމުންވެސް ގޮތެއް ފޮތެއް ނެތި ޕެންޑެމިކް ހުއްޓުވަން މަސައްކަތްނުކޮށް މަގުމަތީ ހޫރެން ވީތަ!! އަޖައިބު. މިކަމުން އަވަހަށް ސަލާމަތްވީމަ ފައިދާ ވަނީ ސަރުކާރަކަށް ނޫނޭ. އަހަރުމެންގެ އާއިލާތަކަށް، މުސްކުޅި މަންމައާއި ބައްޕައަށް އަދި ކާފަ މާމައަށް.

The name is already taken The name is available. Register?

ރާއްޖެ

14 February 2021

މީގަ ޖެހިގެން މިއުޅޭ މައްސަލައަކީ ބޮޑެތި ޕަބްލިކް ހެލްތް އެކްސްޕާޓުންނާއި އެޕިޑެމިއޮލޮޖިސްޓުން ތިބެ ކަންކަން ނިންމާ އިރު ދޮޅުގަޑިއިރަށް ވީމަ ރައްޔިތުންނަށް އަންގާތީ. ހަމަ ރަގަޅަށް އެނގޭނެ ކޭސްތަށް އިތުރުވަމުން މިއައި ރޭޓުން މިހާލަތު އެބަ އަންނަކަން. އެކަމަކު ހަމަ ތިބެފަ އެއްރޭ ބައްދަލުކޮއްފަ ހަމަ އެވަގުތުން ފެށިގެން ކަންކަން ކަނޑައަޅަނީ. ޢެއްވެސް ކަމެއް ޕްލޭން ކުރުމެއް ނެތް. ޢަހަރެއް ތައްޔާރު ވާން ލިބުނީމާ ވެސް ކުރެވުނު ކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454