ރިޕޯޓް / ހެކިބަސް ބަޔާން ލީކުވުން

ސިއްރު ވިޔަސް، ހެކިންނަށް ދައުލަތުގެ ރައްކާތެރިކަމެއް ނެތް

ސިއްރު ހެކިންގެ މައުލޫމާތު ލީކްވުމުން އެ މީހުންނަށް ބިރު ދެއްކުމުން މުޅި ޝަރީއަތުގެ މިސްރާބު ބަދަލުވެ، ތުހުމަތުކުރެވޭ މީހުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު.

ފުލުހުންގެ މައި އިދާރާ: ސިއްރު ހެކިންގެ މައުލޫމާތު ލީކުވެ، އެ މީހުންނަށް ނުރައްކާތަކާ ދަނީ ކުރިމަތިވަމުން -- ފޮޓޯ/މިހާރު

ޓާމިނަލް ކެފޭ ތެރޭގައި ޖުލައި، 2017 ގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ ޝަރީއަތުގައި ހަތަރު މީހަކަށް ކުރާ ދައުވާއާ ގުޅިގެން ސިއްރު ހެކިވެރިންތަކެއް ދާދި ފަހުން ކޯޓުގައި ހެކިބަސް ދިނުމާ އެކު، ދެން ހިނގަން ފެށީ މާލޭގައި ސިލްސިލާ މާރާމާރީތަކެކެވެ. ބާކީ ތިބި ގިނަ ހެކިވެރިން ހެކިބަސް ދޭން ބޭނުމެއް ނުވި އެވެ. ކޯޓަށް ހާޒިރުވި މަދު ހެކިންގެ ހަނދާނުގައި "އެ ހާދިސާ މާ ބޮޑަކަށް" ނެތެވެ. ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ސިއްރު ހެކިވެރިންނަށް ބަޔަކު ބިރު ދައްކައި، ނުފޫޒު ފޯރުވަމުންދާ މައްސަލައެއް ފެންމަތިވެ، ބައެއް ހެކިވެރިން ހެކިބަސް ދޭން ދެކޮޅު ހެދި އެވެ.

އިއުތިރާފްގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރި ނިޒާމު ދޫކޮށްލައި، ހެއްކާއި ގަރީނާގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގަން ފެށި ފަހުން ޖިނާއީ ބޮޑެތި މައްސަލަތައް ސާބިތުނުވެ، ތުހުމަތުވާ މީހުން މުޖްތަމައުގެ ތެރެއަށް ދޫވާ އެންމެ ބޮޑު ސަބަބަކީ ހެކި ނެތުމެވެ. ހެކި ހޯދިޔަސް، ކޯޓާ ހަމައަށް ދާއިރު ކޮންމެވެސް ސަބަބަކާ ހެދި ހެކިވެރިޔާ "ހަނދާން ނެތުމެ"ވެ. ހާދިސާގެ މަތިން ހެކިވެރިން "ހަނދާން ނެތޭ" މިންވަރަށް ކޯޓުގައި މައްސަލަ ލަސްވި ޒަމާނެއް ވެސް ދިިޔަ އެވެ. މިހާރު ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތުމުން މައްސަލަތައް ނުނިމި ދިގުލައިިގެންދާ މައްސަލަ ނިސްބަތުން ވަރަށް ކުޑަ އެވެ. ނަމަވެސް ހެކިވެރިންނަށް ހަގީގީ ރައްކާތެރިކަން އެބަ ދެވޭތޯ މިއީ ބޮޑު ސުވާލެކެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނަގަން ފެށީ ހެކިވެރިންނަށް ބިރު ދެއްކުމާއި އެކި ނުފޫޒުތައް ފޯރުވައި، ހެކިބަސް ބަދަލުކުރުވުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، އިންސާފު ގާއިމްކުރަން އެ ނޫން ގޮތެއް ނެތުމުންނެވެ. ސިއްރުން ހެކިބަސް ނެގުމަށް ކުރިމަތިވާ ގާނޫނީ މައްސަލަތަކަށް ވުރެ، ގޭންގް ކުށްތަކާއި މާރާމާރީ އާއި މީހުން މެރުމުގެ މައްސަލަތަކުގެ ނުރައްކާ ބޮޑުވުމުންނެވެ. ނަމަވެސް އެއީ ނަމެއްގައި ދިން ހިމާޔަތެކެވެ. ސިއްރުން ހެކިބަސް ނަގަން ފެށިޔަސް، ހެކިންގެ މައުލޫމާތު ކޮންމެވެސް ގޮތަކުން ދަނީ އާންމުވަމުންނެވެ.

ސިއްރުން ހެކިބަސް ނަގަނީ ކޯޓުގެ ސިއްރު ތަނެއްގައި އެ މީހާ ބަހައްޓައިގެން ކާކުކަން ނޭނގޭ ގޮތަށް އަޑު ވެސް ބަދަލުކޮށްގެންނެވެ. އެ މީހުންގެ މައުލޫމާތު އެނގޭނީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އެ މައްސަލައެއް ބައްލަވާ ގާޒީ އާއި ކޯޓުގެ މަދު މުވައްޒަފުންތަކަކަށް އެކަންޏެވެ. ހެކިބަސް ދިނުމަށްޓަކައި ސިއްރުވެރި ގޮތެއްގައި ކޯޓަށް ދިއުމާއި ގެނައުމުގެ އިންތިޒާމް ހަމަޖައްސަނީ ފުލުހުންނެވެ.

ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަވެދާނެ އެއްވެސް ސުވާލެއް އެ މީހުންނާ ކުރުން ޝަރީއަތުގައި މަނަލެވެ. ސުވާލު ކުރިޔަސް، ޖަވާބު ދޭކަށް ނުޖެހެ އެވެ. އެ މީހުންގެ ތަހުގީގު ބަޔާންތައް އޮންނާނީ ވެސް މައްސަލަ ބައްލަވާ ގާޒީ އާއި ދައުލަތުގެ ވަކީލުގެ އަތުގައި އެކަންޏެވެ. ސިއްރު ހެކިވެރިއަކީ ފިރިހެނެއް ކަން ނުވަތަ އަންހެނެއްތޯ ސުވާލުކޮށްލުން ވެސް ގިނަ ފަހަރު މަނަލެވެ. މިހާ ވަރަށް ސިއްރު ކޮށްފައި ހުންނަ މީހެއްގެ މައުލޫމާތު މިއިން ކޮންމެވެސް މުއައްސަސާއެއްގެ ތެރެއިން ނޫން ގޮތަކަށް ލީކުވާނެ ގޮތެއް ނޯންނާނެ އެވެ.

ޝަރީއަތް ހިންގާ މާލަމެއް --- ފޮޓޯ/މިހާރު

ސިއްރު ހެކިންނަށް ނުފޫޒު ފޯރުވުމުގެ މައްސަލައެއް ފެންމަތިނުވާ ޖިނާއީ ބޮޑު މައްސަލައެއް މިހާރު މަދެވެ. ހަމަގައިމު ވެސް، އެ ނުފޫޒުތައް އެ އަންނަނީ ދައުލަތުގެ ސިއްރެއްގެ ގޮތުގައި އޮންނަ ސިއްރު ހެކިވެރިންގެ މައުލޫމާތު ކޮންމެވެސް ގޮތަކުން މުއައްސަސާއެއްގެ ތެރެއިން ލީކުވުމުންނެވެ. މުއައްސަސާތަކުގެ މައްޗަށް ކުރެވޭ އިތުބާރާ މެދު ސުވާލު އުފެދޭ ހިސާބަށް މިކަން މިހާރު ދަނީ ބޮޑުވަމުންނެވެ.

އެކަމަކު ހައިރާންވާން ޖެހޭ ކަމަކީ މިފަދަ އެއްވެސް މައްސަލައެއްގައި އެކަން ކުރި ބަޔަކު ހޯދި، މިހާތަނަށް ފިޔަވަޅު އަޅާފައި ނުވުމެވެ. ހެކިވެރިންގެ މައުލޫމާތު ލީކުވި ގޮތެއް ނުހޯދުމުގެ އިތުރަށް ހެކިވެރިންނަށް ބިރު ދެއްކި ބަޔަކު ވެސް އެއްވެސް މައްސަލައެއްގައި ހޯދުނު ކަމެއް ނޭނގެ އެވެ. ހެކިންވެރިންނަށް ބިރު ދައްކަނީ ކަމަށް ބުނެ، ދައުލަތުން އެކަން ކޯޓުގައި ހާމަކުރުމެކޭ ސައިބޯނި ބޮތްކެކޭ އެއްފަދަ އެވެ. މައްސަލަ ނިމި، ދައުވާ ލިބުނު އެންމެން ނުވަތަ ގިނަ ބަޔަކު ސަލާމަތްވެގެން ދާއިރު ވެސް، ސިއްރު ހެކިން ލީކުވި ގޮތެއް ނުހޯދެ އެވެ.

ހެކި ނެތިގެން ބަޔަކު ދޫވެއްޖެ ނަމަ، ސޯޝަލް މީޑިއާ އާއި މީޑިއާތަކުގައި ވެސް ފަތުއަޑު ކިޔާފައި އެ ވާހަކަ އެވެ. އާންމުންގެ ފާޑުކިޔުންތަކާ ހެދި، މައްސަލަ އިސްތިއުނާފަށް ގެންދަން ދައުލަތަށް ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ އެވެ. އެކަމަކު މީހުން މެރުމާއި ގޭންގް ކުށްތައް ފަދަ، ނުރައްކާތެރި ކުށްތަކުގެ ދައުވާ ލިބޭ މީހުން ޝަރުއީ މަރުހަލާއިން ސަލާމަތް ވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބު ކަމަށް ހެކިބަސް ބަދަލުވުމުގެ މައްސަލައިގެ އަޑި ހޯދަން ދައުލަތާއި ފުލުހުންނަށް ކުރެވޭ މަސައްކަތެއް ނުފެނެ އެވެ.

ހެކިވެރިންނަށް ހިމާޔަތް ނުލިބޭ ވާހަކައަށް ކުރިން އަބަދުވެސް ދައްކަމުން އައީ ހެއްކާ ބެހޭ ގާނޫނެއް ނެތުމުގެ ބަހަނާ އެވެ. ޒަމާނާ ގުޅޭ ތަފްސީލީ ހެއްކާ ބެހޭ ގާނޫނެއް ނެތަސް، ސިއްރުން ހެކިބަސް ނަގަން ފެށީ ކޯޓުތަކާއި ޕީޖީ އޮފީހުން އަމިއްލައަށް އެކުލަވާލި އުސޫލުތަކެއްގެ ދަށުންނެވެ. ފަހުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ވެސް އެ ފުރުސަތު ފަހިކޮށް ދިނެވެ. ގާނޫނެއް ނެތިގެން، ރައްކާތެރިކަން ނުދެވެނީއޭ މިހާރު ބުނެވޭކަށް ނެތެވެ. ހަމައެކަނި މައްސަލައަކީ މުއައްސަސާތަކުގެ ތެރޭގައި އިހްލާސްތެރިކަން ނެތުން ކަން ވަރަށް ސާފެވެ.

ނަމަވެސް ހެކިންގެ މައުލޫމާތު އާންމުވުމުގެ މައްސަލާގައި ކޯޓުތަކުން ބުނަނީ ސިއްރު އެއްވެސް މައުލޫމާތެއް ކޯޓުތަކުގެ ތެރެއިން ލީކުވިކަމުގެ އެއްވެސް މައްސަލައެއް މިހާތަނަށް ފާހަގަނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ނުހިނގާނެ ގޮތަކަށް ނިޒާމުތައް ހަމަޖެހިިފައި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ކޯޓުތަކުން ދެ އެވެ. "އެފަދަ ކަމެއް ހިނގައިފި ކަމަށް ބެލެވޭ ނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނެ. އަދި އެފަދަ ކަމެއް އަޅުގަޑުމެންނަށް މިހާތަނަށް ފާހަގަވެފައެއް ނެތް." ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތް ކަމަށްވާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފިޝަލަކު ވިދާޅުވި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ދޭ ޔަގީން ކަމަކީ އެއްވެސް ސިއްރު މައުލޫމާތެއް ލީކުވުމުގެ ފުރުސަތު އެ އޮފީހުގެ ތެރެއިން ނޯންނާނެ ކަމަށެވެ. ފުލުހުންގެ ބަހަކީ ވެސް އެއީ އެވެ. "ފުލުހުން ތަހުގީގުތަކުގައި އަމަލުކުރާ އުސޫލުތައް ކަނޑައަޅާފައިވަނީ އެފަދަ ކަންކަމުގެ ފުރުސަތު ވީހާވެސް ހަނިވާނެ ގޮތަކަށް. އެފަދަ މައުލޫމާތެއް ފުލުހުންގެ ތެރެއިން ލީކުވާ ކަމަކަށް ނުބެލެވޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނަމެއްގައި ހެކިވެރިންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި ހަރުދަނާ އަދި އިތުބާރު ހިފޭ ނިޒާމެއްގެ ދަށުން އެކަން ކުރެވެން އެބަ ޖެހެ އެވެ. ކޮންމެވެސް މުއައްސަސާއެއްގެ ތެރެއިން މައުލޫމާތު ލީކުވެގެން ނޫން ގޮތަކަށް މިހާ ފުޅާ ދާއިރާއެއްގައި ހެކިވެރިންނަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެ އެވެ.

13 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްލާހު

10 March 2021

ތިފަދަ ކަންކަމުގައި ޕޮލިހުންނަށް އިތުބާރެއް ނުކުރެވެ އެވެ.

The name is already taken The name is available. Register?

ހެއްކެއް

10 March 2021

ފުލުހުންގެ ތަހްގީގުގަ ސިއްރުވާނެއޭ ކިޔާފަ ކޯޓަށް މައްސަލަ ފޮނުވީމާ ދީފަ އޮތް ބަޔާނާ ވަނަވަރަށް ދަންދެން އޮތް ކުށްވެރިވާ މީހާގެ ވަކީލުގެ އަތުގަ މިވަރަށް ދެން ސިއްރުވާނީ.. މީވާ ގައުމެއް.

The name is already taken The name is available. Register?

ހަސަންބެ.

10 March 2021

ކޮވިޑް ގެ ފާޑެއްގެ ގައިޑްލައިނެކޭ ކިއައިގެން ޕީޕީއެމް އޮފީސް ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށްގެން ކޮންމެ ހުކުރުދުވަހަކު ތިބޭނެ ބައިވަރު ފުލުހުންމިތާ އެބަތިބި. އެކަމަކު އެހެން ކަމެއް ކުރަންވެއްޖެއިޔާ ފުލުހުންގެ ވަސީލަތެއްނެތް. ވަގުން ދަންވަރު ވެރިރަށުގައިވެރިކަން ކުރަނީ. ކޮންމެ މީހަކު ވެސް މާލޭމަގުތަންމަތީގައި ދަންވަރު 2 ޖަހާކަށް އިރު ގޮތްބަލާލަން ދުއްވަ ބަލަ އެންމެފުލުހެއްވސް އެންމެ ފުލުހުންގެ ވެހިކަލެއްވެސް ލޮލުބޭހަކަވެސް ނުފެންނާނެ.

The name is already taken The name is available. Register?

ކަލީމާ

10 March 2021

ނޫން! ނޫން! އަދީބު، ޒިޔަތު، ޑްރަގްގެ ބޮޑުން، ކުޑަކުދީންނާއި ބެހޭ މީހުން ތިބީ ގޭގަ! ދެން އޯކޭއެއް ނު! ބޮޑެތި ކުށްވެރިން އެއިރެއްގަ ތިބޭ ސިޔާސީ ވެރިންގެ ރުހުން އޮންނަކަމަށް ވާނަމަ ތިބެނީ މިނިވަންކޮށް! ވަރަށް ވެދުން!

The name is already taken The name is available. Register?

ނަޖީބުއްރަހްމާން

10 March 2021

މިއައްވުރެ ފަސޭހައިން ކުއްކުރާމީހުން ހުއްޓުވާނެ ގައުމެއް ނެތް. އެކަމަކު އެކަން ހުއްޓުވަން ތިބޭ މީހުންނައް އެކަން ނުކުރަންޏާ ދެން ކޮންބައެއް އެކަން ހުއްޓުވާނީ. އެހެން ވީމާ ދާނީ ފެއިލްވަމުން. އެ މިފެއްނަނީ.

The name is already taken The name is available. Register?

އަލީޝާކިރު

10 March 2021

ދިގު މަޒުމޫނު ލިޔެގެން ހައްލެއް ނުވާނެ. ކޯޓުތަކާއި، ޕީޖީއާއި، ޕޮލިހުގެ މުވައްޒަފުންގެ ތެރެއިން ސިއްރު ހެކިންގެ މައުލޫމާތު އެނގޭ މުވައްޒަފުންނަކީ ކޮންބައެއްކަން ކަނޑައަޅައި އެމުވައްޒަފުންގެ ބެކްގްރައުންޑާއި، ހަރަކާތްތަކާއި މުއާމަލާތްތައް ވަރުގަދައަށް މޮނިޓަރ ކުރަމުން ގެންދެވޭނޭ ސިސްޓަމެއް ގާއިމުކުރޭ. އޭރުން މިކަން ހައްލުވީ. ދެވަނަ ކަމަކީ މައްސަލަ ސާބިތުކުރެވެނީ ހަމައެކަނި ހެކިބަހަކުން ނޫން. ރަނގަޅު ފޮރެންސިކް ޑިޕާޓްމެންޓެއް ޕޮލިހުގައިއޮންނަން ޖެހޭ

The name is already taken The name is available. Register?

ކޮރަލް

10 March 2021

ސިޔާސީ ބޮޑުން ނާ ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅާ އިރު ސިއްރު ހެކީންގެ އެއްވެސް މައްސަލަ އެއް ދިމައެއް ނުވެ އެވެ. މައްސަލަ ވެސްނިމެ އެވެ.ހުކުމް ވެސް ކުރެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިކަމުގަ ވާ ޑްރަގް ވިޔަފާރީގެ އެއްވެސް ބޮޑުމައްސަލަ އެއް ނުނިންމެއެވެ. އަޑީގަ ބައެއް ސިޔާސީ ބޮޑުންނެވެ. ސިއްރު ހެކިންގެ މައުލޫމާތު ހާމަ ވަނީ ވ މަތީންނެވެ.

The name is already taken The name is available. Register?

ފަރީދާ

10 March 2021

އެހެން ވީމައި ނުލާފާ މީހާއަށް ޖެއިލް ފްރީ ކާޑެއްތާ ތީ؟ ދެން ކިހިނެތް މިގައުމުގައި އިންސާފު ހޯދާނީ..

The name is already taken The name is available. Register?

ހަސަނު1

10 March 2021

ސާބަސް މުއިއްޒު

The name is already taken The name is available. Register?

ކެމްޕަސް

10 March 2021

މާލޭ ފިހާރައެއްކާއިރީ ބޮޑު ގޭންގް ގައިޓެއްގަ އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންގޮސް ދިނިން. ފުލުހުން ބަޔާން ނަގަން ހަމަ އެރޭ ގުޅާނެ ވާހަކަބުނި. އެކަމަކު ފުލުހުންނަށް ވުރެ ކުރިން އެހެން މީހަކު ގުޅާ އަޅުގަނޑުގެ ހުރިހާ މައުލޫމާތެއް ކިޔާލި. އާއިލާ އެންމެންގެ މައުލޫމާތު ވަޒީފާ އަދާކުރާތަން. ގެ ހުންނަ ތަން . ދެން ބުނި ތިކޮޅަށޭ އެނގޭނީ ކުރިއަށްދާނެ ގޮތެއް ފުލުހުން ގުޅުމުން އަޅުގަނޑު ބުނިން ބަޔާން ދޭން އުޒުރުވެރި ވާ ވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454