އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއަށް ދެކޮޅަށް މިދިޔަ އަހަރު ކުރި މުޒާހަރެއްގައި ބައިވެރިވި ބައެއް މީހުން: ކޮވިޑްގެ ހާލަތުގައި އަންހެނުންނަށް ކުރާ އަނިޔާ އިތުރުވެފައިވޭ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
08 މާޗް 2021 - 20:17
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހާލަތުގައި ނުރަސްމީ މަސައްކަތްކުރާ ގިނަ އަންހެނުންގެ މަސައްކަތްތައް ހުއްޓި އާމްދަނީ ލިބޭނެ ގޮތް ގެއްލިފައިވާ ކަމަށާއި ސިޔާސަތުތައް ހަދާ އިރު އެކަމަށް ސަމާލުވާން ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.
އެޑްވޮކޭޓިން ފޮ ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އާއި ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އާއި ހޯޕް ފޮ ވިމަން އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ އަންހެނުންގެ ދުވަހަކީ އަހަރަކު އެއްފަހަރު ފާހަގަކުރާ ދުވަހެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން ސިޔާސަތުތައް ރަނގަޅު ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ މާޗު މަހުގެ އަށް ވަނަ ދުވަހެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހާލަތުގައި އަންހެނުން އުފުލަންޖެހޭ ތަކުލީފުތައް އިތުރުވެފައިވާ ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ.
އޭގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާ އިތުރުވުމާއި އެ މީހުންނަށް ހިދުމަތްދޭ މުއައްސަސާތަކުގެ މަސައްކަތަށް ބުރޫ އެރުން ހިމެނޭ ކަމަށެވެ. އަދި އާމްދަނީ ލިބޭނެ ގޮތް ވެސް ގިނަ އަންހެނުންނަށް ގެއްލިފައިވާކަން ފާހަގަކޮށް، ސިޔާސަތުތައް ހަދާ އިރު އަންހެނުން ކުރިމަތިލާން ޖެހޭ ގޮޮންޖެހުންތަކަށް ސަމާލުވާން ޖެހޭ ކަން ބުނެފައި ވެ އެވެ.
އެ ޖަމިއްޔާތަކުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ސްޓިމިއުލަސް ޕެކޭޖް އާއި ރިކަވަރީ ޕޮލިސީތައް ހެދުމުގައި އިންސާފުވެރި، ހަމަހަމަ އުސޫލްތައް އެކުލަވާލުން މުހިއްމު ކަމަށް ބުނެފައި ވެ އެވެ. އަދި ސިޔާސަތުތައް ހަދާ އިރު ނުކުޅަދުންތެރިކަން ހުންނަ އަންހެނުންނާއި ދުވަސްވީ އަންހެނުންގެ ހިޔާލު ހޯދުމުގެ މުހިއްމުކަން ވެސް ފާހަގަކޮށްފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަމުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވެސް ވިދާޅުވީ އަންހެނުންގެ ނުރަސްމީ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑު ކަމަށެވެ. އަދި އެ މީހުންނަށް އިންކަމް ސަޕޯޓު ލިބޭނެ ގޮތަށް ލުއި ގޮތްތަކެއް ގެނައި ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިލާ
08 March 2021
ކަރަޕްޝަން މަދުކުރީމާ ހުރިހާކަމެއް ރަނގަޅުވާނެ. މައްސަލަ ޖެހެނީ ވޯޓާއި ދިމާކޮށް ފައިސާ ބަހާތީ. އަދި ރައްޔިތުން ތިބި ހާލަތުން އޭގައި ނުހިފައި ނުވަނީ. ބަދަލު ކުރަން ޖެހެނީ ދިވެހިންގެ ދިރިއުޅުމުގެ ޙާލަތު.