ޖޭ-ޒީ އާއި ޑޯޒީ ފަންޑަށް 24 މިލިއަން ޑޮލަރުގެ 500 ބިޓްކޮއިން އިންވެސްޓްކުރާނެ
ޖޭ-ޒީ އަދި ޖެކް ޑޯޒީ.
15 ފެބުރުއަރީ 2021 - 07:01
މަގުބޫލުކަން ހޯދަމުން އަންނަ ޑިޖިޓަލް ފައިސާގެ ތެރޭގައި ހިމެނޭ ބިޓްކޮއިން އޭޝިއާ އާއި އެފްރިކާ ބައްރުގެ ގައުމުތަކުގައި ޕްރޮމޯޓްކުރަން ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިންޔޯންސޭގެ ފިރިމީހާ/މިއުޒިޝަން ޖޭ-ޒީ ގުޅިގެން ބިޓްކޮއިނަށް ހާއްސަ ފަންޑެއް ލޯންޗްކޮށްފި އެވެ.
"ބީޓްރަސްޓް" ގެ ނަމުގައި ލޯންޗްކުރި ފަންޑް ހާއްސަކޮށްފައި ވަނީ އިންޑިއާ އާއި އެފްރިކާއަށެވެ. ޖޭ-ޒީ އާއި ޑޯޒީ ފަންޑަށް 500 ބިޓްކޮއިން އިންވެސްޓްކުރާނެ އެވެ. އެއީ 24 މިލިއަން ޑޮލަރެވެ.
މިކަމާ ބެހޭ ގޮތުން ޑޯޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާޒަކީ އިންޑިއާ އާއި އެފްރިކާގައި ބިޓްކޮއިންގެ މުއާމަލާތް ފުރަތަމަ ތަރައްގީކޮށް ފުޅާކުރުން ކަމަށާއި ބޭނުމަކީ މިއީ ދާއިމީ އެއްޗަކަށް ހެދުން ކަމަށެވެ.
"މައިގަނޑު އަމާޒަކީ ބިޓްކޮއިނަކީ އިންޓަނެޓްގެ [ދާއިމީ] ފައިސާއަކަށް ހެދުން." އޭނާ ވިދާޅުވި އެވެ.
"ބީޓްރަސްޓް" ބޯޑަށް ކުރިމަތިލާން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ބޯޑަށް ބޭނުން ވަނީ ތިން މެމްބަރުންނެވެ.
JAY-Z/@S_C_ and I are giving 500 BTC to a new endowment named ₿trust to fund #Bitcoin development, initially focused on teams in Africa & India. It‘ll be set up as a blind irrevocable trust, taking zero direction from us. We need 3 board members to start: https://t.co/L4mRBryMJe
— jack (@jack) February 12, 2021
ބިޓްކޮއިނަށް ޕްރޮމޯޓްކުރަން ހާއްސަ ފަންޑެއް ލޯންޗްކުރި ނަމަވެސް މިކަމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. ނަމަވެސް ފާހަގަކުރެވޭ ކަމަކީ އިންޑިއާގައި ބިޓްކޮއިން ޕްރޮމޯޓްކުރަން މަސައްކަތްތަކެއް ފަށަން ނިންމާފައި މި ވަނީ އެ ގައުމުގެ ސަރުކާރުން ބިޓްކޮއިން މަނާކުރަން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައިކަމެވެ.
އިންޑިއާ އިން އަމިއްލަ ޑިޖިޓަލް ފައިސާއެއް ތައާރަފުކުރަން މަސައްކަތްކުރާތީ އެ ގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ބޭނުން ވަނީ ބޭރުގެ ކްރިޕްޓޮސީކަރަންސީތަކަށް ފުރުސަތު ނުދޭށެވެ.
ބިޓްކޮއިނަކީ ޑިޖިޓަލް ފައިސާއެއް.
ރިޕޯޓްތައް ބުނާގޮތުން އެފްރިކާ ބަައްރުގެ ގައުމުތަކުގައި ކްރިޕްޓޯކަރަންސީގެ މަގުބޫލުކަން އަންނަނީ ބޮޑުވަމުންނެވެ. އަދި ފާއިތުވި ފަސް އަހަރު އެމެރިކާއާ އެންމެ ގާތްކުރާ ނިސްބަތަށް ޑިޖިޓަލް ފައިސާގެ މުއާމަލާތް ހިންގާ ތަނަކީ ނައިޖީރިއާ އެވެ.
ބިޓްކޮއިން އެންޑޯޒްކުރާ ނުފޫޒު ގަދަ ވިޔަފާވެރިންގެ ތެރޭގައި ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ހިމެނެ އެވެ.
ބިޓްކޮއިން ވުޖޫދަށް އައީ 2009 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy