26 ފެބުރުއަރީ 2021 - 08:25
އަންނަ އެޕްރީލްގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ، ކެޓްރީނާ ކައިފާއި ވިޖޭ ސެތުޕަތީގެ ފިލްމުގެ ނަމަކަށް "މެރީ ކްރިސްމަސް" ހަމަޖައްސައިފި އެވެ.
މީޑިއާތަކުން ބުނީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ސްރީރާމް ރަގްވަން ލިޔެ، ޑައިރެކްޓްކުރާ މި ފިލްމަކީ ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށެވެ. "މެރީ ކްރިސްމަސް" އަކީ އިންޓަވަލެއް ނުހިމެނޭ ގޮތަށް ހަދާ 90 މިނިޓްގެ ފިލްމެކެވެ.
މީގެ ޑައިރެކްޓަރު ސްރީރާމަކީ ތުރިލާ ޖޯންރާ އަށް ކުޅަދާނަ ޑައިރެކްޓަރެއްކަމުން އޭނާގެ އާ ފިލްމަކީ ވެސް ސަސްޕެންސުން ފުރިފައިވާ ޝައުގުވެރި ފިލްމަކަށްވާނެ އެވެ. ސްރީރާމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަޔޫޝްމަން ކްރާނާގެ 2018 ގެ ފިލްމު "އަންދާދުން" އެވެ. އެ ފިލްމުން އަޔޫޝްމަނަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު އިރު، ފިލްމަށް ލިބުނު އިތުރު ނެޝަނަލް އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ހިންދީ ފިލްމާއި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ހިމެނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ކެޓްރީނާ އާއި ތަމަޅަ އެކްޓަރު ވިޖޭ ލީޑް ރޯލު ކުޅޭ "މެރީ ކްރިސްމަސް" އަކީ 30 ދުވަހުން ޝޫޓިން ނިންމާނެ ފިލްމެއް ކަމަށާއި ބޮޑު ބައި ޝޫޓްކުރާނީ ޕޫނޭގައި ކަމަށެވެ. އަދި މުމްބާއީގައި ވެސް މަންޒަޒަރުތަކެއް ނަގާނެ އެވެ.
އެ ނޫހުން ބުނިގޮތުގައި މި ފިލްމު ސްރީރާމް ހަދަނީ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ.
"މެރީ ކްރިސްމަސް" އަށް ފަހު އޭނާ ދެން ހަދާނީ ބައޮގްރަފިކަލް ޑްރާމާއެކެވެ. "އެއްކީސް" ކިޔާ ފިލްމުގެ ބަތަލަކީ ވަރުން ދަވަނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy