ލައިފްސްޓައިލް / ފޭސް މާސްކް

ފޭސް މާސްކް އެޅުން ޓްރެންޑަކަށް ހެދުމުގެ ކްރެޑިޓް ނެގުމުން ބަތަލާ ވިނިތު ޕަލްޓްރޯ އަށް ޖޯކްޖަހަނީ

ޕަލްޓްރޯ.

23 ފެބުރުއަރީ 2021 - 07:31

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން މިހާރު ފޭސް މާސްކް އަޅަން މަޖުބޫރުވުމުގެ މާ ކުރިން އެކަން ޓްރެންޑަކަށް ހެދި މީހަކީ ތިމަންނާ ކަމަށް ބުނެ ހޮލީވުޑްގެ ބަތަލާ ނިވިތު ޕާލްޓްރޯ އެކަމުގެ ކްރެޑިޓް އަމިއްލަ އަށް ނަގާފައިވާތީ ސޯޝަލް މީޑިއާގައި އޭނާ އަށް ފާޑުކިޔައި ޖޯކްޖަހަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އިން ފްރާންސަށް ކުރި ދަތުރެއްގެ މަތީގައި މާސްކް އަޅައިގެން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް، އޭނާ 2011 ކުޅުނު ފިލްމު "ކޮންޓޭޖަން" ގައި ދައްކުވައިދޭ ފަދަ ހާދިސާއަކުން ރައްކާތެރިކަން ހޯދަން އެދިފަ އެވެ.

"ރައްކާތެރިވޭ. އަތްޖޯޑުކޮށްގެން ސަލާންނުކުރާތި. އަދި ގިނަގިނައިން އަތްދޮވޭ،" މާސްކް އަޅައިގެން ނަގާފައިވާ ފޮޓޯގެ ކެޕްޝަނުގައި ޕަލްޓްރޯ ލިޔެފައިވެ އެވެ.

އޭނާ އިޝާރާތްކުރި ފިލްމު "ކޮންޓޭޖަން" އަކީ ވިޔަފާރި ދަތުރަކަށް ހޮންކޮންގަށް ދަތުރުކޮށްފައި އެނބުރި އެމެރިކާ އަށް ދާ މީހެއްގެ ފަރާތުން ފެތުރޭ ނުރައްކާތެރި ވައިރަހެއްގެ ސަބަބުން ކުރިމަތިވާ ވަރަށް ހިތްދަތި ހާދިސާތަކެއް ދައްކުވައި ދިން ފިލްމެކެވެ. ސްޓީވެން ސޮޑަބާގް ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ޕާލްޓްރޯލްގެ އިތުރުން ކޭޓް ވިންސްލެޓާއި މެޓް ޑޭމަން އަދި ޖޫޑް ލޯ ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.

ނިއު ޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޕާލްޓްރޯ، 48، ބުނީ އޭނާ އަކީ އަބަދު ވެސް ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން ވަރަށް އިސްކަންދޭ މީހެއް ކަމަށެވެ. އެގޮތުން މާސްކް އަޅައިގެން ނަގާފައިވާ ފޮޓޯ އަކީ އޭގެ ހެއްކެއް ކަމަށް ބުންޏެވެ.

"މިހާރު މިއޮތް ޕެންޑަމިކް ކޮންޓްރޯލުން ނައްޓައިގެން ދިއުމުގެ މާ ކުރިން ވެސް އަހަރެން މާސްކް އަޅަން ފަށައިފިން. ރައްކާތެރިކަމުގެ އެފަދަ ފިޔަވަޅުތަކަކީ އަބަދު ވެސް އަހަރެންގެ ލައިފާ ގުޅިފައި ހުންނަ އާންމު އާދަތައް،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.

އޭނާ ބުނީ ފޭސް މާސްކް އެޅުން އެހާ އާންމު ނޫން ދުވަސްވަރެއްގައި މާސްކް އަޅަން ފެށުމުން ބައެއް މީހުން އެކަމަށް ޖޯކް ވެސް ޖެހި ކަމަށެވެ.

"ބައެއް މީހުން އަހަރެން ފެނުނީމަ ބުނޭ މިއީ ކޮން ވައްތަރަކަށް އުޅޭ މީހެއްހޭ؟ މޮޔައެކޭ. އެކަމަކު މިހާރު ދުނިޔޭގެ ހާލަތު އޮތް ގޮތް ނިކަން ބަލާބަލަ. މާސްކު މިހާރު ކޮންމެހެން ވެސް އަޅަން މަޖުބޫރުވެފައި މިއޮތީ،" ދެ ކުދިންގެ މަންމަ ބުންޏެވެ. "އަހަރެމެންގެ ކަލްޗާއަކަށް މިހާރު މާސްކްވެފައި މިއޮތީ."

އެ ވާހަކަތަކާ އެކު މާސްކް ޓްރެންޑަކަށް ހެދުމުގެ ކްރެޑިޓް އަމިއްލަ ނެގުމުން ޓްވިޓާގައި ޕާލްޓްރޯ އަށް ފާޑުކީ ބައެއް މީހުން ބުނީ ކަންދައްކަން އުޅުނަސް ތިއީ ބޮޑުވަރު ކަމަށެވެ. ބައެއް މީހުން އެކަމަށް ޖޯކް ޖަހައި މިއީ ވަރުގަދަ ލެޖެންޑެކޭ ވެސް ބުނެފައިވެ އެވެ.

"ހެޔޮނުވާނެ. ނިކަން މައިތިރިވެގެން ހުރެބަލަ." މީހެއްގެ ޓްވީޓެއްގައިވެ އެވެ.

މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުން/ސެނިޓައިޒާ ބޭނުންކުރުމާއި ގައިދުރުކަން ބެހެއްޓުމަކީ ކޮވިޑް-19 އިން ރައްކާތެރިކަން ސިއްހީ ދާއިރާ އިން އެންމެ ބޮޑަށް ދޭ ތިން އިރުޝާދެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު "ނިއު ނޯމަލް" ގެ އާންމު އާދަތަކެވެ.

ހަމަމިއާ އެކު މާސްކްގެ ވިޔަފާރި އަކީ މިހާރު ވަރަށް ހިނގާ ވިޔަފާރިއެކެވެ. ފެޝަނުގެ ބަޔަކަށް ވެސް ނިކަން ވެފައިވާ އިރު، އެކި ޑިޒައިންތަކަށް މާސްކް ނެރުމާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން ފެހުގެ ޓެކްނޮލޮޖީތަކަށް މާސްކް ނެރުމަކީ ވެސް މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައި އޮތް ކަމެކެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454