"ބާރުތައް މައި ސަރުކާރުގެ ދަށުގައި އޮތުމަކީ ރައްޔިތުންގެ މިނިވަން ކަމާއި ތަރައްގީ ހިފެހެއްޓުން. ބާރުތައް ދޫކޮށްލުން ލަސްވަމުން ދިޔައީ އެކަމަށް ސަރުކާރުތަކުން ބޭނުން ނުވާތީ"
އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ފަށަން ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: އެންމެ ބޮޑު މަޝްރޫއުއަކީ ލާ މަރުކަޒު ކުރުން ކަމަށް ވިދާޅުވި --- ފޮޓޯ/އެމްޑީޕީ
25 ފެބުރުއަރީ 2021 - 21:55
ބާރުތައް ރައްޔިތުންނަށް ދޫކޮށްލައި، ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަކީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ރަސްކަމުގެ ޒަމާނުން ފެށިގެން ވެސް ރާއްޖެ ހިނގަމުން އައީ މަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި ރައްޔިތުންގެ ހުރިހާ މުދަލުގެ މައްޗަށް ގޮތް ކިޔަމުން އައީ މައި ސަރުކާރުން ކަމަށެވެ. އޭގެ ސަބަބުން އަތޮޅު ތެރޭގައި ތިބި ރައްޔިތުން އުފުލަމުން އައި ތަކްލީފު އެމްޑީޕީއަށް އިހްސާސް ކުރެވޭ ކަމަށް ވިދާޅުވި އެވެ.
"އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށް ވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ އޮތް ނަމަ އޮޮތް ހުރަހެއް ގިރާކޮށް އެ ބާރުތައް އޭގެ ހަގީގީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް،"
އެ ތަރައްގީގެ އަސާސަކީ ތައުލީމާއި ހުނަރާއި އިންސާނީ ވަސީލަތްތަކާއި ސިއްހީ ދާއިރާ އާއި ދިރިއުޅުމުގެ އަސާސީ އަދި ޒަރޫރަތުތަކާއި ވިޔަފާރި އާއި އިގްތިސާދީ ހަރަކާތްތަކާއި ދަތުރުފަތުރާއި މުވާސަލާތުގެ ހުރިހާ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބާރުތައް މައި ސަރުކާރުގެ ދަށުގައި އޮތުމަކީ ރައްޔިތުންގެ މިނިވަން ކަމާއި ތަރައްގީ ހިފެހެއްޓުމެވެ. ބާރުތައް ދޫކޮށްލުން ލަސްވަމުން ދިޔައީ އެކަމަށް ސަރުކާރުތަކުން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ.
ބާރުތައް ދޫކޮށްލުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ހިނގި ކަންކަން އެމަނިކުފާނަށް ފެނިވަޑައިގަތް ކަމަށާއި އެމްޑީޕީއަކީ އެކަން ބަދަލުކޮށް، އެ ނިޒާމް ދަސްވެފައިވާ ހަމައެކަނި ޕާޓީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ދިވެހިންގެ މައްޗަށް ހިންގާ އަމްރު މައުރޫފްގެ މުރަނަ ވެރިކަން ދިވެހި ރައްޔިތުންނާ އެކީ އެ ރައްޔިތުންގެ ބައިވެެރިވުމާ އެކު ހިންގާ ހެޔޮވެރިކަމަކަށް ފުރޮޅާލި ޕާޓީ،" ރައީސް ވިދާޅުވި އެވެ.
މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --- ފޮޓޯ/އެމްޑީޕީ
ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން އިހްސާސް ކުރެވިއްޖެ ކަމަށެވެ. ރަށްރަށުގައި ވަކި ޓާސްކްފޯސް ހަދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅި ނަމަ، އަތޮޅުތަކުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ސިއްހީ ދާއިރާ އަށް ލާމަރުކަޒީ ބަދަލުތައް މިހާރަށް ވުރެން ފުޅާކޮށް ގެންނަވާނެ ކަަމަށް މިރޭ ވެސް ވިދާޅުވި އެވެ. މާލެއިން އެކަނި ލިބެން ހުރި އެތައް ޚިދުމަތެއް އަތޮޅު ތެރެއިން މިހާރު ވެސް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޓާޝަރީ ފަސް ހޮސްޕިޓަލެއްގެ ޒަރީއާއިން ރާއްޖެ މިކަމުގައި ލާމަރުކަޒު ވާނެކަން އެއީ އިރާދަކުރެއްވިއްޔާ އެއީ ކަށަވަރު ކަމެއް. އެންމެން ތިބީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ތާށިވެފައި. އެހެން ވިޔަސް، ކާމިޔާބު މައިބަދައިގެ އޮޕަރޭޝަން އައްޑޫގައި ކުރެވިއްޖެ. ކުޅުދުއްފުށީގައި ސީޓީ ސްކޭން ގާއިމް ކުރެވިއްޖެ. ކުރިން އޮތް ޝައްކު ފިލައި ވެސް ހިނގައްޖެ. ލާ މަރުކަޒުވުން ނޫން ގޮތެއް ނެތިއްޖެ. އެމްޑީޕީ އެ ބައްޓަމަށް ފެތި ނިމިއްޖެ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ވާނީ ސިއްހީ ދާއިރާގެ އިތުރުން ޒަރޫރީ ޚިދުމަތްތަކާއި ތައުލީމާއި އިގްތިސާދީ ހަރަކާތްތަކާއި ދަތުރުފަތުރުގެ ނިޒާމުތައް ހިމެނޭހެން ތަރައްގީ ގެނެސްގެންނެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ގިނަ ރަށްރަށުގައި މިހާރު ހިނގަމުންދާ ކަމަށާއި އަދިި އަތޮޅު ތެރޭގެ ބަނދަރުތަކަށް އާގު ބޯޓްތައް އިގްތިސާދީ ހަރަކާތްތައް ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ސަރަހައްދީ އިންތިޒާމްތަކުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި ކުދި އަދި މެދު ފަންތީގެ ލޯނުތަކުން ކުދި ވިޔަފާރިތަކަށް ދިރުން ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ތެރެއިން ޓޫރިޒަމް ކުރިއެރުވުމުގެ ބާރު ދީފައިވާ ކަމަށާއި އެއާޕޯޓްތައް އިތުރުވެ، ދަތުރުފަތުރުގެ ނިޒާމު ގާއިމްވުމުން އޭގެ ފައިދާ ރަށްރަށަށް ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މިލްކުވެރިކަން އިތުރުވެ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ބޮޑުތަނުން ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލާ މަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ އެކު، މިފަހަރު ހޮވޭ ކައުންސިލްތަކަކީ އެމްޑީޕީން ބޭނުންވާ ފަދަ ފުރިހަމަ ކައުންސިލްތަކަށް ވާނެ ކަމަށެވެ. އަދި އަންހެނުންނަށް ގޮނޑި ޚާއްސަ ކުރުމާ އެކު އަންހެނުންގެ ބައިވެރިވުން ކައުންސިލްތަކުގައި އިތުރަށް ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ ވިސްނުމުގައި ރާއްޖެ ތަރައްގީކުރެވޭނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމާ މެދު ޔަގީންކަން އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ
27 February 2021
އިޙްތިރާމާއެކު ދަންނަވަން. ޤާނޫނު އަސާސީގައި އަދިވެސް އޮތީ ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް. ދެންއޮތީ ރައްޔިތުންނަށް ބައެއް ބާރުތައް ދޫކުރުން. ރަގަޅު އެކަމަކު އެބާރުތައް ހެޔޮގޮތުގައި ބޭނުންކުރަން އިންތިޚާބުކުރެވޭ މީހުންގެ އިންތިޚާބަށް ތިޔަފޯރުވަނީ ނުފޫޒު. ޜައްޔިތުންނަށް ރަގަޅުވާނީ އެމްޑީޕީ އެކްޓިވިސްޓުން ހޮވުންތޯ ނޫނީ ރައްޔިތުންގެ ކަންތައް ހެޔޮގޮތުގައި ކުރާނެ ބަޔަކު ހޮވުންތޯ އަމިއްލަ ނަފުސާއި ސުވާލު ކުރައްވާ. ނުފޫޒަށް "ނޯ" ވިދާޅުވޭ!
ޢަހު
27 February 2021
ޜައީސް! ނުވާނެ ތިކަމެއް!
ޢަލީބެ
26 February 2021
ޅާމަރުކަޒު ކުރުމުގަ އެންޑީޕީ ވެސް އަދި ފެންނަނީ ފަހަތުބަޔަށް ބުރަކޮށް
ހަސަދު
26 February 2021
އިންތިޚާބަށް ދޮގާ މަކަރު ހެދުމުގެ ސިލްސިލާ ފެށުނީ!!!!.
ޢަނގަ
26 February 2021
މަނިކުފާނުގެ ހިންގަވާ މިކަހަލަ ބޮޑެތި ބިޔަ ޕްރޮޖެކްތައް ބަރުކަމުން ވެރިކަން ނިމޭއިރުވެސް ގައުމު ކުރިއަށް ހިނގައި ނުގަނެވިގެން މިއުޅެނީ. ހެޔޮނުވާނެ ތިހާގިނަ ބޮޑެތި ޕްރޮޖެކްޓް ނުހިންގަބަލަ.
އޮނަރަބްލް އަފީފު ދީދީ
26 February 2021
އިއްޒަތްތެރި ރައީސް. އަޅުގަނޑުމެނަކީ އިސްލާޙީ ޙަރަކާތުގެ މީހުންކަމުގައިވިޔަސް އެއްވެސް ޙާލެއްގައި "މަކަރުވެރި ހީލަތްތެރި ވާހަކަ ދައްކައިގެން ކާމިޔާބީއަށް ވާސިލްވުމަށް ތާއީދު ކުރާނެ ބައެއްނޫން" ކަމުގައިވާތީ ލާމަރުކަޒީގެ ނަމުގައި ތިޔަ ދައްކަވާ ވާހަކަ އާއި މުޅިން ދެކޮޅު. # އެއްވެސްކަމަކީ "ފައިސާ އާއިނުވާ" ކުރެވޭނެ ކަންކަމެއްނޫން. އަމުދުން ޑިސެންޓްރަލައިޒް ކުރުމަށް ތިބޭފުޅުންގެބަޖޭޓްގައި ޖަހާ މިންވަރަށްބަލާއިރު ހައްދަވަނީ އިތުރުފުޅުކަން ސާފުކޮށްއިގޭ.
ސިންގަޕޯ
26 February 2021
900މިލިޔަން ޑޮލަރު ކަޓުވާލި ބަޔަކައް ކޮން ތަރައްގީއެއްތަ ކުރެވޭނީ.
ޚާއްސައެހީތެރިޔާ
26 February 2021
ހަގީގީ ލާމަރުކަޒު ކުރުމަކީ ޕާޓީއެެއްގެ މެނިފެސްޓޯއަކުން އެކަނިކުރެވޭނެކަމެއް ނޫނެވެ. ނިކަން ގައުމަށް ހެޔޮއެދެންޏާ އެއްބަޔަކު ބިނާކުރީމާ އަނެއްބަޔަކު ސުންނާފަތި ނުކޮށް ގުޅިފައިވާ މެނިފެސްޓޯއަކުން ގައުމީ ތަސައްވުރެއް އެކަށަ އަޅާލަބަލާށެވެ. މޮޅޭބުނާނަމެވެ.
މިވަރެއްނެތް
26 February 2021
މިދުވާލު ފަދައިން މަށަށް އެބައެނގޭ ލާމަރުކަޒީ ކުރުމަކަށް އަތޮޅެއްގެ، ރަށެއްގެ ނުވަތަ އަވަށެއްގެ ޙާލަތު ބަދަލުނުވާނެކަން. ތިޔައީ ހައްތާހާވެސް އެކިއެކި ނަންނަމުގައި ޕާޓީގެ މަގުމަތީ އެދުރުންނަށް އެވެރިންގެ ތައުލީމާއި، ތަޖްރިބާއާއި ނުބައްދަލު ބޮޑުމުސާރަދީ ޕާޓީކުރިއަރުވަން ކުޅޭ ޑްރާމާ. ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޮއޮންނާނެ. ކަމެއްކުރަންޏާ މި ގައުމުގަ މި އޮތް ޑްރަގުގެ މައްސަލަ ޙައްލުކޮށްބަލަ.
1828
26 February 2021
އާރާއިބާރު ދީފިނަމަ ކައުންސިލްގައި ކޮންމެހެން ވަކި ޕާޓީއަކަށް ނިިސްބަތްވާމީހުން ތިބޭކަށް ނުޖެހޭ. އޭރުންތިބެންޖެހޭނީ ކިޔަވައިގެންތިބި،ރައްޔިތުންނާއި،ރަށާއި އަދި އަތޮޅާމެދު ވިސްނާ ހެޔޮހިތުން ވިސްނާކައުންސިލަރުން. އެ އަތޮޅެއްގައި އޮންނަ ރިސޯޓްތަކުން ދައުލަތަށް ދައްކާ ކުލި އަތޮޅު ކަންސިލަށް ލިބޭގޮތް ހެދުމަށްފަހު، އެއަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު ބެހޭނެނިޒާމެއް ޤާއިމްކޮށްދެއްވާ.އޭރުން މާލެއެއް އަހަރެމެންނަކަށްނުފެންނާނެ.