ލިވަޕޫލްގެ ކަބަކް (ކ) ކައިރިން އެވަޓަންގެ ރިޗާލިސަން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
21 ފެބުރުއަރީ 2021 - 08:51
ލިވަޕޫލް (ފެބްރުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ކުޅުނު މެޗުން ސައުތެމްޓަންއާ 1-1 އިން އެއްވަރުވިއިރު، ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން އެވަޓަން 2-0 އިން މޮޅުވެއްޖެ އެވެ.
މިއީ ފާއިތުވި 22 އަހަރު ތެރޭ ލިވަޕޫލް ދަނޑުގައި އެވަޓަން މޮޅުވި ފުރަތަމަ މެޗެވެ. އެންމެ ފަހުން ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އެވަޓަން އަށް މޮޅުވެވުނީ 1999 ވަނަ އަހަރު އެވެ. ރޭގެ ނަތީޖާއާ އެކު ލިވަޕޫލުން އެ ކްލަބްގެ ތާރީހުގައި ލީގުގައި ދެ ވަނަ ފަހަރަށް ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. މީގެ ކުރިން ލިވަޕޫލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވީ 1923 ވަނަ އަހަރު އެވެ.
ލީގުގެ ހަތަރު ވަނައިގައި އޮތް ޗެލްސީ ރޭ ކުޅުނު މެޗުން އެއްވަރުވުމުން އެ ޓީމު އެ މަގާމުގައި އޮތީ 25 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 24 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ލިވަޕޫލާއި ހަތް ވަނައިގައި އޮތް އެވަޓަން އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. އެވަޓަން އެ އަދަދަށް ޕޮއިންޓް ހަމަކުރީ ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
ސައުތެމްޓަން ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ ނޭތަން ރެޑްމަންޑް ދިން ބޯޅައަކުން ޓަކޫމީ މިނަމީނޯ އެވެ. ދެ ވަނަ ހާފްގައި ޕެނަލްޓީ އަކުން ސައުތެމްޓަން އަށް އެއްވަރުކޮށްދިނީ މޭސަން މައުންޓް އެވެ. މިއީ އޭރިއާތެރެއިން މައުންޓަށް ސައުތެމްޓަންގެ ޑެނީ އިންގްސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ލަނޑު ޖެހުމަށް ފަހު ޗެލްސީގެ މައުންޓް (މ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލިވަޕޫލް ދަނޑުގައި ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އެވަޓަން އަށް ލީޑުނަގައިދިނީ ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައަކުން ރިޗާލިސަން އެވެ. ނަތީޖާ ހަމަަހަމަކުރަން ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އާއި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ޖެހި ބޯޅަތައް އެވަޓަން ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލަށް މެޗުގައި ދިމާވި އަނެއް މައްސަލަ އަކީ ފުރަތަމަ ހާފުގައި ކެޕްޓަން ހެންޑަސަން އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަދި ފަހުން ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ބޯޅައެއް ޕިކްފޯޑް ވަނީ ހުއްޓުވައިފަ އެވެ.
އެވަޓަން އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގިލްފީ ސިގަޑްސަން އެވެ. މިއީ މެޗުގެ 83 ވަނަ މިނިޓްގައި ޑޮމިނިކް ކަލްވެޓް-ލެވިން އަށް އޭރިއާތެރެއިން ލިވަޕޫލްގެ އާނޯލްޑް ކުރި ފައުލަކަށް ރެފްރީން ދިން ޕެނަލްޓީ އަކުން ސިގަޑްސަން ޖެހި ގޯލެކެވެ. އެ ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުގެ އެހާ ކުރީކޮޅުގައި ގޯލެއް ވަނުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ހުރި ޓީމެއް ކައިރީގައި ފަހަތުން އަރައި ނަތީޖާ ނެރުމަކީ އަބަދުވެސް އުނދަގޫ ކަމެއް ކަމަށެވެ. ކުރިއަށް ހުރި މެޗުތަކުގައި ލިވަޕޫލުން ރަނގަޅަށް ޑިފެންސްކުރުމުގެ އިތުރުން ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުންހިފަން ވެސް ދަސްކުރަން ޖެހޭ ކަމަށާއި އެހެންނޫނީ ހާލަތު ބަދަލުވާނެ ކަމަށް އުއްމީދުނުކުރާ ކަމަށް ކްލޮޕް ބުންޏެވެ.
ލީގުގައި ރޭ ބާންލީ އާއި ވެސްޓް ބްރޮމްގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ފުލަމް ވަނީ 1-0 ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
21 February 2021
މަރުހަބާ އެވަޓަން.މަރުހަބާ @ލޯންސްޓަރ.އެވަޓަނުން އެވަނީ ފޮށައެއް ތަޅާލާހެން ލިވަޕޫލް ތަޅާލާފައޭ ބުނަން ކަލެއަށް ކެރޭނެތަ؟ ނުކެރޭނެ ދޯ.ފުޓްބޯޅައިގަ ކޮންމެފަދ ނަތީޖާއެއް ވެސް ނިކުމެދާނެކަން ކަލޭ ގަބޫލުކޮއްބަލަ.ޔޫޓިއުބްގަ އުޅޭ @އެންގްރީރޭންޓްމޭން އުޅޭ ހިސާބެއް ހުރިހާ ޗެލްސީ ފޭނުން ބަލާބަލަ.އިންޑިޔާގެ މިސޮރު އެއީ ޗެލްސީއަށް މަރުދޭ ފޭނެއް.ބަލިވެއްޖެނަމަ ޓީމަށް ބަވަން ވެސް އޭނަ ބަވާނެ.މަޖާ ގޮލައެއް.ހެހެހެހެހެ.ވ.ވެދުން