މާރުކޭޓެއްގައި މީހަކު ހިދުމަތްދެނީ: ވިޔަފާރީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓުކުރަން ވަނީ ފަށާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ފެބުރުއަރީ 2021 - 00:04
ކޮވިޑު-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް، ވިޔަފާރީގެ ހިދުމަތް ދޭ ތަންތަން އަލުން އިންސްޕެކްޓުކުރަން ފަށައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ތަކުރާރުކޮށް އުސޫލާ ހިލާފުވާ ނަމަ، ގަވައިދުގައި އޮތް ގޮތަށް، 100،000ރ. އާ ހަމައަށް ޖޫރިމަނާކުރާނެ ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒާމިރު ވިދާޅުވީ މާލެ އޭރިޔާ ހަތް ސަރަހައްދަކަށް ބަހައި އިންސްޕެކްޝަން ފެށީ ޕޮލިހާއި އެޗްޕީއޭގެ އޮފިޝަލެއް ވެސް ހިމަނައިގެން ކަމަށެވެ. ބޭނުމަކީ ވިޔަފާރީގެ މާހައުލުގައި އިތުރަށް ކޮވިޑް ނުފެތުރޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް 568 ތަނެއް އިންސްޕެކްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ކާބޯތަކެތީގެ ހިދުމަތްދޭ 198 ތަނާއި ޖިމާއި ފިޓްނަސްގެ ހަރަކާތް ހިންގާ 12 ތަނަކާއި މާރުކޭޓުގެ ހަތަރު ތަނެއް އަދިި ސެލޫނާއި ބޯކޮށާ 10 ތަނެެއްގެ އިތުރުން ކަންމަތީ ފިހާރައާއި ހޯލްސޭލް ހިދުމަތްދޭ 344 ތަނެއް އިންސްޕެކްޓުކޮށްފައި ވެ އެވެ.
ރަނގަޅުކުރަން ޖެހޭ ތަނެއް ހުރި ނަމަ އެ ތަނަކަށް ހުދު ނޯޓިސް ދެ އެވެ. މިހާތަނަށް 288 ތަނަކަށް ހުދު ނޯޓިސް ދީފައި ވެ އެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިންގާތީ އިންސްޕެކްޝަނުގައި 243 ތަނަކަށް ސްޓިކާ ދީފައިވެ އެވެ.
ޒާމިރު ވިދާޅުވި ގޮތުގައި ހުދު ނޯޓިސް ދިން ތަންތަނަށް ފަހުން ދިޔައިރު ގިނަ ތަންތަން ހުރީ އުސޫލާ އެއްގޮތަށް ބަދަލުކޮށްފަ އެވެ. އެހެންވެ ރަތް ނޯޓިސް ދޭން ޖެހުނީ 37 ތަނަކަށެވެ.
ރަތް ނޯޓިހުގައި ބުނެފައިވާ ކަންކަން ރަނގަޅު ނުކުރާ ނަމަ ދެން ދާ ބުރެއްގައި 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ދެ ވަނަ ފަހަރު 25،000ރ، ތިން ވަނަ ފަހަރު 50،000ރ، ހަތަރު ވަނަ ފަހަރު 75،000ރ. އަދި ފަސް ވަނަ ފަހަރު 100،000ރ. އިން ޖޫރިމަނާކުރާނެ އެވެ.
"މުޅި މައިގަނޑު އިންސްޕެކްޝަންގެ ބޭނުމަކީ ވިޔަފާރިކުރާ ފަރާތްތަކާ ވިޔަފާރީގެ މާހައުލުގައި ވިޔަފާރީގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ކޮވިޑުން ރައްކާތެރި މާހައުލެއް ޕްރޮވައިޑު ކޮށްދިނުން. އެފަދަ މާހައުލަކަށް، ވިޔަފާރީގެ މާހައުލު ހަދައިދިނުން،" ޒާމިރު ވިދާޅުވި އެވެ.
ކުރިން އޮތް ދުވަސްތަކުގައި ހުޅުމާލެ އާއި ވިލިނގިލި އަދި ތިލަފުށީގައި ވިޔަފާރީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
24 February 2021
ދިވެހި ރާއްޖޭގެ ގާނޫނާ ގަވާއިދާ ހިލާފައް މާރުކޭޓްގޮޅި ،ހޮޓާ، ފިހާރަ ، ރެސްޓޯރަންޓް ތަކުގަ ކޭޝިއަރުންގެ ގޮތުގަ މަސައްކަތް ކުރާބިދޭސީ މީހުން އެމީހުންގެ ގޮނޑީން ނަގާ ހައްޔަރު ކުރަން ޖެހެ އެވެ. ދިވެއްސަކުގެ ނިވަލުގަ ވެސް ކޭޝިއަރަކަށް ނުހުރެވޭނެ އެވެ. އެތައް ހާސް ދިވެހި ޒުވާނުން ވަޒީފާ ނެތިމާލެ ތެރޭ އެނބުރެނީއެވެ.
މޯޑޭ
24 February 2021
ސަރުކާރު އޮފީސްތައް ކައިރީ ހުންނަ ރެސްޓޯރެންޓްތައް ޗެކް ކޮށްލާތި. އަދި ޔުނިވަރސިޓީގެ އެތެރޭގަ އެހެރަ ރިޓްރީޓް ކެފޭ ޗެކް ކުރުން މުހިއްމު. އަބަދު މީހުން ބޮނޑިވެފަ އޮންނަ ތަނެއް. ވެރިންވެސް ހިމެނޭ ގޮތަށް
ށަވިޔަނި
24 February 2021
ރެސްޓޯރެންޓް ކެފޭ ހޮޓާތައް ބަންދުކޮށް ހަމައެކަނި އޯޑަރު ނުވަތަ ޓޭކްއަވޭ ގެ ޚިދުމަތް ދޭގޮތަށް ހަމަނުޖެހޭހާ ހިނދަކު އެތަންތަނުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެ.
ލައްލު
24 February 2021
އިންސްޕެކްޝަނޭ ބުނެފާތަ އިންސްޕެކްޓްކުރާން ދަނީ.
އަރުތަ
24 February 2021
ރާއްޖޭގަ އޮރެންޖާ އާފަލާ މޭބިސްކަދުރާ ކެރެޓް އަދިވެސް އެކިއެކި ފާޑު ފާޑުގެ ބާވަތްތައް ރަނގަޅު އަދަދަކަށް އުފައްދާކަން މަތިގަ ހުރި ފޮޓޯއިން ސާބިތުވޭ، ރާއްޖޭގެ އުފެއްދުންތައް ވިއްކަން ޚާއްސަ ކުރެވިފަވާ މާރުކޭޓުގަ މީކިހިނެއް ހިނގާ ކަމެއްތޯވެސް މިކަމާ ގުޅުންހުރި ފަރާތްތަކުން ބަލާބަލަ.