މިސް ވޯލްޑްގެ ތާޖު 2017 ގައި ހާސިލުކުރި މަނޫޝީގެ އަލަތު ފިލްމަކީ ނޮވެމްބަރުގައި ގެނެސްދޭ "ޕްރިތުވީރާޖް"
02 މާޗް 2021 - 07:56
އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަނުކޮށް މިދިޔަ އަހަރު ޝޫޓިން ނިންމައިލި ވިކީ ކޯޝަލާއި މަނޫޝީ ޗިލާރުގެ ފިލްމުގެ ނަމަކީ "ދަ ގްރޭޓް އިންޑިއަން ފެމިލީ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޑިސްފަންކްޝަނަލް ފެމިލީއެއްގެ ވާހަކަ ކިޔައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް ފިލްމުގެ ނަމަކަށް "ދަ ގްރޭޓް އިންޑިއަން ފެމިލީ" ކިޔާފައި ވަނީ ފިލްމުގެ ޕްލޮޓާ ވަރަށް ގުޅޭ ނަމަކަށްވާތީ ކަމަށެވެ. ނަމަވެސް ފަހަރުގައި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ލަފައަކަށް ނަން ބަދަލުކޮށްފާނެ ކަމަށް ބުންޏެވެ.
މި ފިލްމުގެ ޑައިރެކްޓަރު ވިކްޓާ އަކީ "ދޫމް 3" ގެ ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގައި އަމީތާބް ބައްޗަން އާއި އާމިރު ޚާނާ އެކު ގެނެސްދިން "ތަގްސް އޮފް ހިންދުސްތާން" އެވެ.
"ދަ ގްރޭޓް އިންޑިއަން ފެމިލީ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ. ސަބަބަކީ ފިލްމުގެ ބަތަލާ މަނޫޝީ އަކީ އަދިތިޔާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މި އަހަރުގެ ނޮވެމްބަރު 5 ގައި ގެނެސްދޭ އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އިން ބޮލީވުޑަށް ތައާރަފުކުރާ ބަތަލާއަކަށްވުމެވެ. މަނޫޝީ އަކީ 2017 ގެ މިސް ވޯލްޑެވެ.
"ޕްރިތުވީރާޖް" ގެ ފަހުން "ދަ ގްރޭޓް އިންޑިއަން ފެމިލީ" ގެނެސްދޭން ނިންމާފައިވާ އިރު އަންނަ އަހަރު ވައިއާރްއެފުން އެންމެ ފުރަތަމަ ގެނެސްދޭނެ ކަމަށް ބެލެވެނީ ވެސް އެ ފިލްމެވެ.
ޑރ. ޗަންދުރަޕްރަކާސް ޑައިރެކްޓްކޮށްފައިވާ ތާރީހީ ހަނގުރާމަ ފިލްމު "ޕްރިތުވީރާޖް" ގެ ކާސްޓްގައި ސަންޖޭ ދަތާއި ސޯނޫ ސޫދާއި ސާކްޝީ ތަންވަރާއި މާނަވް ވިޖް އަދި އަޝުތޯޝް ރާނާ ފަދަ ތަރިން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy