ދީޕިކާ.
20 ފެބުރުއަރީ 2021 - 08:35
ބަތަލާ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް މިހާރު ކުޅެމުން އަންނަ ފިލްމު "ސާކަސް" އަށް ދީޕިކާ ހާއްސަ ލަވައެއް ޝޫޓްކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ދީޕިކާ ފެނިގެންދާނެ ލަވައިގެ ޝޫޓިން މިދިޔަ ހަފުތާގެ ކުރީކޮޅު ނިންމައިލީ ތިން ދުވަހުން ކަމަށާއި މިއީ ފޯރިގަދަ ނެށުންތަކާ އެކު ދީޕިކާގެ ޑައިލޮގްތަކެއް ވެސް ހިމެނޭ ލަވައެއް ކަމަށެވެ.
"ސާކަސް" އަކީ ޑައިރެކްޓަރު ރޯހިތު ޝެޓީ ބަތަލާއިންނަށް ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ ހިމަނައިގެން ގެނެސްދޭ ކޮމެޑީއެކެވެ. މީގެ ކާސްޓްގައި ވަރުން ޝަރުމާ ވެސް ހިމެނެ އެވެ.
"ސާކަސް" ގެ ލަވައެއް ކުޅެން ދީޕިކާ އަށް ފުރުސަތު ލިބުނު އިރު، އޭނާ އަކީ ރޯހިތު ގެނެސްދިން އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 2013 ގެ "ޗެންނައި އެކްސްޕްރެސް" ގެ ބަތަލާ އެވެ. "ސާކަސް" އޭނާގެ ފިރިމީހާ ރަންވީރު 2018 ގެ "ސިމްބާ" އަށް ފަހު، ރޯހިތާ އެކު މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ.
އަންނަ އެޕްރީލް މަހު އަކްޝޭ ކުމާރާ އެކު ރޯހިތު ގެނެސްދޭ ފިލްމު "ސޫރިޔަވަންޝީ" ގެ ހާއްސަ ފެނިލުމަކުން ރަންވީރު ފެންނާނެ އެވެ.
"ސާކަސް" ގެ ހާއްސަ ލަވައަކަށް ދީޕިކާ އެއްބަސްވި އިރު މީގެ ކުރިން ވެސް "އައިޓަމް ލަވަ" އިގެ ގޮތުގައި ލޭބަލްކުރެވޭ ކަހަލަ ބައެއް ލަވަތައް އޭނާ ކުރިން ވެސް ކުޅެފައިވެ އެވެ. އެގޮތުން 2017 ގެ ފިލްމު "ރާބްތާ" ގެ ޓައިޓްލް ލަވަ އާއި 2011 ގެ "ދަމް މަރޮ ދަމް" ގެ ޓައިޓްލް ލަވަ އަދި 2009 ގެ ފިލްމު "ބިއްލޫ" ގެ ލަވަ "ލަވް މެރަ ހިޓް ހިޓް" ހިމެނެ އެވެ.
"ސާކަސް" ގެ ލަވަ ތިން ދުވަހުން ނިންމައިލީ ދީޕިކާ މިހާރު މަސައްކަތްކުރަމުން އަންނަ ޝާހްރުކް ޚާންގެ "ޕަތާން" ގެ މަސައްކަތުގައި ވެސް އުޅެމުންނެވެ. އެ ފިލްމުގެ ކާސްޓާއި ކްރޫ އަންނަ މަހު ޔޫއޭއީ އަށް ޝޫޓިން އަށް ދާނެ އެވެ.
ދީޕިކާ އާއި ރަންވީރު 2018 ގައި ކައިވެނިކުރި ފަހުން އެކީގައި ކުޅުނު ފުރަތަމަ ފިލްމު "83" އަކީ މި އަހަރު ރިލީޒްކުރާނެ ފިލްމެކެވެ. "ސާކަސް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ އިރު މި އަހަރުގެ އޮގަސްޓް 27 ގައި ރަންވީރުގެ "ޖަޔޭޝްބާއީ ޖޯރްދާރު" ސިނަމާތަކަށް ގެންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy